Support Us

މައުލިދުއް ނަބަވީގެ ޒިކުރާ އައުކުރާއިރު ޢަޒުމަކަށް ހަދަންވީ މުޖްތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ފަރުދީ ޒިންމާ އަދާކުރުން: ރައީސް

މައުލިދުއް ނަބަވީގެ މަތިވެރި ޒިކުރާ އައުކުރާއިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޢަޒުމަކަށް މިއަދު ހަދަންވީ، މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ޢީދު މީލާދުގެ މުނާސަބާގައި، އެންމެހާ ދިވެހިރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި މެސެޖްގައެވެ.

ކީރިތި ރަސޫލާ ﷺ ގެ ޢީދު މީލާދުގެ މަތިވެރި ހަނދާންތައް އައުކުރާ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ވިސްނުމަކަށް ހަދަންވީ، އެމަތިވެރި ޒިކުރާއިން އަޅުގަނޑުމެންގެ މިއަދުގެ މުޖްތަމަޢަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން އެމާތް ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެން ދިޔައީ، ފަރުދީ އިޞްލާޙީ ފިޔަވަޅުތަކުން، އުފެދުނު އިޖްތިމާޢީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށާއި މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިޞްލާޙީ ފިޔަވަޅުތަކަކަށް ކަމުގައި ވިދާޅުވިއެވެ.

ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ އަޞްލެއްގެ ގޮތުގައި، މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އޮންނަ މިންވަރު ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އިޞްލާޙީ ކޮންމެ ފިޔަވަޅެއް ފެށިގެންދަނީ ތިމާގެ އަމިއްލަ ނަފްސުންކަން، މާތް ނަބިއްޔާ ޢަމަލީ ގޮތުން ސާބިތުކޮށްދެއްވައިފައިވާ ކަމަށާއި ކޮންމެ ކަމަކަށް ގޮވައިލެއްވި ކަމުގައިވިޔަސް، އެކަމެއްގެ އެންމެ ފުރިހަމަ ގޮތް، އެކަލޭގެފާނު ޢަމަލީ ގޮތުން، މުޅި އުންމަތަށް ދެއްކެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމާއި ދުލުން އަނެކާގެ އަބުރާ ނުބެހުމާއި އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމާއި ތިމާގެ ހިތުގައި އަނެކާއާ މެދު ޙަސަދަވެރިކަމެއް ނުބޭއްވުން ފަދަ ރިވެތި ސިފަތައް ޢަމަލުން ދައްކަވާފައިވާ ކަމުގައި އެ މަނިކުފާނުގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް