ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މި އަހަރުގެ ނޮވެންބަރު 29 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި ބިލަށް ގެނައި އިޞްލާޙުގެ ތެރެއިން ޓެރެރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ލިބި، އެފަރާތްތަކަށް ލިބިދޭ ބައެއް ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅުއްވާފައިވެއެވެ. އަދި މި އިޞްލާޙުގައި ދިވެހިރާއްޖެއިން ބޭރުގައި ޓެރެރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށްޓަކައި މި ޤާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ހަނގުރާމަވެރިންނާގުޅޭ ޙާއްޞަ އިޖުރާއަތުތަކަށް ބަދަލުގެނެސްފައިވެއެވެ. ހަމަ އެއާއެކު، މި އިޞްލާޙުގައި ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގެންނަން ޖެހޭ މުހިންމު ކަންކަން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި އިޞްލާޙުގައި ޓެރަރިޒަމާ ގުޅުންހުރި ކަންކަމުގައި ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީ މުހިންމު ކަންކަން ބަޔާންކޮށްފައިވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް މި ގެންނެވި އިޞްލާޙާއި ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 30 ދުވަސްތެރޭގައި، ޤާނޫނުގެ 60-15 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލަންޖެހޭ ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީ، މިނިސްޓަރ އެކުލަވާލަންވާނެކަމުގައި ކަނަޑައަޅުއްވާފައިވެއެވެ. ހަމަ އެއާއެކު މި ޤާނޫނަށް ޢަމަލުކުރަންފަށާތާ 30 ދުވަސްތެރޭގައި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައި މިއަދު އަމަލް ކުރަން ފަށައިފައެވެ.



advertisment