Support Us

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެ

02:30

ރައްޔިތުންގެ މަޖިލީސްގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު މީގެ ގަޑިއެއްހާއިރު ކުރީން އަވަހާރަވެއްޖެއެވެ.

ހުސެއިން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އުމުރުފުޅުން 53 އަހަރުގައި ހުސެއިން އަވަހާރަވީ އޭ.ޑީ.ކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން (ދެ އަންހެން) އެބަތިއްބެވިއެވެ.

އެމް.ޑީ.ޕީ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތްތާ ގިނަ ދުވަސްތަކެއް ނުވެ ކެންސަރުގެ އަލާމާތްތައް ފެނިގެން ހުސެއިން ވަނީ ދުބާއީއަށް ވަޑައިގެން އެތާނގައި އަހަރެއްހާ ދުވަހު ހުންނަވައިގެން ފަރުވާ ހޯއްދަވައިފައެވެ. ފަރުވާއަށްފަހު ރާއްޖެ ވަޑައިގެން މަޖިލީހަށް ނުކުންނެވީ މި އަހަރުގެ މާޗު 29 ގައެވެ. މަޖިލީހުގެ ތަޅުމަށް އެ ދުވަހު އޭނާ ވަދެވަޑައިގެންނެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ފާހަގަކުރައްވައި މަރުހަބާ ވިދާޅުވިއެވެ.

މެދުކެނޑުމަކަށްފަހު މަޖިލީހަށް ނުކުންނެވި ދުވަހު ހުސެއިން ތަޅުމުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ވާހަކަ ދެއްކެވިއެވެ. ވާހަކަ ދެއްކެވުން ފެއްޓެވީ ޝުކުރުގެ ލިސްޓަކުންނެވެ.

"ބޭސްފަރުވާއެއް ކުރަމުން މިއަދު މިހިސާބަށް އައިސް އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން އަޅުގަނޑު ހަމަ މާތްﷲ ސުބްހާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރު ކުރަން،" ހުސެއިން ވިދާޅުވި އެވެ. އެއަށްފަހު ވިދާޅުވީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ކޮމަންޑޫ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ހެޔޮއެދޭ އެތައް މެމްބަރުންނެއް ގުޅުއްވައި ހާލު ބައްލަވަމުން ގެންދެވި ކަމަށްޓަކައި އަދި ހެޔޮ ދުއާކޮށް ދިން ކަމަށްޓަކައި އެ އެންމެންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނަމަވެސް އާލާސްކަންފުޅާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އެ ދުވަހަކު ނުދައްކަވައެވެ.

މަޑުމައިތިރި މިޒާޖެއްގެ ހުސެއިންގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެސް މިދިޔަ އަހަރު މެދުތެރޭގައި އެތައް ދުވަހަކު ފަރުވާ ހޯއްދެވިއެވެ.

ހުސެއިންގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް