"ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކެންޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާ ގުޅިގެން މާކެޓިން އަދި ޕީއާރުގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ރަސްމިއްޔާތުގައި ވަނީ މިކަމާބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފައެވެ. މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއްވެސް ތައާރަފްކޮށްފައިވެއެވެ. ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1އިން ފެށިގެން އެމަހުގެ 16ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާ ބައިވެރިނުވެ، ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.