Support Us

ލާމަރުކަޒީ ރާއްޖެއަކަށް ކައުންސިލުތަކުގެ އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ލާމަރުކަޒީ ގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިޚުތިޔާރު ތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި އެ ކަންކަމުގެ ބޭނުން ހިފައި ރަށު ތަރައްޤީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، މިހާރު ކުރިޔަށްދާ އެރަށުގެ ބަނދަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ބަނދަރު އިތުރަށް ބޮޑުކޮށްދިނުމަށް އެދުމާއި، ބަނދަރުގެ ޕްރޮޖެކްޓާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ކުރިޔަށްގެންދިއުމާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ފުޅާކުރުމާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ކުރިޔަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދެވޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ޅައިމަގަށްވެސް ފުލުހުންގެ ޚިދުމަތް ލިބިގެންދާނެކަން ފާހަގަކުރައްވައި އެރަށަށް އިސްކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ޅައިމަގު ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޅައިމަގު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި އެރަށުގެ އަންހެން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައި ޚިޔާލު ބަދަލުކޮށްލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ޅައިމަގަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ށ. އަތޮޅުގެ ހަތަރު ރަށަކަށާއި ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް