Support Us

ކީރިތި ގުރުއާނާ އެކު ހިނދުކޮޅެއް: ތިން އާޔަތެއްގެ މައްޗަށް އަވަސް ނަޒަރެއް

وَمِنَ النَّاسِ އަދި މީސްތަކުންގެ ތެރެއިން ވެއެވެ مَن يَتَّخِذُ އިޚުތިޔާރުކުރާ މީހުން مِن دُونِ اللّهِ މާތްކަލާނގެ ނޫން أَندَادًا (އެހެން) ފަރާތްތަކާއި އެއްޗިއްސެވެ. يُحِبُّونَهُمْ އެފަރާތްތަކާއި އެއްޗިއްސަށް އެމީހުން ލޯބިކުރެއެވެ. كَحُبِّ اللّهِ މާތްކަލާނގެ ދެކެ ލޯބިވާވުން އޮންނަން ޖެހޭނޭ ފަދައިން، وَالَّذِينَ آمَنُواْ އީމާންވީ މީހުން أَشَدُّ حُبًّا لِّلّهِ މާތްކަލާނގެއަށް މާ ބޮޑަށް ލޯބިކުރެއެވެ. وَلَوْ يَرَى އަޅެ، (މިހާރު، މިދުނިޔޭގައި) ފެނި އެނގޭނޭ ނަމައެވެ. الَّذِينَ ظَلَمُواْ (އެހެން ފަރާތްތަކާއި އެހެން އެއްޗެހި ދެކެ މާތްކަލާނގެއަށް ލޯބިކުރަން ޖެހޭނޭ ފަަދައިން ލޯބިކޮށް އުޅެ، އެމީހުންގެ އަމިއްލަ ނަފުސުގެ މައްޗަށް) އަނިޔާވެރިވި މީހުންނަށެވެ. إِذْ يَرَوْنَ الْعَذَابَ (އާޚިރަތް ދުވަހުން،) އެމީހުންނަށް އަޒާބު ފެނި، އެކަން އެނގޭ ވަގުތު (ފަދައިންނެ)ވެ. أَنَّ الْقُوَّةَ لِلّهِ جَمِيعًا ހަމަކަށަވަރުން، ހުރިހާ (މޮޅަކާއި) ބާރެއް މިލްކުވެ ވޮޑިގެންވަނީ މާތްރަސްކަލާނގެއަށް ކަމެވެ. وَأَنَّ اللّهَ شَدِيدُ الْعَذَابِ. އަދި، ހަމަކަށަވަރުން، (އަނިޔާވެރިވާ މީހުންނަށް) އަޒާބުދެއްވުމުގައި މާތްކަލާގެ ގަދަފަދަވެ ވޮޑިގެން ވާކެމެވެ. إِذْ (އަންނާނޭ) އެ ވަގުތުގެ މަތިން (މިހާރު) ހަނދާންކޮށްލުން ހުއްޓެވެ! تَبَرَّأَ الَّذِينَ اتُّبِعُواْ (އެފަރާތްތަކަށާއި އެއްޗިއްސަށް) ތަބާވެވުނު މީހުން، ބޮލުން ނައްޓާލަައި ދޫކޮށްލާނޭ ވަގުތުގެ މަތިންނެވެ. مِنَ الَّذِينَ اتَّبَعُواْ އެމީހުންނަށް ތަބާވީ މީހުންގެ ކިބައިންނެވެ. وَرَأَوُاْ الْعَذَابَ އަދި މިއެންމެންނަށް (ލީޑަރުންނާއި އެމީހުންނަށް ތަބާވީ މީހުންނަށް) އަޒާބު (ފެންނާނޭ ވަގުތުގެ މަތިންނެވެ.)

وَتَقَطَّعَتْ بِهِمُ الأَسْبَابُ އަދި އެ ދެބައިމީހުންގެ ދެމެދުގައި އޮތް ގުޅުންތައް ކެނޑިދާ (ވަގުތުގެ މަތިންނެވެ.) وَقَالَ الَّذِينَ اتَّبَعُواْ ދެން، (މާތްރަސްކަލާނގެއަށް ލޯބިކުރާ ދަރަޖައަށް، އެހެން އެއްޗިއްސަށާއި ފަރާތްތަކަށް ލޯބިކޮށް، އެއެއްޗިއްސާއި ފަރާތްތަކަށް) ތަބާވީ މީހުން ބުނާނެތެވެ.

لَوْ أَنَّ لَنَا كَرَّةً އަހުރެެމެންނަށް (ދުނިޔެއަށް) އެނބުރި ދިޔުމުގެ ފުރުސަތެއް އެއްފަހަރު ވިޔަސް އަދި ލިބޭނޭ ނަމައެވެ. فَنَتَبَرَّأَ مِنْهُمْ އޭރުން އަހުރެމެން އެމީހުން(ނަށް، ކަނު ތަބާވުމަކުން ތަބާ ނުވެ)، އެމީހުން ދޫކޮށްލައި، ބޮލުން ނައްޓާލުމަށެވެ. كَمَا تَبَرَّءُواْ مِنَّا އެމީހުން، (މިއަދު، އެބަހީ އާޚިރަތް ދުވަހު) އަހަރުމެން ދޫކޮށްލައި ބޮލުން ނައްޓާލައި (އަހަރުމެންނާ ދުރުވެގަތް) ފަދައިންނެވެ.

كَذَلِكَ މި(ބަޔާންކުރެވުނެ) ފަދައިންނެވެ. يُرِيهِمُ اللّهُ މާތްކަލާނގެ އެމީހުންނަށް ދައްކަވަނީ أَعْمَالَهُمْ އެމީހުންގެ (ނުރަނގަޅު) އަމަލުތަކެވެ. حَسَرَاتٍ عَلَيْهِمْ (އެ ފަދަ އަމަލުތަކަކީ، އެއާ މެދު) ދެރަވެ، ހިތާމަތައް ކުރަންޖެހޭނޭ އަމަލުތަކެއްކަމުގައެވެ. وَمَا هُم بِخَارِجِينَ ނިކުންނާނޭ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. مِنَ النَّارِ ނަރަކައިން. [سورة البقرة:167-165]

މިތިން އާޔަތް ހިތަށް ނަގައި ފަހުމުކޮށް ރަނގަޅަށް ވިސްނާލުމަށްޓަކަައި މި އާޔަތްކޮޅުގައި އައިސްފައިވާ މިފްތާހީ، އާދެ، އާޔަތްތަކުގެ މާނަ ހުޅުވާލަދޭ ތަޅުދަނޑި ކަމުގައިވާ، ދެތިން ލަފްޒަކާއެކު ކުޑަ ހިނދުކޮޅެއް ހޭދަކޮށްލަން ޖެހެއެވެ.

މިއާޔަތްކޮޅުގެ ވާރިދުވެފައިވާ މިފަދަ ފުރަތަމަ ލަފްޒަކީ 'ނިއްދު' (ندّ) އެވެ. މަތީގައިވާ ތަރުޖަމާގައި އެލަފްޒުގެ މާނައިގައި ލިޔެފައިވަނީ 'އެއްޗިއްސާއި ފަރާތްތަކެވެ'. މީގެ މުރާދަކީ، މި ލަފްޒު އިޝާރަތް ކުރާމާނައަކީ، ކޮބާ ހެއްޔެވެ؟

މިލަފްޒު އިޝާރަތްކުރަނީ ގަދަރުކުރުމާއި އިހުތިރާމުކުރުން، އަޅާލުމާއި ކަމޭހިތުން، ހަމަހަމަކާއި އިންސާފުވެރިކަން ފަދަ މުޖުތަމައީ އަގުތަކާއި އަދި ތެދުވެރިކަމާއި އަމާނަތްތެރިކަން ހިލްމުވެރިކަމާއި ކެތްތެރިކަން ފަދަ ތިމާގެ އަމިއްލަ ފަރުދީ މާތް އަޚުލާގީ ސިފަތައް،އާދެ، އަޚުލާގިއްޔާތު އެ ފަރާތްތަކާއި އެއްޗެހީގެ ހައްގުގައި ދޫކޮށްލެވޭ ކޮންމެ ފަރާތަކާއި އެއްޗެކެވެ. މިގޮތުން، ނިއްދަކީ އަޅުކަން ކުރާ ބުދަކަށް ވެދެއެވެ. އެ ބުދަކީ ބައެއް ފަހަރު، މުދަލާއި ފައިސާއެވެ. އަދި، އަނެއްބައި ފަހަރު، ތިމާ ތާއީދުކުރާ ކުޅިވަރު ނުވަތަ ސިޔާސީ ޖަމާއަތެވެ. އަނެއް ބައިފަހަރު، އެ ޖަމާއަތްތަކުގެ ލީޑަރުންނެވެ.

އެކަން ވަނީ ކިހިނެއް ހެއްޔެވެ؟ މި އެއްޗިއްސާއި ފަރާތްތަކަކީ، ދެންމެ މިނަންގަތް ހެން، މީހާގެ އަގުތަކާއި އަޚުލާގިއްޔާތާއި އެމީހާ ދުރުކުރާ އެއްޗިއްސަަށްވުމުންނެވެ. އެހެން އިބާރާތަކުން ބުނާނަމަ، މިފަދަ އެއްޗިއްސަކީ މީހާގެ އަމިއްލަ އަގުތަކާއި އަޚުލާގިއްޔާތު ކަނޑައަޅާލާ އެއްޗިިއްސާ ފަރާތްތަކަށް ވުމުންނެވެ. މިސާލަކަށް ބުދަށް އަޅުކަންކުރާ މީހާ، އޭނާގެ ބުދުގެ ދިފާއުގައި ތެދުވެ، ހުއްޖަތް ދައްކައި ވާހަކަ ދެއްކުމެވެ. ބުދުގެ ދިފާއުގައި ޒުވާބުކޮށް ތަޅާފޮޅާ ހަދާ ދަރަޖައަށް ދިޔުމެވެ. އޭނާ އަޅުކަންކުރާ ބުދަށް ތަބާވާ މީހުންނަކީ އޭނާގެ ލޯތްބާއި އަޅާލުން ހައްގުވާ މީހުން ކަމުގައި ބެލުމެވެ. ދެން، މީގެ މައްޗަށް ގިޔާސްކޮށް، މިފަދަ އެހެން ކަންކަން މިކަމުގެ ތެރެއަށް ފެތޭ ގޮތް ބަލާށެވެ. ފައިސާއާއި މުދަލަށް އެދި، އެއެއްޗެހި ހޯދުމުގެ ބޭނުމުގައި ތިމާގެ އަގުތަކާއި އަޚުލާގީ ރީތި ސިފަތައް- ތެދުވެރަކަމާއި އަމާނާތްތެރިކަން ފަދަ ރީތި ސިފަތައް- ދޫކޮށްލާ ކަމަށް ވަންޏާ މުދަލާއި ފައިސާ ވާނީ ތިމާގެ ނިއްދަކަށެވެ. ތިމާގެ ބުދަކަށެވެ. އިލާހުވަންތަ ފަރާތާ އެއްގޮތް ފަދަ އެއްޗަކަށެވެ. ހަމަ އެހެންމެ، ތިމާ ތާއީދުކުރާ މީހަކަށްޓަކައި، ނުވަތަ ތިމާ ނިސްބަތްވާ އިޖުތިމާއީ ޖަމިއްޔާއަކަށް ނޫނީ ސިޔާސީ ޕާޓީއަކަށް ނޫނީ އެހެންވެސް އެފަދަ، ޖަމާއަތަކަށް ނޫނީ މުނައްޒަމާއަކަށް، ތިމާގެ ވިސްނުމާއި ފިކުރުގެ މިނިވަންކަން ދޫކޮށް، އެ ފަރާތްތަކަކީ ތިމާގެ އަގުތަކާއި އަޚުލާގީ ސިފަތައް ކަނޑައަޅާލާ ފަރާތްކަމަށް ވެއްޖެ ނަމަ، އެ ފަރާތްތައް- ތިމާ ތާއީދުކުރާ މީހާއާއި ތިމާގެ ސިޔާސީ ޕާޓީއާއި ޖަމުއިިއްޔާއާއި ޖަމާއަތާއި މުނައްޒަމާ- ވާނީ ނިިއްދަކަށެވެ. ބުދަކަށެވެ. އިލާހީވަންތަ ފަރާތާ އެއްގޮތް ކުރެވޭ އެއްޗަކަށެވެ.

މިއާޔަތްކޮޅުގައި ހިމެނޭ ދެވަނަ މިފްތާހީ ލަފްޒަކީ ނުވަތަ އިބާރާތަކީ 'ހުއްބިއްލާހި' އެވެ. މާތްކަލާނގެ ދެކެ ލޯބިވާ ވުމެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ކުރިިންވެސް އެހެން ލިޔުމެއްގައި ލޯބީގެ މާނަ ލިޔެވުނު ފަދައިން، ލޯތްބަކީ ވަރުގަދަ ރުހުމެކެވެ. އިންސާނާގެ ހިތާ ގުޅިފައި އޮންނަ ނުވަތަ ސިކުނޑިއާ ގުޅިފައި އޮންނަ ނުވަތަ ހިތާއި ސިކުނޑިއާ ގުޅިފައި އޮންނަ ވަރުގަދަ ރުހުމެކެވެ. ލޯބީގެ އެންމެ މަތީ ދަރަޖައަކީ ހިތާއި ސިކުނޑީގެ މައްޗަށް ބިނާވާ ލޯތްބެވެ. އާދެ، މުޅި އިންސާނާގެ ކިޔާނު (ބީން) ރުހި، އެ ފަދަ ރުހުމެއްގެ މައްޗަށް ބިނާވާ ވަރުގަދަ ގުޅުމެވެ. މިފަދަ ވަރުގަަދަ ލޯތްބެއްގެ މައްޗަށް ދޭދޭ އިންސާނީގުޅުން ބިނާވެފައި އޮވެދާނެއެވެ. މައިބަފައިވަންތަ ލޯބީގެ މައްޗަށް ބިނާވާ ގުޅުމެވެ. އަޚްއުޚްވަންތަ ލޯތްބީގެ މައްޗަށް ބިނާވާ ގުޅުމެވެ. ދެމަފިރިިންގެ ދެމެދުގައި އޮންނަ ލޯތްބާއި ގުޅުމެވެ.

މުއުމިނާއާ މާތްކަލާނގެއާ ދެމެދު އޮންނަން ޖެހޭ ލޯބީގެ ދަރަޖަ މިއަށްވުރެ ވެސް މަތިވެރިވެގެން ވެއެވެ. ޝައްކެއްނެތް ގޮތުގައި، އެ ލޯތްބަކީ ހިތާއި ސިކުނޑީގެ ލޯތްބެވެ. މުޅި މުއުމިނާގެ ކިޔާނާ ގުޅިފައިވާ ލޯތްބެކެވެ. މީގެ އިތުރުން، އެ ލޯތްބާއި ގުޅުމަކީ މުއުމިނާގެ އަގުތަކާއި މާތް އަޚުލާގީ ސިފަތައް ކަނޑައަޅާލުމުގެ މަސްދަރެެވެ. އަސާސެވެ. އެހެން އެއްވެސް ގުޅުމަކީ، މުއުމިނާގެ ނަޒަރުގައި މިކަންކަން ކަނޑައަޅާލުމުގައި ބައިވެރިވެގެންވާނޭ ގުޅުމެއް ނޫނެވެ. ނުވަތަ މިކަންކަމަށް އުނިކަން ގެނެސްދޭނޭ ގުޅުމަކަށް ވެގެންވާނޭ ގުޅުމެއްވެސް ނުމެނޫންމެއެވެ. އާދެ، 'ހުއްބިލްލާހި' އިޝާރަތް ކުރަނީ މި މާނައަށެވެ. މާތްކަލާނގެއާއި މުއުމިނާއާ ދެމެދު އޮންނަ ލޮބުވެތި މި ގުޅުމަށެވެ. މުއުމިނާގެ އަގުތަކާއި އަޚުލާގީ ސިފަތައް ކަނޑައަޅާލަދޭ ހިތާއި ސިކުނޑިގެ ލޯތްބާއި އެ ލޯބީގެ މައްޗަށް ބިނާވާ ގުޅުމަށެވެ. މިއީ، މުއުމނިާގެ ނަޒަރުގައި ހަމަ އެކަނި މާތްކަލާނގެ އަށް ހާއްސަކުރެވޭ ރުހުމަކާއި ލޯތްބެކެވެ. މިފަދަ ރުހުމާއި ލޯތްބެއް، ތިމާ ތާއީދުކުރާ މީހާއަށް ނޫނީ ތިމާގެ ސިޔާސީ ޕާޓީއަށް، ނޫނީ މުދަލާ ފައިސާއަށް ދެވިއްޖެ ނަމަ، އެއެއްޗެހި ވާނީ މާތްކަލާނގެއާ ޝަރީކުކުރަން ގެންގުޅޭ ބުދެއް ފަދަ އެއްޗިއްސަށެވެ.

ދެން، މި އާޔަތްކޮޅުގެ މައްޗަށް ވިސްނާ ފިކުރުކުރުމުގެ އަވަސް ނަޒަރެއް ހިންގާލަބަލާށެވެ. މި އާޔަތްކޮޅާއި އަދުގެ ހާލަތާ ގުޅެނީ ކިހިނެއްކަން ދެނެގަނެ، ފިލާވަޅެއް ލިބިގަތުމަށްޓަކައެވެ. މި އާޔަތްކޮޅުގެ މާނައިގައި އިޝާރަތް ކުރެވިފައިވަނީ މީސްތަކުންގެ އަމިއްލަ ވިސްނުމާއި ފިކުރު، އެމީހުންގެ އިސްތިގުލާލާއި މިނިވަންކަން، އެމީހުންގެ އިންފިރާދިއްޔަތާއި ވަކިފަރުދެއްކަން، ނަގާލައި އަޅުވެތިވާ ގޮތެވެ. މާތްކަލާނގެއަށް ޚާއްސަވާން ޖެހޭ ލޯބި އެހެން ފަރާތްތަކަށް ދިނުމުންނެވެ. ތިމާގެ އަގުތަކާއި އަޚުލާގިއްޔާތު ކަނޑައަޅާލުން އޭގެ މައްޗަށް ބިިނާވާ ލޯބި، މުދަލާއި ފައިސާއަށް ނޫނީ ތިމާ ތާއީދުކުރާ މީހަކަށް ނޫނީ ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ދިނުމުގެ ސަބަބުން އެ އެއްޗެހި ތިމާ އަޅުކަންކުރާ ފަދަ ބުދަަކަށްވެ، އެއެއްޗިއްސަށް އަޅުވެތިވުމުންނެވެ.

މިއާޔަތްތަކުގައި އަމުރުކުރެވިފައި ވަނީ މިފަދައިން އެކަން ނުކުރުމަށެވެ. އަދި، ތިމާމެންގެ ވިސްނުމާއި ފިކުރު މިނިވަންކުރުމަށެވެ. ތިމާމެންގެ އިންފިރާދިއްޔަތު، ވަކިފަރުދެއްކަން، ގެެއްލުވާލައި، އަމިއްލަ ވިސްނުމެއް ފިކުރެއް ނުގެންގުޅޭ، ގެރިބަކަރީގެ އައިނެއްގެ ތެރޭގައި، އުޅޭ ފަދަ އެއްޗަކަށް ނުވުމަށެވެ. އެހެނީ މިފަދަ ލޯތްބާއި އަޅުވެތިވުން ޚާއްސަ ވާން ޖެހޭނީ މާތްކަލާނގެއަށް ކަމަށްވާތީއެވެ. މިފަދައިން ކަންތައްކޮށް، މާތްކަލާނގެއަށް އީމާންވެ، އެކަލާނގެއަށް އަޅުވެތިވުމީ މުދަލާއި ފައިސާއަށާއި މީސްތަކުންނަށާއި މީސްތަކުންގެ ޖަމާއަތްތަކަށް އަޅުވެތިވުމުން މީހާ މިނިވަންކުރާ ކަމަކަށް ވުމުން، އީމާންކަމުގެ ފޮނިކަމުގެ ރަހަލައި، ހަގީގީ މިނިވަންކަން އިހުސާސުކުރެވޭނެއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ އަދުގެ ހާލަތަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން ވަނީ އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމާއި ފިކުރުކުރުމުގެ މިނިވަންކަން ނަގާލައި އަމިއްލަ ނަފްސު އަޅުވެތިކޮށްފައެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމުގެ ސަބަބުންނެވެ. އަޅުގަނޑުމެން ތާއީދުކުރާ މީހަކީ، އޭނާ ބުނާހާ އެއްޗެއް، އެކަމުގެ ތެދު ދޮގު އަމިއްލަ ވިސްނުމާއި ބުއްދީގެ އަލީގައި، މިނެ ނުލައި، އޭނާއަށް އަޅުގަނޑުމެން އަޅުވެތިވާ ދަރަޖައަށް ލޯބިކުރާ މީހަކަށް ވުމުންނެވެ. އަޅުގަނޑުމެން ނިސްބަތްވާ ސިޔާސީ ޕާޓީތަކަކީ، އަޅުގަނޑުމެން ދެކެންވާނޭ ގޮތް، އެއީ ހުރިހާ އަޚުލާގީ މިންތަކާ ފުށުއަރާ ގޮތެެއް ކަމުގައި ވިޔަސް، ކަނޑައަޅާލާ ފަރާތަކަށް ހަދާލެވޭތީއެވެ. މިކުރެވެނީ، ޝިރުކެއް ނޫން ހެއްޔެވެ؟ މިއާޔަތްތައް ނިންމާލަމުން، މިފަދަ ގޮތަކަށް ކަންތައްކުރާ ބަޔަކަށް އަޒާބުލިބޭނޭ ވާހަކަ އޮންނަނީ މިހެންވެގެންނެވެ. މިފަދަ ގޮތަކަށް ކަންތައްތައް ކުރުމުން، އެމީހުންގެ ހަޔާތާއި އަދި މުޅި ޖަމާއަތުގެ ހަޔާތްވެސް ހަލާކުވެގެންދާތީއެވެ. އެމީހުންގެ އަގުތަކާއި އަޚުލާގިއްޔާތު ނެތިދާ ސަބަބަކަށް އެކަން ވުމުންނެވެ. އެހެންވެ، ތިމާގެ އަމިއްލަ ވިސްނުމާއި އިންފިރާދިއްޔަތު ރައްކާކޮށް، ތިމާ މިނިވަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މި ނަންގަތް ފަދަ ލޯބި- ތިމާގެ އަގުތަކާއި އަޚުލާގިއްޔާތު ކަނޑައަޅާލަދޭ ލޯބި- މުއުމިނުން ޚާއްސަކުރަންވާނީ ހަމަ އެކަނި އެމީހުން ހެއްދެވި ފަރާތަށެވެ. އެމީހުންގެ ޚާލިގުވަންތަ މާތްރަސްކަލާނގެ އަށެވެ. މިއާޔަތްކޮޅުން ލިބިދޭ އެންމެ މުހިިއްމު އެއް ފިލާވަޅަކީ މިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *