Support Us

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އަސޭލާ ރުވަން ވީރަކޫން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަސޭލާ ރުވަން ވީރަކޫން އިންތިޙާބުވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ ސާކުގެ ފަރާތުން ކޮވިޑް-19 ޙާލަތުގައި ސަރަޙައްދީ ޤައުމުތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްޕުޅުތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމަށް އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ސާކް އާ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކް އާ ގުޅިގެން ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށާއި، އަންހެންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި ސާކްގެ މެންބަރު ޤައުމުތަކުން ގުޅިގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މެންބަރު ޤައުމުތަކުން ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުކުޑަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް، ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އަސޭލާ ވަނީ އިއްޔެ ސާފް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުން ރާއްޖެ ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. އަދި އަސޭލާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމުގެ ކުޅުން ފާހަގަކުރައްވާ ތަޢުރީފުކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި އަސޭލާ ވަނީ ރާއްޖެއިން ކުރިއަށްގެންދާ ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި ރާއްޖެއިން ވެކްސިން ފޯރުކޮށްދިނުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް