Support Us

މެޑަމް ފަޒުނާ ވާދޫ ސްކޫލްގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. ވާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު ވާދޫ ސްކޫލްގެ އިސްވެރިންނާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުޞޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެކަމަނާ ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ކުދިން ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ވާދޫ ސްކޫލަކީ 108 ދަރިވަރުން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. ސްކޫލްގެ އިސްވެރިން ވަނީ މިވަގުތު ވާދޫގައި ދިރިއުޅޭ ސްކޫލް ނިންމާފައިވާ ހުރިހާ ދަރިވަރުންވެސް ތިބީ ސަރުކާރުގެ އެކި މަޝްރޫޢުތަކާ ގުޅޭ ވަޒީފާތަކުގައިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ މިފަދަ ކާމިޔާބީތަކުގައި ތަޢުލީމު އުނގަންނައިދެއްވާ ފަރާތްތަކުގެ ދައުރު ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ކެމްޕެއިންގެ ދަށުން ސްކޫލްގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަތަރު ބިއްލޫރި ފުޅި ހަދިޔާކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ ވާދޫ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެވަގުތު ސްކޫލްގައި ތިބި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް