Support Us

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވައި، އިތުރު ހަތަރު ބިލެއް ތަސްދީޤުކުރައްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލާއެކު އިތުރު ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުމުގެ ބިލާއެކު ރައީސް ތަސްދީގު ކުރެއްވި އެހެން ބިލްތަކަކީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ބިމާބެހޭ ޤާނޫނަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ހަ ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު އުވާލުން

ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނަށް ގެނައި އިސްލާހާއެކު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދިޔަ ޚިދުމަތްތައް ދެމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެންދާނެ ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، އަދި އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުވާނެކަމުގައިވެސް މި ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 49 ވަނަ މާއްދާ ފަހަތަށް 1-49 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ކަމާގުޅޭ ޤަވާޢިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ޤަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން މި އިސްލާހުގައި "ރަށު ކައުންސިލު"، "ސިޓީ ކައުންސިލު" އަދި "އަތޮޅު ކައުންސިލު" މާނަކުރާގޮތް ހިމަނާފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިޢު ކުރަންޖެހެއެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ގާނޫނުގައި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގެ ފަސް ވަނަ މާއްދާގެ ފަހަތަށް 1-5 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް  މި ޤާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ކަމާގުޅޭ ޤަވާޢިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ޤަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މި އިޞްލާޙާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިޢު ކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުން

ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބޭނުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 150 ވަނަ މާއްދާގައި، އެ ޤާނޫނާއި އެ ޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް، އެ ޤާނޫނަށް ނުވަ ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ ޤާނޫނުތަކަށް އިޞްލާޙް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެ ޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމެވެ.

އެގޮތުން އިޞްލާޙްކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ޙަވާލުކުރާނީ، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ޙަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުޢާމަލާތުކުރަންވާނީ، މި ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މި ޤާނޫނަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެންނަވާފައެވެ.

މި ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، ޤާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްވަނީ ކަނޑައަޅުއްވާފައެވެ.

މާލިއްޔަތުގެ ޤާނޫނަށް ގެނައި އިޞްލާޙް

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި ޢަމަލުކުރަންވީ އުޞޫލަށް އިޞްލާޙް ގެނެސްފައިވެއެވެ. އަދި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުޞޫލުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު ޢަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ޚަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މިނިސްޓްރީއާ ޙިއްޞާކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށް މި ޤާނޫނުގައި ކަނޑައަޅުއްވައިފައިވެއެވެ.

މީގެ އިތުރުންވެސް މި ބިލުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ވަރަށް މުހިންމު އިޞްލާޙްތަކެއް ވަނީ ގެންނަވާފައެވެ. އަދި މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް