Support Us

ނުކުޅެދުންތެރީންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން: ރައީސުލްޖުމްހޫރިއްޔާ

ދައުލަތުގެ ފަރާތުން ޚިދުމަތް ދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރިވެލި އެވޯޑް 2021 ދިނުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުރި މީހުންނަށާ ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ. މި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަވާ ކުރިޔަށްގެންދެވިކަން ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ މުހިންމު ކަމަކީ، އެންމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ ފުރިހަމައަށް އެފަރާތްތަކަށް ދިނުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ "ރިވެލި އެވޯޑް 2021″ ޙާޞިލުކުރި ހަ ފަރާތަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞާ ލޯގޯ އާއި އެފަދަ ފަރާތްތައް ބޭނުންކުރާ ވެހިކަލްތަކުގައި ބޭނުންކުރާ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހުނަރު ދައްކާލުމަށް ކުރިޔަށްގެންދިޔަ މުބާރާތް "ރިވެލި ތަރި"އަށް ހޮވުނު ހަތް ފަރާތަށް ދެއްވާ ޚާއްޞަ އެވޯޑާއި އިނާމު ހަވާކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް