Support Us

ޙުސައިން ވަޙީދުގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަލްމަރްހޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް ޙުސައިން ވަޙީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމުގައި ލިޔުއްވާފައެވެ. އަދި އެމަނިކުފާނު ޙުސައިން ވަޙީދާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ޙުސައިން ވަޙީދުގެ ހިތްޕުޅު ހެޔޮކަމާއި، އެކުވެރި މަޖާ މިޒާޖު ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމުގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ޙުސައިން ވަޙީދަކީ ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތްކުރެއްވިއިރުވެސް ހެޔޮލަފާދެއްވާ ވިސްނުންތެރި އަދި ދިމާވި އެކި ހުރަސްތަކާއި އަޑިގުޑަންތަކުން އަރައިގަތުމުގައި ކެރިގެން ކުރިމަތުލެއްވި ބޭފުޅުއްގެގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޙުސައިން ވަޙީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ޙުސައިން ވަޙީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސްލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ޙުސައިން ވަޙީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ޙުސައިން ވަޙީދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް