Support Us

ޝާހިދާއި ރައީސް ބައިވެރިވެވަޑައިގެން ނޫސްވެރިންގެ ބައްދަލުވުމެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ރަސްމީ ވާހަކަފުޅަށްފަހުއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖެއާއި އ.ދ. ގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން ޚިޔާލް ބަދަލުކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އ.ދ. އިސްލާހުކުރުމުގެ މަސައްކަތްތައް ޢަބްދުﷲ ޝާހިދުގެ ޒައާމަތުގައި އިތުރަށް ހަލުވިކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށާ، ޚާއްސަ ގޮތެއްގައި އ.ދ. ގެ ޢާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވާނެކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އިސްކަންދޭ މުހިންމު ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ޤައުމުތަކެއް ޝާމިލުވާ ނިޒާމެއްގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ހަމަ އެއާއެކު ކޮވިޑްގެ ސަބަބުން އިޤްޠިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ޤައުމުތަކަށް ލުޔެއް ހޯދައި ދިނުމުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ދައުރުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އ.ދ. ގެ ދައުރު މުހިންމު ކަމަށާއި، ހުރިހާ ޤައުމުތަކަށް ހަމަހަމަ ގޮތެއްގައި ވެކްސިން ފޯރުކޮށްދެއްވުމަށް ޕީ.ޖީ.އޭ އިން ގެންގުޅުއްވާ ސިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އ.ދ. އިން ރާއްޖެއަށް ދިން އެހީއަށް ޝުކުރު ދަންނަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުން ޒިންމާކުރުމަށް އ.ދ. އިން ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ޢަބްދުﷲ ޝާހިދުގެ ދައުރުގައި ރާއްޖޭގެ ޒުވާނުންނަށް އިތުރު ފުރުޞަތު ފަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އ.ދ. އޮފީހުގައި ދިވެހި ޒުވާނުން މަސައްކަތްކުރަން ފުރުޞަތު ލިބިގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޕީ.ޖީ.އޭގެ ވަޢުދުތައް ފުއްދުމުގައި ދިވެހި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއިން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައިވިޔަސް ރާއްޖެއަށް އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުވުމަކީ ބައިނަލްއަޤުވާމީ ކޮމިއުނިޓީގައި ރާއްޖެ ބަލައިގެންފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ އަބަދުވެސް ޖޯޝާ ފޯރީގައި އުންމީދާއެކު ކުރިމަގު އުޖާލާކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާ ޤައުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް ޖޯޝާ ފޯރީގައި އުންމީދާއެކު އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އަދި ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އ.ދ. އިން ގަދައަޅައި މަސައްކުރާނެ ކަމަށާ އަދި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި އެކަމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިންގެ ނަމާ ޝަރަފާ ފަޚުރު ދެމެހެއްޓުމަށްޓަކައި ހިފެހެއްޓުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސަކަށް ވުމުގެ ފުރުޞަތު ދިވެއްސަކަށް ލިބިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް