ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އުފުލައިފައި ވީނަމަވެސް މިވަގުތު އިސްތިއުފާ ނުދެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރް.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
މި ދައުވާ ކުރަނީ "އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން ތެއްތިރީސްހާސް އެމެރިކާ ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ" ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
މިއީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ވަޒީރެއްގެ މައްސަލަ ޝަރީއަތަށް ފޮނުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް މަހުލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެ" ކަމަށާއި މިއީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމުގެ "ޒާތީ ނިންމުމެއްކަން" ކަނޑައެޅިގެން ކަނޑައެޅިގެން އެނގޭ ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން ޕީޖީ ޝަމީމު ވާހަކަ ދައްކަވައިފައިވާ ކަމަށް ބެލެވޭ ޗެޓްލޮގެއް ވެސް މަހުލޫފުގެ ޓްވީޓުގައި ވަނީ ހިމަނައިފައެވެ.
"އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެ،" މަހުލޫފު ވިދާޅުވިއެވެ. "ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް."
ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ މިޗެޓްލޮގުން އެކަނި ހާމަވާނެ.
ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު " ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް.
އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެ. pic.twitter.com/oyDIFy8epu
— Ahmed Mahloof (@AhmedMahloof) November 24, 2021
މަހުލޫފު ކުރިން ވިދާޅުވީ މައްސަލަ ޝަރީއަތަށް ފޮނުވައިފި ނަމަ ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
މަހުލޫފުގެ ޓްވީޓާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަޢުވާ ލިބޭ ފަރާތާ މެދު ރުޅިވެރިކަން އޮވެގެން ކުރާ ދަޢުވާއަކީ ބާޠިލު ދަޢުވާއެއް" ކަމަށާއި "މިއީ އަސްލެއްނަމަ ޝަމީމް އިސްތިއުފާދެއްވަންޖެހޭނެ" ކަމަށެވެ.
މިއީ އަސްލެއްނަމަ ޝަމީމް އިސްތިއުފާދެއްވަންޖެހޭނެ. ދަޢުވާ ލިބޭފަރާތާ މެދު ރުޅިވެރިކަން އޮވެގެން ކުރާ ދަޢުވާއަކީ ބާޠިލު ދަޢުވާއެއް. @PGO_MV https://t.co/89AGOpr7Re
— Ahmed Hailam (@AhmedHailam) November 24, 2021