Support Us

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ބިނާކުރާ "ވިނަރެސް" މަޝްރޫއުގެ ފްލެޓްތައް

ސީލައިފަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" ފްލެޓް ވިއްކަނީ

ފޭލިވެފައި އޮތް ސީލައިފް ޕްރޮޖެކްޓުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައިފައިވާ މީހުންގެ ތެރެއިން އެޗް.ޑީ.ސީ އަށް ލިޔުން ހުށަހަޅައި، އެ ކޯޕަރޭޝަނުން ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ "ވިނަރެސް" މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ރީފަންޑު ކޮށްދީފައިވާ މީހުންގެ ތެރެއިން ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 28ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީކުރަންޖެހޭ ކަމަށެވެ.

"އެހެން ކަމުން، މަތީގައި ދެންނެވުނު ފަރާތްތަކުގެ ތެރެއިން ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 15:30 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. މިލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް، ވިނަރެސްގެ މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، މި ކޯޕަރޭޝަނުން ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެން ފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާނަމަ، ފައިސާ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން residential@hdc.com.mv އަށް އީމެއިލް ކުރުމަށްފަހު ރަޖިސްޓްރީ ކުރެއްވުން އެދެމެވެ."

ސީލައިފް ޕްރޮޖެކްޓަކީ ހުޅުމާލޭގައި ބޮޑު ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ކަމަށް ބުނެ، ގިނަ ބައެއްގެ އަތުން އެޑްވާންސަށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު، ކުންފުނީގެ ވެރިޔާ ފިލައިގެން ދިއުމުން ހުއްޓިފައި އޮތް ޕްރޮޖެކްޓެކެވެ. ނަމަވެސް ލަންކާގައި ފިލައިގެން އުޅެނިކޮށް ކުންފުނީގެ ވެރިޔާ ފުލުހުން އަތުލައިގަނެގެން ގެނެސް މިހާރު ވަނީ ޝަރީއަތް ފަށައިފައެވެ.

ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް އެދޭ ލިންކް: