އަންހެން ކުދިން ޚިތާނު ކުރަން ފެށުނީ މިޞްރުގައި ޢީސާގެފާނު އުފަންވެވަޑައިގަތުމުގެ އެއްސަތޭކަ އަހަރު ކުރިން ކަމަށް ތާރީޚީ ބައެއް ދިރާސާތައް ބުނެއެވެ. އަނެއްބައި ދިރާސާތައް ބުނާގޮތުގައި މިޞްރުގައި މި ކަން ފެށުނީ ސަލާމުލެއްވި އިބްރާހީމުގެފާނުގެ ކުރިންނެވެ. އެހެންކަމުން ފިރިހެނުންނަށްވުރެ ކުރިން އަންހެނުން ޚިތާނު ކުރަން ފެށިއްޖެއެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ ޚިތާނު ކުރެވުނު ބޭކަލަކީ އިބްރާހީމުގެފާނެވެ. އެކަލޭގެފާނު އަމިއްލަފުޅަށް ޚިތާނު ކުރެއްވެވީ މާތްﷲ އަންގަވައިގެން އެކަލޭގެފާނުގެ ޢުމުރުފުޅުން 80 އަހަރުފުޅުގައެވެ.
މިޞްރުގައި މި ފެށުނު އަންހެންކުދިން ޚިތާނު ކުރުމުގެ އާދަކާދަ މިޞްރުންލައިފައި އިރުމަތީ އެފެރިކާގެ ރަށްތަކަށް ފެތުރިގެން ދިޔައެވެ. މި ރަށްތަކުން ލައިފައި ޢަރަބި ކަރައަށް ދިޔައެވެ. އެހެނަސް އެއީ ޢަރަބިކަރައިގައި ފެތުރިފައިވާ ކަމެއްނޫނެވެ.
މިއަދުވެސް އެފްރިކާގެ ބައެއް ޤައުމުތަކުގައި އަންހެން ކުދިން އާދަކާދައިގެ ކަމެއްގެ ގޮތުގައި ޚިތާނު ކުރާތަން ފެނެއެވެ. މި ރަށްރަށުގައި އަންހެން ކުދިން ޚިތާނު ކުރަނީ އަންހެން ކުއްޖާގެ ޖިންސީ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ބައެއް މުޅިން ކަނޑައިނަގައިގެންނެވެ. ފިރްޢައުނީ ޚިތާނޭ މި ކިޔާ ޚިތާނު ކުރަނީ އަންހެން ކުއްޖާގެ ޖިންސީ ގުނަވަންތަކަކީ ނުބައި ކަންތައްތަކަށް ދޮރު ހުޅުވައިދޭ ގުނަވަންތަކެއް ކަމަށް އެމީހުން ޤަބޫލު ކުރާ ފާސިދު އިޢުތިޤާދެއްގެ ސަބަބުންނެވެ. މި ގޮތަށް ޚިތާނު ކުރުމުން ނުބައި ޢަމަލުތަކަށް ދޮރު ބަންދުވެގެންދާނެތީއެވެ. އެ ފަދަ ޤައުމުތަކުގައި އަންހެން ކުދިން ހަތަރު ގޮތަކަށް ޚިތާނު ކުރެވެއެވެ. [1] އަންހެން ކުދިން ޚިތާނު ކުރަނީ އެއްވެސް ގޮތަކަށް އައްސި ކުރުމަކާ ނުލައި ވަރަށް ބޯދާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ގިނަފަހަރަށް މި ކަން ކުރަނީ ކުރަފަތެއް ނުވަތަ ވަޅިއެއް ބޭނުން ކޮށްގެންނެވެ. އެހެން ކަމުން މިއީ އެ ކުއްޖާއަށް ވަރަށް ވޭންދެނިވި ކަމެކެވެ. މިކަމުގެ ތެރޭގައި ވަރަށް ގިނަފަހަރަށް ވަރަށް ގިނަ ކުދިން ހޭ ނެތެއެވެ. އަދި ބައެއް ފަހަރަށް މަރުވެސް ވެއެވެ.
އަންހެން ކުދިން ޚިތާނު ކުރުމުން ލިބޭ ގެއްލުންތައް
މި ގޮތަށް ޚިތާނު ކުރުމުގެ ސަބަބުން
- އެ ކުއްޖާ ޖިންސީ ގޮތުން ނުކުޅެދުންތެރި މީހަކަށްވެ، އޭނާގެ ފިރިމީހާއަށް ޖިންސީ ގޮތުން އަދާކޮށްދޭން ޖެހޭ ވާޖިބުތައް އަދާކޮށް ނުދެވުން.
- މި ގޮތަށް ޚިތާނު ކޮށްފައިވާ އަންހެނާ ވިހެއުމުގެ ތެރޭގައި ވަރަށް ބޮޑެތި އުދަނގޫތަކާ ކުރިމަތިލާން ޖެހުން. އަދި ވިހެއުމުގެ ތެރޭގައި އެ އަންހެނާ މަރުވުމާއި ވިހާ ދަރިފުޅު މަރުވުމަކީ ވަރަށް ޢާއްމު ކަމެއްކަމުގައި ވުން.
- މި ގޮތަށް ޚިތާނު ކުރުމުގެ ސަބަބުން ދަރިމައިވުމުގެ ބާރު ނެތި ވަރަށް ގިނަ ފަހަރަށް މާބަނޑުނުވާ މީހަކަށް ވުން.
- މައްސަރު ކަންތަކުގެ ތެރޭގައި ވަރަށް ބޮޑަށް ވޭނާއި ކެކުޅުން ތަޙައްމުލު ކުރަން ޖެހުން
- ކުޑަކަމުދިޔުމުގެ ނިޒާމަށް ޖެހޭ ބަލިތައް ގިނަވުމާއި ތަކުރާރުކޮށް މި ފަދަ ބަލިތައް ޖެހުން އިތުރުވުން
- ބުރިކަށީގެ ތިރީ ސަރަޙައްދުގައި (ޚާއްޞަކޮށް އުނަގަނޑުގައި) ރިއްސުން
- ނަފްސާނީ ވަރަށް ގިނަ ބަލިތަކެއް ޖެހުން. އޭގެ ތެރޭގައި މާ އަވަހަށް ރުޅި އައުމާއި، ކަންކަމާ މެދު ހާސްވެ ކަންބޮޑުވުން ހިމެނެއެވެ.
އިސްލާމީ އުޞޫލުތައް އަންހެނުން ޚިތާނު ކުރުން މަނާކުރޭ
އިސްލާމްދީނަކީ ފިޠުރަތުގެ ސާފު ދީނެވެ. ޢިލްމީ ހޯދުންތަކާއި އިސްލާމްދީނާ ދެމެދުގައި އެއްވެސް އަރާރުމެއް ނެތްކަން ދަނީ ކަށަވަރުވަމުންނެވެ. އިސްލާމީ އުޞޫލުތަކަށް ބަލާއިރު ފިޤްހު ޢިލްމުވެރިން ގެންގުޅުއްވާ ޤަވާޢިދުތަކުގެ ތެރޭގައި މި އަންނަ ޤަވާޢިދުތައް ވެއެވެ.
- لا ضرر ولا ضرار- ގެއްލުމެއް ލިބުމެއް އަދި ގެއްލުމެއް ދިނުމެއް ނެތެވެ.
- إيلام الحي لا يجوز شرعاً إلا لمصلحة تعود عليه– ދިރޭ އެއްޗަކަށް ވޭނެއް ލިބިދާނެކަމެއް ކުރުން ޝަރްޢީގޮތުން ހުއްދަ ކަމަކަށް ވާނީ އެކަމުގައި އޭއްޗަށް މަޞްލަޙަތެއް އޮތް ކަމެއް ކަމުގައި ވާނަމައެވެ. މިހެންވެ، މީހެއްގެ ގަޔަށް އިންޖެކްޝަނެއް ޖެހުން ހުއްދަވާނީ އެކަމުން އޭނާއަށް މަންފާއެއް ލިބޭނެ ނަމައެވެ.
- جواز ارتكاب الضرر الأصغر لدفع الضرر الأكبر- ބޮޑުގެއްލުމެއް ނައްތައިލުމަށްޓަކައި ކުޑަ ގެއްލުމަކަށް އަރައިގަތުން ހުއްދަވުން. މިސާލަކަށް މީހަކު މަރުން ސަލާމަތްކުރެވެން އޮތީ ބަލިވެފައިވާ އޭނާގެ ގުނަވަނެއް ބުރިކޮށްލައިގެން ކަމުގައިވާ ނަމަ އެ ގުނަވަން ބުރިކޮށްލުން ހުއްދަވާނެއެވެ. އެއީ އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ވުރެ ފައިދާ ބޮޑުވާނެތީއެވެ.
- جواز تقييد المباح أو منعه إذا هناك ضرر يترتب عليه- ހުއްދަކަމެއް ނުވަތަ މަނާކަމެއް ކުރުމުގެ ސަބަބުން ގެއްލުމެއް ލިބޭ ނަމަ އެކަމެއް ޤައިދުކުރުން ހުއްދަވުން.
މި އުޞޫލުތަކަށް ބެލުމުން އެނގެނީ އަންހެން ކުދީން ޚިތާނު ކުރުމަކީ މި އުޞޫލުތަކާ ފުށު އަރާ ކަމެއް ކަމެވެ. އެކަމުގެ ސަބަބުން އަންހެން ކުއްޖާއަށް ލިބޭ ފައިދާއެއް ނެތީތީއެވެ. ގެއްލުންތައް އޮތީތީއެވެ.
އަންހެން ކުދިން ޚިތާނު ކުރަން ޖެހޭނެ ކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލުތައް
- ފުރަތަމަ ދަލީލަކީ މަދީނާގައި އަންހެނުން ޚިތާނުކުރުމުގެ ކަންތަކުގައި އުއްމު ޢަޠިއްޔާގެ ނަމަކަށް ކިޔާ އަންހެނަކު އުޅުނެވެ. ކީރިތި ރަސޫލާ ﷺ އޭނާއަށް ވިދާޅުވިއެވެ. "لَا تُنْهِكِي فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ وَأَحَبُّ إِلَى الْبَعْلِ –މާނައަކީ: ޚިތާނު ކުރާ އިރު ތިބާ މާބޮޑަށް ނުކަނޑާށެވެ! ފަހެ ހަމަ ކަށަވަރުން އެއީ އެ އަންހެނާއަށް އެންމެ ރަނގަޅު ގޮތެވެ. އަދި އެއީ އޭނާގެ ފިރިމީހާއަށް ވެސް އެންމެ ލޮބުވެތިވާނެ ގޮތެވެ." އެހެން ރިވާޔަތެއްގައި ވަނީ "إِذا خَفَضْتِ فَأَشِمِّي، ولا تُنْهِكِي، فإنَّهُ أَسْرى لِلْوَجْهِ، وأَحْظى للزوجِ- މާނައަކީ: ތިބާ ޚިތާނު ކުރާއިރު ބޭރަށް ނުމުފައިވާ ތަންކޮޅު ކަނޑައިލާށެވެ. އެކަމަކު ބޮޑަށް ނުކަނޑާށެވެ! ފަހެ ހަމަ ކަށަވަރުން އަންހެނާއަށް ބޮޑަށް ރަނގަޅުވާނީ އެ ގޮތެވެ. އަދި އޭނާގެ ފިރިމީހާއަށް ލޮބުވެތިކަން ބޮޑުވާނީ އެ ގޮތެވެ." ނުވަތަ الأشمގެ މާނައަކީ ފިނިފެންމަލަކުން ވަސް ބަލައިއިރު ކަންކުރާ ގޮތަށް އެ ކަން ކުރާށެވެ. ފިނިފެންމަލުން ވަސް ބަލައި އިރު އެ މަލުން ފިޔައެއް ވައްޓައެއް ނުލާނެއެވެ. އެ މަލަށް ގޯނާއެއް ނުކުރާނެއެވެ. ކީރިތި ރަސޫލާ ﷺ މި ތާނގައި އަންހެނާ މި ސިފަކުރައްވަނީ ފިނިފެންމަލެއް ފަދަ ވަސްމީރު އަގު ބޮޑު އެއްޗެއްގެ ގޮތުގައެވެ. އެކަލޭގެފާނު އަންގަވަނީ އެ މައު ނުބިނުމަށެވެ.
- ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "الْخِتَانُ سُنَّةٌ لِلرِّجَالِ مَكْرُمَةٌ لِلنِّسَاءِ- ޚިތާނު ކުރުމަކީ ފިރިހެނުންނަށް ސުންނަތްވެގެންވާ ކަމެކެވެ. އެއީ އަންހެނުންގެ ޙައްޤުގައި އެމީހުންނަށް ހިތޭ ކަމޭހިތުމެކެވެ."
- ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ "خَمْسٌ مِنَ الْفِطْرَةِ: الْخِتَانُ، وَالاسْتِحْدَادُ، وَنَتْفُ الإِبْطِ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ[2] – މާނައަކީ: ފިޠުރަތުގެ ތެރޭގައި ފަސްކަމެއް ހިމެނެއެވެ. އެއީ ޚިތާނުކުރުމާއި، ނިވާމަގުގެ އިސްތަށިތައް ބޭލުމާއި، ކިހިލިފަތީގެ އިސްތަށިތައް ބޭލުމާއި، މަތިމަސް ކޮށައި ކުރުކުރުމާއި ނިޔަފަތި ކެނޑުމެވެ." އައްޝައުކާނީ ވިދާޅުވާ ގޮތުގައި މި ބަސްފުޅުގައިވާ ފިޠުރަތުގެ މާނައަކީ އޭގައި ފަރްޟާއި ސުންނަތާއި މަންދޫބީ ކަންތައްތައް ހިމެނޭ އިޞްޠިލާޙީ ސުންނަތެއް ނޫނެވެ. އެކަމަކު އޭގެ މާނައަކީ އިސްލާމްދީނުގެ މަގެވެ. [3]
އަންހެނުން ޚިތާނުކުރުމާ ދެކޮޅު ހައްދަވާ ޢިލްމުވެރިންގެ ދަލީލުތައް
- އަންހެނުން ޚިތާނު ކުރުމާ ބެހޭ ގޮތުން ވާރިދުވެފައިވާ އެންމެ މަޝްހޫރު ޙަދީޘަކީ މަދީނާގައި އަންހެން ކުދިން ޚިތާނުކުރާ އުއްމު ޢަޠިއްޔާ ނަމަކަށް ކިޔާ އަންހެނަކާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘެވެ. އޭނާއާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "إذا خفضت فأشمي ولا تنهكي؛ فإنه أسرى للوجه ، وأحظى للزوج [4]– އަބޫ ދާވޫދު ވިދާޅުވާ ގޮތުގައި މި ޙަދީޘް ރިވާކުރެއްވިގެން ވަނީ ޢަބްދުލްމަލިކުގެ އަރިހުން ޢުބައިދުﷲ ބުނު ޢަމްރެވެ. އެއީ ބާރުގަދަ ސަނަދަކުން ނޫނެވެ. މި ޙަދީޘް ރިވާވެގެން ވަނީ މުރްސަލުކޮށްނެވެ. ޙަދީޘުގެ ރާވީންގެ ތެރޭގައި ހިމެނޭ މުޙައްމަދު ބުނު ޙައްސާނަކީ ކާކުކަން ނޭނގޭ މީހެކެވެ. މިއީ ޟަޢީފު ޙަދީޘެކެވެ.
އަލްއިމާމު ޝަމްސުލް ޙައްޤުލް ޢަޡީމު އާބާދީ، އަބޫ ދާވޫދުގެ ވާހަކަފުޅާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެއީ ބާރުގަދަ ސަނަދަކުން ނޫނޭ ވިދާޅުވި މުޟްޠަރަބު ކަމުންނާއި ރާވީ (މުޙައްމަދު ބުނު ޙައްސާނުލް ކޫފީ)ގެ ބަލިކަށިކަމުންނެވެ. އިބްނު ޢަދިއްޔުއާއި އަލްބައިހަޤީ ތަބާވެވަޑައިގެންފައިވަނީ އަބޫ ދާވޫދަށެވެ. ނަމަވެސް އަލްޙާފިޡު ޢަބްދުލްޣަނީ ބުނު ސަޢީދު ވިދާޅުވާ ގޮތުގައި ރާވީއަކީ ޞަލީބަށް އެރުވުނު މުޙައްމަދު ބުނު ސަޢީދުލް މަޞްލޫބެވެ. މި ޙަދީސުގެ ރާވީ (މުޙައްމަދު ބިން ޙައްސާނު ނުވަތަ މުޙައްމަދު ބިން ސަޢީދުލް މަޞްލޫބު) އަކީ ބޮޑު ދޮގުވެރިއެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީނާ ވަނީ ހަތަރުހާސް ޙަދީޘް ހަދައި ކީރިތި ރަސޫލާ ﷺ އަށް ނިސްބަތްކޮށްފައެވެ. ޚަލީފާ އަލްމަންޞޫރު އޭނާ ޞަލީބަށް އަރުވައި ޤަތުލުކުރަން އަމުރު ކުރެއްވީ މިހެން ވެގެންނެވެ. އިމާމު އަޙްމަދު ވެސް ވިދާޅުވެފައިވަނީ ހަމަ މި ގޮތަށެވެ. މި ޒަމާނުގެ ޢިލްމުވެރިން މި ޙަދީޘް ރިވާކުރެވިގެން އައިސްފައިވާ ތަފާތު ގޮތްތައް ދިރާސާ ކުރެއްވުމަށް ފަހު ވިދާޅުވެފައިވެފައި ވަނީ މިއީ ޟަޢީފު ޙަދީޘެއް ކަމަށެވެ. ޑރ. މުޙައްމަދުއް ޞައްބާޣު އަންހެނުން ޚިތާނު ކުރުމާ ބެހޭގޮތުން ލިޔުއްވި ރިސާލާގައި ވިދާޅުވެފައިވަނީ އަބޫ ދާވޫދަށާއި އަލްޢިރާޤީއަށް ނިކަން ބަލައިބަލާށެވެ! އެ ދެ އިމާމުން ވަނީ މިއީ ޞައްޙަ ޙަދީޘެއް ނޫންކަން ސާބިތުކޮށް ދެއްވައިފައެވެ. ޞައްޙަ ނޫން ޟަޢީފު ޙަދީޘަކީ ޙުއްޖަތެއް ނޫނެވެ.
އުއްމު ޢަޠިއްޔާގެ ޙަދީޘް ޞައްޙަ ކަމަށް ބެއްޔަސް އެއީ ޚިތާނުކުރުމަށް ކުރައްވާފައިވާ އަމުރެއް ނޫނެވެ. އެކަމަކު އެ ބަސްފުޅުގައި ހިމެނެނީ ޚިތާނު ކުރަންވީ ގޮތެވެ. މި ބަސްފުޅުގައި އައިސްފައިވަނީ (إشمام) އެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ މީރުވަސް ދުވާ އެއްޗެއްގެ ވަސްބެލުމެވެ. މާނައަކީ އެއްޗެއް ކަނޑައިލިކަން އިޙްސާސުވެސް ނުވާހާ ކުޑަ މިންވަރެއް ކަނޑައިލާށެވެ. އެބަހީ ޚިތާނު ކުރަންޖެހޭ ހިސާބުގެ މަތީ ފަށަލައިގެ ހަންކޮޅު އެކަނި ނައްޓާލާށެވެ! މިއީ މާވަރްދީގެ ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި މި ހަންކޮޅު ކަނޑައިލަން ޖެހޭނީ އެއްޗެއް ވަކިކޮށްލުމަކާ ނުލައެވެ. ނަވަވީގެފާނު ވިދާޅުވާ ގޮތުގައި އެއީ އެ ގުނަވަނުގެ އެންމެ ކައިރިފަށެވެ. އެހެންކަމުން މިއީ މެޑިކަލް ކަމެކެވެ. އާދައިގެ ޑަކްޓަރުން ލައްވައި ވެސް މި ކަން ކޮށްގެން ނުވާނެއެވެ. މި ކަން ކުރަން ވާނީ މިކަމުގެ ސްޕެޝަލިސްޓް ޑަކްޓަރަކު ލައްވައެވެ. އެހެން ކަމުން ފޫޅުމައިންނާއި ތުނބުޅި ބާލައިދޭ މީހުން ފަދަ މީހަކު ލައްވައި މި ކަން ކުރުވައިގެން ނުވާނެއެވެ. އަންހެން ކުދިން ޚިތާނު ކުރުމުގެ އާދަކާދަ ފެތުރިފައިވާ ޤައުމުތަކުގައި ގިނަ ފަހަރަށް މި ކަން ކުރަނީ މި ފަދަ މީހުން ލައްވައެވެ.
- މި މަސްއަލައިގައި މަޝްހޫރު ދެވަނަ ޙަދީޘަކީ އުއްމު ޢަޠިއްޔާގެ ޙަދީޘް ފަދަ މަޝްހޫރު ޙަދީޘެކެވެ. މި ޙަދީޘް ބުނާ ގޮތުގައި "الْخِتَانُ سُنَّةٌ لِلرِّجَالِ مَكْرُمَةٌ لِلنِّسَاءِ– މާނައަކީ: ޚިތާނު ކުރުމަކީ ފިރިހެނުންނަށް ސުންނަތްވެގެންވާ ކަމެކެވެ. އެއީ އަންހެނުންގެ ޙައްޤުގައި އެމީހުންނަށް ހިތޭ ކަމޭ ހިތުމެކެވެ." އިމާމުލް ބައިހަޤީއާއި އިބްނު އަބީ ޙާތިމާއި އިބްނު ޢަބްދިލް ބިއްރި ވިދާޅުވާ ގޮތުގައި މިއީ ޟަޢީފު ޙަދީޘެކެވެ. މި ޙަދީޘް ރިވާވެގެންވާ ހުރިހާ މަގުތަކަކަށް ބަލާއިރު އެ މަގުތައް ބައްދަލުވަނީ އަލްޙައްޖާޖު ބުނު އަރްޠައާ ނަމަކަށް ކިޔާ މީހަކާ ހަމައިންނެވެ. އެއީ ޙުއްޖަތެއް ކަމުގައި ބެލެވޭވަރުގެ އިތުބާރު ހުރި މީހެއް ނޫނެވެ. އައްޝައިޚު ސައްޔިދު ސާބިޤު ވިދާޅުވަނީ: އަންހެނުން ޚިތާނު ކުރުމާ ބެހޭ ޙަދީޘްތަކުގެ ތެރޭގައި ޞައްޙަ އެންމެ ޙަދީޘެއް ވެސް ނެތެވެ. އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި[5] އެއީ ޟަޢީފު ޙަދީޘެކެވެ. އެހެންކަމުން އެއީ ދީނުގައިވާ ކަމެއްގެ ޙުކްމެއް ބަޔާންކޮށްދޭ ވަރުގެ ބަހެއް ނޫނެވެ. އައްޝައިޚު އަލްބާނީ ވިދާޅުވާ ގޮތުގައި ވެސް މިއީ ޟަޢީފު ޙަދީޘެކެވެ. ޙަދީޘް ޞައްޙަ ކަމަށް ބެއްޔަސް ފިރިހެނުންނާއި އަންހެނުން ޚިތާނު ކުރުމުގެ ޙުކްމުގައި ތަފާތުކަން އެނގެއެވެ. އެއީ ސުންނަތަކަށް ވުރެ ދަށު ދަރަޖައިގެ ކަމެކެވެ. މި ބަސްފުޅުން ސާފުކޮށް މި ކަން އެނގެއެވެ. މި ޙަދީޘް ޞައްޙަ ކަމަށް ބަލައިފި ނަމަ އެނގެނީ އެއީ އަރަބިން ކޮށް އުޅުނު ކަމެއް ކަމެވެ. ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވާފައި މިވަނީ އެ ކަން ކުރާ ގޮތް ރަނގަޅު ކުރުމަށެވެ.
- ތިންވަނަ ޙަދީޘަކީ "خَمْسٌ مِنَ الْفِطْرَةِ: الْخِتَانُ، وَالاسْتِحْدَادُ، وَنَتْفُ الإِبْطِ ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ[6]– މާނައަކީ: "ފިޠުރަތުގެ ތެރޭގައި ފަސްކަމެއް ހިމެނެއެވެ. އެއީ ޚިތާނުކުރުމާއި، ނިވާމަގުގެ އިސްތަށިތައް ބޭލުމާއި، ކިހިލިފަތީގެ އިސްތަށިތައް ބޭލުމާއި، މަތިމަސް ކޮށައި ކުރުކުރުމާއި،ނިޔަފަތި ކެނޑުމެވެ." މި ބަސްފުޅަށް ބަލައި އިރު ފާހަގަ ކުރެވޭ ކަމަކީ އަންހެނުން ޚިތާނު ކުރުމޭ ބުނެވޭ ބަހަކީ މަޖާޒީ ބަހެއް ކަމެވެ. އެއީ ޙަޤީޤަތެއް ނޫނެވެ. އެހެނީ އަންހެނުން ޚިތާނުކުރުމަށް ކިޔާ ބަހަކީ ޚިފާޟު އެވެ. ދެވަނައަށް ފާހަގަ ކުރެވޭ ކަމަކީ މި ޙަދީޘުގައި މި ވާ ކަލިމައަކީ (فطرة) އެވެ. ފިޠުރަތުގެ މާނައަކީ ހަމަ އެކަނި ދީނެއް ނޫނެވެ. އަދި ޢަޤީދާއެއް ވެސް ނޫނެވެ. އެ ކަލިމައިގައި ވަރަށް ގިނަ މާނަތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި "ﷲ އެ ގޮތުގައި އެއްޗެއް ހައްދަވާފައިވާ ގޮތް" ހިމެނެއެވެ. އޭގެ ތެރޭގައި ޚަލްޤު ކުރެއްވުން ވެސް ހިމެނެއެވެ.
- ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އެންމެ އަންހެން ދަރިކަނބަލަކު ވެސް ޚިތާނު ކުރައްވައިފައެއް ނުވެއެވެ. އެކަލޭގެފާނަށް ހަތަރު އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ރުޤައްޔަތުގެފާނާއި ޒައިނަބުގެފާނާއި އުއްމު ކުލްޘޫމުގެފާނާއި ފާޠިމަތުގެފާނެވެ. ވީމާ ފިޢުލީ ސުންނަތުން އަންހެނުން ޚިތާނު ކުރަން ޖެހޭކަން ސާބިތެއް ނުވެއެވެ.
- އަންހެންކުދިން ޚިތާނުކުރުމަކީ އަރަބިންގެ ތެރޭގައި އޭރު އޮތް އާދައެކެވެ. އެކަމާ ދެކޮޅު ނަހައްދަވާ ދޫކޮށްލެއްވިލެއްވުމުން އެނގެނީ އެއީ ހުއްދަ ކަމެއްކަމެވެ. އެކަމަކު ހުއްދަކަމެއް ހުއްދަވާނީ އެކަމުން ގެއްލުމެއް ނުލިބޭނެ ކަން ކަށަވަރުވަންދެންނެވެ. އެކަމުން ގެއްލުން ލިބޭކަން އެނގޭ ހިސާބުން އެކަން ޙަރާމްވާނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މަސްއަލަ މިކަމުގެ ހެއްކަކަށް ފުދެއެވެ. ދުންފަތުގެ ގެއްލުންތައް އެނގުމުން އޭގެ އިސްތިޢުމާލު ކުރުން ޙަރާންކަމެއް ކަމަށް މިއަދުގެ ޢިލްމުވެރިން ފަތުވާ ދެއްވަން ފަށްޓަވައިފިއެވެ. މިޒަމާނުގައި ޑަކްޓަރުން ކަށަވަރުކޮށްދެއްވާ ގޮތުގައި އަންހެންކުދިން ޚިތާނުކުރުމުން އެކުދިންނަށް ޖިސްމާނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް އަދި އިޖްތިމާޢީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އަދި ބައެއް ފަހަރަށް އަންހެންކުދިން އެބަ މަރުވެއެވެ. އަދި ބައެއް ނުބައި ބަލިތައް ވެސް އެބަޖެހެއެވެ.
- އަންހެންކުދިން ޚިތާނުކުރުމަށް ގޮވައިލާ ޞައްޙަ ޞަރީޙު އެއްވެސް ނައްޞެއް ނެތެވެ.
- މިޞްރުގެ ކުރީގެ މުފްތީ ޑރ. ޢަލީ ޖުމުޢާ ވިދާޅުވާގޮތުގައި އަންހެންކުދިން ޚިތާނުކުރުމުގައި ހަތަރު ގޮތެއް ވާ ކަމަށް ޑަކްޓަރުން ބުނެއެވެ. ފުރަތަމަ ގޮތަކީ ބޭނުމެއް ޖެހިގެން ރީތިކޮށްލުމުގެ ގޮތުން ކުރާ ކަމެއްގެ (ބިޔުޓީ ސަރޖަރީ އެއް) ގޮތުގައި އެ ކަން ކުރުމެވެ. ޑރ. ޢަލީ ޖުމުޢާ ވިދާޅުވާގޮތުގައި އިސްލާމީ މަފްހޫމުގައި ޚިތާނަކީ މިއީ އެވެ. އަނެއް ގޮތްތަކަކީ އެ ކަމަށް ޚިތާނުކުރުމޭ ކިޔަސް އެއީ ޚިތާނު ކުރުމެއް ނޫނެވެ. އެއީ ޢުދްވާނީ ޢަމަލެކެވެ. އަދި އެއީ ޖިނާއީ ކުށެކެވެ. މިކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ދިޔަ ދޭން ޖެހޭނެއެވެ. އެހެންކަމުން މިއީ ޝަރްޢު މަނާކުރާ ކަމެކެވެ.
[1] – ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި
[2] – متفق عليه
[3] – الشوكاني في نيل الأوطار : جـ1 ص113
[4] – މާނަ ވާނީ އިސްވެ ބަޔާންކޮށްފައެވެ.
[5] – انظر كتاب : تلخيص الخبير في تخريج أحاديث الرافعى الكبير
[6] – متفق عليه




advertisment