އައްޑޫ ސިޓީގެ ކުރީގެ މޭޔަރ، ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވައިފައިވާ އެމް.ޑީ.ޕީގެ ސޯބެއަށް މަޤާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ.
އައްޑޫ ސިޓީގެ ކުރީގެ މޭޔަރަށް ސްޓޭޓް މިނިސްޓަރުކަން ދެއްވި ނަމަވެސް، މާލޭ ސިޓީގެ ކުރީގެ މޭޔަރ އެމް.ޑީ.ޕީގެ ސިފާ މުހައްމަދަށް އަދި އެއްވެސް މަގާމެއް ނުދެއްވައެވެ.
މާލޭ ސިޓީ މޭޔަރުގެ ގޮނޑިއަށް، ޕީ.ޕީ.އެމްގެ ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވައި ފެއިލްވި އެމް.ޑީ.ޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ވެސް މިހާރު ވަނީ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަގާމަށް އަނަސް އައްޔަންކުރެއްވީ މި އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.



advertisment