ގެއްލިގެން ހޯދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ގުޅިފައި ވަނީ ޑްރަގް ނެޓްވޯކަކާ ކަމަށާއި އޭނާ މި ވަގުތު ހުރީ ޑްރަގު ޑީލެއްގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ މާލޭން ފުރި ފްލައި ދުބާއީގެ ފްލައިޓުން މިސްބާހް، 25، ދުބާއީއަށް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިރުފާނަކީ ހުސްވި އަހަރުގެ ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2″ ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހެކެވެ. މިސްބާހް ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، އިރުފާން ދުއްވާ ކާރެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަޅި ކުލައިގެ އެ ކާރު ފަހުން ވަނީ ޑްރަގު ބަސްތާތަކަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި ފުލުހުން އަތުލައިގެންފައެވެ.
މިސްބާހާއެކު ދުބާއީ އަށް ދިއުމަށްފަހު އިރުފާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާނާއެކު މިސްބާހް އައިސްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި، މިސްބާހް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު ދުބާއީން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވެއެވެ." ފުލުހުން ބުނެއެވެ.
އިރުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މި އަހަރުގެ ފެބްރުއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ފެބްރުއަރީ 14 ގައި ދައުވާ އުފުލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލާގައި އިރުފާނާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.
މިސްބާހު ގެއްލުމާއި އޭނާ އަށް ވީ ގޮތް: ކުރުކޮށް
- 11 ނޮވެމްބަރު 2020: ދުވަހުގެރޭ ދުބާއީއަށް ފުރުމަށްޓަކައި މިސްބާހް މުހައްމަދާއި އިރުފާން ތަގިއްޔު، ޕްރައިވެޓް ކާރު ނަންބަރު "AB1B P1939″ ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ
- 11 ނޮވެމްބަރު 2020: ދުވަހުގެ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން މިސްބާހް މުހައްމަދާއި އިރުފާން ތަގިއްޔު ދުބާއީއަށް ފުރި
- 22 ނޮވެމްބަރު 2020: ދުވަހުގެ އެމިރޭޓްސްގެ EK656 ނަންބަރު ފްލައިޓުން އިރުފާން ތަގިއްޔު އެނބުރި ރާއްޖެ އައި
- 23 ނޮވެމްބަރު 2020: ދުވަހުގެ ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން މިސްބާހް މުހައްމަދު ދުބާއީން ޕާކިސްތާނަށް ފުރި
- 8 ޑިސެމްބަރު 2020: 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ޑްރަގު ބަސްތާތަކަކާއެކު، އިރުފާން ތަގިއްޔުގެ ކާރު "AB1B P1939″ ފުލުހުން އަތުލައިގަތް. މިސްބާހާއި އިރުފާން އެއާޕޯޓަށް ދިޔައީ އެ ކާރުގައި. ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކުރި
- 14 މޭ 2021: މިސްބާހް މުހައްމަދު ގެއްލިގެން، އާއިލާއިން އެކަން އެންގުމުން، އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާންކުރި.
- 14 މޭ 2021: މިސްބާހް މުހައްމަދަށް ވީނުވީއެއް ނޭނގޭތާ ހަތް މަސްވެދާނެ ކަމަށް އޭނާގެ ދައްތަ ފާތުމަތު ހުދާ "އަދިވެސް" އަށް ބުނި.
- 2 ޖޫން 2021: މިސްބާހް މުހައްމަދު ގުޅިފައި ވަނީ ޑްރަގް ނެޓްވޯކަކާ ކަމަށާއި އޭނާ މި ވަގުތު ހުރީ ޑްރަގު ޑީލެއްގައި "ގެރެންޓަރ"އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށް ފުލުހުން ބުނި.
ހުދާގެ ފޭސްބުކްގައި ވަރަށް ފަހުން ކޮށްފައިވާ ޕޯސްޓެއްމިސްބާހު ގެއްލިގެން، އާއިލާއިން އެކަން އެންގުމުން، އޭނާ ހޯދަން ފުލުހުން އިއުލާންކުރީ ހުސްވި މޭ މަހުގެ 14 ވަނަ ދުވަހުއެވެ. މިސްބާހުގެ ދައްތަ ފާތުމަތު ހުދާ "އަދިވެސް" އަށް އެ ދުވަހު ބުނީ މިސްބާހަށް ވީނުވީއެއް ނޭނގޭތާ ހަތް މަސްވެދާނެ ކަމަށެވެ.
ހުދާ ބުނީ މިސްބާހު ރަށުން މާލެ އަށް ދިޔަތާ ހަތް މަސް ވެދާނެ ކަމަށާއި އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށެވެ.
ހުދާމެންގެ އާއިލާއަކީ ހދ. މާވައިދޫން، 2011 ގައި ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކުގެ ތެރޭގައި ހިމެނޭ އާއިލާއެކެވެ. އެ އާއިލާގައި ހަތް ކުދިން ތިބެއެވެ.
ވިދާޅުވުމަށް: ގެއްލިގެން ހޯދާ މިސްބާޙަށް ވީނުވީއެއް ނޭނގޭތާ ހަތް މަސް: އާއިލާ
ވިދާޅުވުމަށް: 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި