Support Us

ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ތޮއްޑޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތޮއްޑޫ ކައުންސިލްގެ އަމާޒަކީ ލާމާރުކަޒީ ޤާނޫނަށް ގެންނަ ބަދަލާއެކު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ފުރިހަމަ ބޭނުން ހިފައި ރަށަށް ތަރައްޤީ ގެނެސްދިނުން ކަމުގައި ތޮއްޑޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ތޮއްޑޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ މަގު ހެދުމަށް ބޭނުންވާ ކަމަށާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާ ދޭތެރޭ ހުރި ހުށަހެޅުންތަކާއި ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ފާހަގަކުރައްވާއެވެ. މީގެ އިތުރުން ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އޮފީސް އިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ކަމަށާއި، ރަށުގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް އައިޖީއެމްއެޗްގެ އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރަށުގެ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ނިމި 12 ކްލާސްރޫމް ނިމިފައިވާ ކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގޮތްތަކެއް ބައްލަވަމުން ގެންދަވާ ކަމަށާއި ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަމަށް ރިޔާއަތްކޮށް މަސައްކަތްކުރިޔަށް ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ވަނީ ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް