Support Us

ދަނބިދޫ ޙުސައިން ޔޫސުފް -ފޮޓޯ: ލާމު ހިސްޓްރީ/ އެފް.ބީ

ލ. އަތޮޅުވެރިކަމާއި ހައްދުންމަތީ ދަނާލުގެ މުދީރުކަން ކުރެއްވި ދަނބިދޫ ޙުސައިން ޔޫސުފް އަވަހާރަވެއްޖެ

ލ. އަތޮޅުގެ އަތޮޅުވެރިކަމާއި ހައްދުންމަތީ ދަނާލުގެ މުދީރުކަމުގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ލ. ދަނބިދޫ، ޙުސައިން ޔޫސުފް މިއަދު ހެނދުނު އިންޑިޔާގައި އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޙުސައިން ޔޫސުފަށް ހަތަރު ކައިވެންޏަކުން ހަތަރު އަންހެން ބޭފުޅުންނާއި ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

ޙުސައިން ޔޫސުފްގެ މަންމަ ދަނބިދޫ މުދިންކަލޭގެފާނުގެ މަރިޔަމްމަނިކެއަކީ ހައްދުމަތީގެ އަތޮޅުވެރިކަން ކުރެއްވި މަޝްހޫރު ހާހާޖީއަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. ޙުސައިން ޔޫސުފްގެ ބައްޕަ ދަނބިދޫ ކަލޭފާނު ނުވަތަ ދަނބިދޫ ޔޫސުފް ކަލޭފާނަކީ އޭނާގެ ޒަމާނުގައި ދަނބިދޫގައި ދީލަތި ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، އަތޮޅުގެ ކަމުވޮށީންގެ ތެރޭގައި ގުނޭ އިސް ބޭފުޅެކެވެ.

ހައްދުމަތީގެ އަތޮޅުވެރިކަމުގެ މަގާމު ޙުސައިން ޔޫސުފަށް ލިބިވަޑައިގަތީ 6 ޖޫން 1988 ގައެވެ. އޭގެ ކުރިން ހުންނެވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައެވެ.

ޙުސައިން ޔޫސުފަކީ ސިޔާސީ، އިޖުތިމާޢީ އަދި ތާރީޚީ މަޢުލޫމާތުތައް ވަރަށް މުއްސަނދި ބޭފުޅެކެވެ.

ތާރީޚީ ގޮތުން ބަލާއިރު ހައްދުންމަތީގެ ތާރީޚުގައި ހައްދުންމައްޗަށް ނިސްބަތްވާ ބޭފުޅަކަށް އެންމެފަހުން ހައްދުންމަތީގެ އަތޮޅުވެރިކަމުގެ ފަތްކޮޅު ލިބިވަޑައިގެންނެވި ބޭފުޅަކީ ޙުސައިން ޔޫސުފެވެ. އޭނާއަކީ ހައްދުންމަތީ ދަނާލުގެ އެންމެ ފުރަތަމަ މުދީރެވެ.

"ޙުސައިން ޔޫސުފް ވަކިވެދިޔުމުން އޮއްސިގެން އެދިޔައީ ހައްދުންމަތީގެ ޚިދުމަތުގެ އުޑުގައި ފިޔަޖެހި އަލިގަދަ ތަރިއެކެވެ. ގެއްލިގެން އެދިޔައީ މިއަދު ގައުމުގެ އެކި ރޮނގުރޮނގުން ޚިދުމަތުގައި ދެމިތިބި ހަރުދަނާ އެތައް ބޭފުޅުންނެއްގެ ޅަފަތުގައި އެކުދީންގެ މުދީރުގެ ހައިސިއްޔަތުން ލޯބި ހޯއްދެވި ހަރުދަނާ ޝަޚުސިއްޔަތެކެވެ. އޮހޮރިގެންދާ ކަރުނަ ތިތްކެއްގެ ބައްޓަމަށް އޮތް ލާމުއަތޮޅު އެމަރްޙޫމްގެ ވަކިވެދިޔުމުން ރޮއްވާލާނެ ޚިދުމަތްތެރިއެކެވެ." މަރުހޫމު ޙުސައިން ޔޫސުފާ ގާތް ބޭފުޅެއް ކަމަށްވާ ޠާހާ އަބޫބަކުރުގެ ފޭސްބުކްގައި މިއަދު ލިއުއްވައިފައިވެއެވެ.

"މަރްޙޫމް ޙުސައިން ޔޫސުފް އަވަހާރަވުމުގެ ހިތާމައިގައި އެމަނިކުފާނުގެ ލޮބުވެތި އާއިލާއަށް ހިތުގެ އެންމެ ފުނުން ތައުޒިޔާ ދަންނަވަމެވެ. އެމަރްހޫމަށް ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތުގައި ލަހައްޓަވާށިއެވެ. އާމީން."

 

މައުލޫމާތު: ޠާހާ އަބޫބަކުރުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް