Support Us

ރަސްދޫގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ ކަައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ރަސްދޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ޝުޢޫރާއި ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަން ރަސްދޫއަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ކައުންސިލްގެ ފަރާތުން ޝުކުރުއަދާކުރެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫޢުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީޒްގެ ޚިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީސްތައް މަދުވުމުން ހުރި ކަންބޮޑުވުންތައް އަދި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަލަށް މިފަދަ ކޮމިޓީއެއްގެ މަސައްކަތްކުރިޔަށްދާއިރު ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މަޢޫލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ޙައްލެއް ވަގުތީ ގޮތުން ވިޔަސް ލިބޭނެކަމަށާއި، ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ޙައްލެއް ހޯއްދެވުމަަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވަޢުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫޢެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޚާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަސްދޫގައި ގިރާ ސަރަޙައްދަށް ވަޑައިގެން އެތަން ވެސް ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް