ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ގދ. ތިނަދޫ، އަސޭގެ ސަމާއު އަޙްމަދު ނަޖީބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވައިފިއެވެ.
ސަމާއު މި މަޤާމަށް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުން އޭނާގެ ނަން ފާސްކުރުމުންނެވެ.
ސަމާއު މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމާއުއާ ހަވާލުކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ސަމާއު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
ސަމާއު ވަނީ 2015 ވަނަ އަހަރުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓާޗޭއެއްގެ މަޤާމުވެސް 2010ވަނަ އަހަރުން 2011ވަނަ އަހަރާ ދެމެދު ފުރުއްވާފައިވެއެވެ.
އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު ވަނީ އިންސާނީ ޙައްގުތަކާ ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެވަޑައިގެފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ސަމާއު އަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.



advertisment