Support Us

ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އިޖްތިމާޢީ އިންސާފު: ރައީސުލްޖުމްހޫރިއްޔާ

ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެއްގެ އެންމެ އަސާސީ ސިފަކަމަށާއި ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އިޖްތިމާޢީ އިންސާފުކަމާއި އަދި ފާއިތުވި ތިން އަހަރު ސަރުކާރުން މަސައްކަތްކުރެއްވީ އެ ހަމަ ހިފެހެއްޓެވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖުމްހޫރިއްޔަތުގެ އަސާސްއަކީ އަބަދުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރުންކަމަށާއި އެގޮތުން ފާއިތުވި ތިން އަހަރަކީ މިމަގުން ސަރުކާރު ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދިން ތިން އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތައް ދޫކޮށް މުޅި ރާއްޖެ ލާމަރުކަޒުކުރުމަށް ވެސް ފާއިތުވި ތިން އަހަރު ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީހުން ބިނާކުރުމަށް ސަރުކާރުން ފާއިތުވި ތިން އަހަރު ވަރަށްބޮޑު އިސްކަމެއް ދިންކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެގައި އޭ-ލެވެލް އަށް ކިޔަވައިދިނުން ފެށުމާއި، ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމާއި ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް 1000 އަށްވުރެ ގިނަ ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރަޙައްދީ ތަރައްޤީއަކީ ވެސް ލާމަރުކަޒީ ނިޒާމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތާއި ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާކުރެވޭގޮތަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މި ތިން އަހަރުގެ އަމާޒަކީ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހިންގަންފަށައި އަދި ކުރިޔަށްއޮތް ދެ އަހަރުގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތިލަމާލެ ކަނެކްޓިވިޓީގެ ބުރިޖާއި ހައިސްޕީޑް ފެރީ ނެޓްވޯކް، ދަތުރުފަތުރުގެ ވިއުގައިގެ އަގުތިރިކުރުމަށް ކުރާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިޔަށްއޮތް ދެ އަހަރު ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވާނީ މިފަސްއަހަރަށް ސަރުކާރުން ވީ ވަޢުދުތައް ފުއްދާ ނިންމުން ކަން ފާހަގަކުރައްވައި އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅީ އެމިސްރާބަށް ވާޞިލްވުމަށްކަމުގައި ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހޭދުކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި މާލެ ސަރަޙައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރަމުންދާ ހައުސިން ޔުނިޓްތަކުގެ އިތުރުން، ބިން އުފެއްދުމާ، އުފެދިފައި ހުރިބިންތައް ގުޅުވާލުން މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް