ޚާރިޖީ ދާއިރާގައި ޚިދުމަތްކުރެއްވި ވަރަށް ގިނަ ބޭބޭފުޅުންނަށް ދައުވަތު ދީގެން، "ފަތުޙުﷲ ޖަމީލް ބިލްޑިން" ހުޅުވުމުގެ ރަސްމީޔާތަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ނުފޮނުވާކަން "އަދިވެސް" އަށް ކަށަވަރުވެއްޖެއެވެ.
ރައީސް މައުމޫން ސަރުކާރުގެ ޚާރިޖީ ވަޒީރުކަން 27 އަހަރު ކުރެއްވި މަރުހޫމު ފަތުޙުﷲ ޖަމީލަށް ތަހްޞީޞްކޮށް، އެ އިމާރާތް ބުރާސްފަތި ދުވަހު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި އުއްތަމަ ފަނޑިޔާރާއި ވަޒީރުންގެ އިތުރުން ރާއްޖޭގެ ތިއްބަވާ ބޭރުގެ މިޝަންތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
އަދި ޚާރިޖީ ދާއިރާގައި ޚިދުމަތްކުރެއްވި ވަރަށް ގިނަ ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ ނައިބުކަން 1970ގެ އަހަރުތަކުގެ ތެރޭގައި ކުރެއްވި، އަދި 1978 އިން ފެށިގެން 20 އަހަރު ވަންދެން ރައީސްކަން ކުރެއްވި މައުމޫނަށް ދައުވަތު ނުދިނުމުގެ އިތުރަށް، އެ ރަސްމީޔާތުގައި އެމަނިކުފާނުގެ ނަންފުޅުވެސް ފާހަގަނުކުރުމުން، ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
ރައީސް މައުމޫނަކީ ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގެ އިސް ހިއްސާދާރެކެވެ. ނަމަވެސް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، އަދި ފާސްކުރަން ކޮންމެހެން ބޭނުންވެގެން އުޅޭ ނަފުރަތުގެ ބިލާމެދު ރައީސް މައުމޫނުގެ ޕާޓީ ވަނީ ޚިޔާލުތަފާތުވެފައެވެ.
ނަފްރަތުގެ ޢަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް މިހާރު ހުށަހަޅާފައިވާ އިސްލާޙުތަކަށް ތާއީދު ނުކުރެވޭ ކަމަށް އެމް.އާރް.އެމް އެކްސްކޯ ގެ 08/2021 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. 1/2
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 4, 2021
އެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް، ރައީސް މައުމޫން ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހުރިހައި ތައުރީފެއް އޮއްސަވައިލެއްވީ، މައުމޫންގެ ކެބިނެޓުގައި އެންމެ ގިނަ ދުވަހު ވަޒީރުކަން ކުރެއްވި، އަދި ރާއްޖޭގައި އެންމެ ގިނަ ދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވި ފަތުހުﷲ އަށެވެ.
"ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މި ހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާއެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުން. ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ މިދެންނެވި އަސާސްތަކުގެ މަތީގައި،" ރައީސް ސޯލިހު ވިދާޅުވިއެވެ. "މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މި ދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި، ރާއްޖެއާމެދު އުފެދިފައިވާ އިތުބާރާއި ޤަދަރުގެ ޙަޤީޤީ ސިއްރަކީ، ޙިކްމަތްތެރިކަމާއެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް. މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މިއަންނަނީ ހަމަ އެ ސިޔާސަތު."
އެ ދުވަހުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ، ފަތުހުﷲ ޖަމީލް ޚާރިޖީ ވަޒީރުކަން ކުރެއްވި 27 އަހަރު ދިވެހި ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ 100 ޕަސެންޓް ކްރެޑިޓް ހަމަ އެކަނި ފަތުހުﷲ އަށް ދެއްވައިފައެވެ. ނަމަވެސް 2018ގައި އައި އެމް.ޑީ.ޕީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ "ކާމިޔާބު"ކަމުގެ ހުރިހައި ތައުރީފެއް ޝާހިދު ރައްދުކުރެއްވީ ރައީސް ސޯލިހަށެވެ.
ޝާހިދަކީ ރައީސް މައުމޫނު ސަރުކާރުގެ އެންމެ ފަހު ފޮރިން މިނިސްޓަރުކަން، 2007 އޯގަސްޓުން ފެށިގެން 15 މަސް ވަންދެން ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ޕީ.ޕީ.އެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުން މަޖިލިސްގެ ރައީސްކަން ވެސް ޝާހިދު ކުރެއްވިއެވެ. ނަމަވެސް ފަހުން ރައީސް މައުމޫނާ ޚިޔާލު ތަފާތުވެ، ވާދަވެރި އެމް.ޑީ.ޕީއާ ގުޅިވަޑައިގަތީއެވެ.
"އެ ނަޒަރުން ބަލާނަމަ ވެސް ފަތުހުﷲ ޖަމީލްގެ ޚާރިޖީ ވަޒީރުކަމުގެ 27 އަހަރުގެ ޚާރިޖީ ސިޔާސަތުގެ ކްރެޑިޓްގެ މައިގަނޑު ހިއްސާ ރައީސް މައުމޫނަށް ހައްޤެވެ. ސަބަބަކީ އެއީ ރައީސް މައުމޫންގެ ޚާރިޖީ ސިޔާސަތު، ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން ފަތުހުﷲ ޖަމީލް ތަންފީޒުކުރެއްވުން ކަމަށްވާތީއެވެ. ޝާހިދު އެ ވިދާޅުވާ ގޮތުން ނަމަ، 2018 އިން ފެށިގެން ރާއްޖޭގައި މި ހިނގަނީ ޝާހިދުގެ އަމިއްލަފުޅު ޚާރިޖީ ސިޔާތެކެވެ. އެއީ ރައީސް ސޯލިހާ ބެހޭ ކަމެއް ނޫނެވެ." އަދިވެސް އޮންލައިންގެ "ކެޔޮނިރު ކޮލަމް"ގައި މުހައްމަދު ބުޝްރީ ލިއުއްވައިފައިވެއެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅަކު "އަދިވެސް" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެ ރަސްމީޔާތަށް ވަޑައިގަތުމަށް ރައީސް މައުމޫނަކަށް ދައުވަތު ކާޑެއް ލިބިވަޑައެއްނުގަނެއެވެ. އެހެން ނަމަވެސް، "ފަތުޙުﷲ ޖަމީލް ބިލްޑިން"އާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ނެރޭ ލުއި ފޮތަކަށް ރައީސް މައުމޫންގެ ޚިތޯބެއް ފޮރިން މިނިސްޓްރީން އެދިގެން ހޯދިއެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާ ބޭއްވިއިރު، ރައީސް މައުމޫނާއި އާއިލާ ތިއްބެވީ މާލޭ ކައިރި ރިސޯޓެއްގައެވެ.
އެ ޖަލްސާ އަށް ރައީސް މައުމޫނަށް ދައުވަތު ނުދެއްވީ ކީއްވެގެންތޯ ދެންނެވުމުން، ދައުވަތު ކާޑު ފޮނުއްވި ކަމަކަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅެއްނުވެއެވެ. ވިދާޅުވީ "ރައީސް މައުމޫން ހުންނެވީ އާއިލާއާއެކު ރަށުން ބޭރުގައި" ކަމަށެވެ.
"އަޅުގަނޑު ވާހަކަ ދެއްކިން (ރައީސް މައުމޫނާ). "ފަތުޙުﷲ ޖަމީލް ބިލްޑިން"އާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ނެރޭ ލުއި ފޮތަށް ރައީސް މައުމޫންގެ ޚިތޯބެއް ފޮނުއްވި،" ޝާހިދު "އަދިވެސް" އަށް ވިދާޅުވިއެވެ.
"އަދިވެސް"އާ ވާހަކަ ދެއްކެވި ރައީސް މައުމޫންގެ އަރިސް ބޭފުޅާ ވިދާޅުވީ "ދައުވަތު ލިބިވަޑައިގެންނެވި ނަމަ ރައީސް މައުމޫން ހުންނެވީ އެ ޖަލްސާއަށް ވަޑައިގަންނަވާ ގޮތަށް" ކަމަށާއި "މައުމޫން ހުންނެވީ އެންމެ 30 މިނިޓުގެ ދަތުރަކަށްފަހު މާލެ ވަޑަގެންނެވޭ ހިސާބުގައި" ކަމަށެވެ.
- ވިދާޅުވުމަށް: ކޮލަމް ކެޔޮނިރު: ދިވެހި ޚާރިޖީ ތާރީޚުގެ ކަޅު ދުވަހެއް!
One Response
މަޖްލިސްގެ ނަސީދު ފެކްޝަން މީހުން. އީވާ، ހަސަން ލަތީފު، އިންތި އަށް ދައުވަތު ދިންތަ؟ ހަސަން އެއީ މޑޕ ޗެއާރޕާސަން. އޭނާ ނުފެނެ ކުރީ ސަފަކުން.
އަންނިގެ 16 މެންބަރުން ސަރުކާރުން ބާކީ ކުރަނީތަ؟