ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތިތެރޭގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިިން މީހަކު ހައްޔަރުކޮށްފިއެވެ.
ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ސައިކަލްތަކެއްގައި ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 43، 35 އަދި 36 އަހަރުގެ މީހުންނެވެ. މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މި މަހުގެ 26 ވަނަ ދުވަހު އަދި 36 އަހަރުގެ މީހާ މި މަހުގެ 24 ވަނަ ދުވަހުއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މީހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment