ދިވެހި ލޭ ހިނގާ ދިވެހި ދަރިޔަކު ނެތީހޭ؟
ދިވެހި ވިންދު ހިތުގައި މިއަދު ނުޖަހަނީހޭ؟
ދިވެހި ރީތި ނަންވެސް މުޅިން ގެއްލެނީހޭ؟
ދިވެހި ގައުމު ރޯއަޑު އަޅޭ ނުއިވެނީހޭ؟
****
އަމާން ކަމުގެ ކިއްލާގެ ނަން ގެއްލި ދާއިރު
ނަމާ ޝަރަފު އަބުރާއި ވެއްޔާ މޮޑޭ އިރު
ޒަމާނަށް މިއައި ބަދަލު އިޙުސާސް ވާއިރު
ސަމާލުވެ ޙިމާޔަތް ކުރާކަށް ނުވޭހޭ؟
ވަފާތެރި ކަމާއެކު ޙަގީގަތް ކިޔައިދީ
ނަފާވާނެ މަގު ސާފުކޮށް ހާމަ ކޮށްދީ
ދަފާވާނެ ހުރިހައި ގޮތެއް ބަޔަކު ބުނެދީ
ލަފާދާރު އަގުހުރި ނަޞޭޙަތް ނުދޭހޭ؟
ދިވެހި މާތްވި ލޮބުވެތި ޝަހީދުންގެ ޒިކުރާ
ދިވެހި ކާބަފައިން ދެއްކި ހިތްވަރުގެ އަސަރާ
ދިވެހި އުންމަތަށް ހޯއްދަވައި ދެއްވި ނަޞްރާ
ދިވެހި ބިންތަކުން ގަސްދުގައި ފޮހެލަނީހޭ؟
