ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި ބަންގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފްދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުޙަބާ ދަންނަވާފައި ވަނީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ޝައިޚް ޙަސީނާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރާއްޖެއާއި ބަންގްލަދޭޝް ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި ދެޤައުމުގެ ދެމެދުގައި 4 އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.



advertisment