Support Us

ގެއްލިގެން ހޯދާ މިސްބާޙަށް ވީނުވީއެއް ނޭނގޭތާ ހަތް މަސް: އާއިލާ

ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާންކުރި ހދ. ނޮޅިވަރަންފަރު، މޯނިންސަން، މިސްބާޙު މުހައްމަދު، 25، އަށް ވީނުވީއެއް ނޭނގޭތާ ހަތް މަސްވެދާނެ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މިސްބާޙުގެ ދައްތަަ ފާތުމަތު ހުދާ މިއަދު ބުނީ މިސްބާހު ރަށުން މާލެ އަށް ދިޔަތާ ހަތް މަސް ވެދާނެ ކަމަށާއި އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށެވެ.

ހުދާމެންގެ އާއިލާއަކީ ހދ. މާވައިދޫން، 2011 ގައި ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކުގެ ތެރޭގައި ހިމެނޭ އާއިލާއެކެވެ. އެ އާއިލާގައި ހަތް ކުދިން ތިބެއެވެ.

ހުދާ ބުނީ މިސްބާހު އަބަދުވެސް އުޅެނީ ޕާޓޭންނާ ގުޅިގެން ކަމަށާއި ގެއިން ވެސް އަބަދުވެސް އެއްޗެތި ގެއްލޭ ކަމަށެވެ. އަދި ގެއްލެން ވަކި އެއްޗެއް ނޯންނަ ކަމަށް ވެސް ހުދާ ބުންޏެވެ.

"އެންމެފަހުން ގެއްލުނީ މި ގޯތީގެ ރަޖިސްޓްރީ އާއި މަންމަގެ ވަރީގެ ސެޓްފިކެޓް،" ހުދާ، 28، ބުންޏެވެ.

ހުދާ ބުނީ ގެއިން އަބަދު ވައްކަންކުރާ މައްސަލައިގައި ނޮޅިވަރަންފަރު ޕޮލިހަށް ވަރަށް ގިނައިން ދާ ކަމަށެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރުގައި މިސްބާހު މާލެ ދިޔަފަހުން ހަބަރެއް ނުވާތީ އޭނާގެ ހަބަރެއް ބަލައިދިނުމަށް ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

ހުދާ ބުނީ މިސްބާހު މާލެ އައިސް އުޅުނީ ސިންގަޕޫރު ބާޒާރު ނުވަތަ ނީލަން ފިހާރަތައް ކައިރީގައި ޕާޓޭންނާ ގުޅިގެން ކަމަށާއި އެ ތަނުގައި އުޅެނިކޮށް ހުދާގެ ފިރިމީހާއަށް އޭރު ފެނިފައިވާ ކަމަށެވެ.

"އެތަނުން މިސްބާޙު ނުފެންނަތާ ދެތިން ދުވަހެއް ވީމަ އެ މީހުން ކައިރީގައި މި އެހީ މިސްބާހު ކޮބާހޭ. އެހީމަ ބުނީ މިސްބާހު ވީ ޖަލުގައޭ. އަނެއްކާ ފަހުން ބުނީ މިސްބާޙު ދިޔައީ ގެސްޓް ހައުސްއަކަށޭ. އޭގެ ފަހުންނޭ ނުގުޅެނީ. އަނެއްކާ ފަހުން ބުނެފި މިސްބާޙު ދިޔައީ ކޮންމެވެސް ދޯންޏަކަށޭ. އެރޭގެ ފަހުން މިސްބާހެއް ނުދެކެމޯ. އަނެއްކާ އެހެން މީހަކު ބުނެފި ޕާކިސްތާނަށޯ މިސްބާޙު ދިޔައީ. އެހެންވެ އެ މީހުން ދޮގު މައުލޫމާތު ދެނީ އަޅުގަނޑަށް. ބަޔަކު ފޮނުވައިގެން އޭނާ ޕާކިސްތާނަށް ދިޔަސް ދާނީ. އަމިއްލަ އައި.ޑީ ކާޑެއް ވެސް ގެންގުޅޭ މީހެއް ނޫން އެއީކީ. ބަޔަކު ރާވައިގެން ކުރި ކަމަކަށް އެ ވާނީ،" ހުދާ ކިޔައިދިނެވެ. "މިސްބާހަކީ ދޭތެރެއަކުން ޖަލަށް ލާ މީހެއް. އެހެންވެ ފުލުހުން ކައިރީ ބުނިން އޭނާ ޖަލުގައިތޯ ބަލައިދީބަލާށޭ. މިކޮޅު ފުލުހުން ބަލާފައި ބުނި އޭނާ ޖަލަކު ނެތޭ."

ފުލުހުން މިއަދު ބުނީ މިސްބާހަކީ މިދިޔަ މަހުއްސުރެ ގެއްލިފައިވާ މީހެއް ކަމަށާއި އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދޭ ކަމަށެވެ. އޭނާއަކީ ހިމަ، ހަށިގަނޑު ވަރުގަދަ، ކަޅު ކަޅިއެއް އަދި ކަޅު އިސްތަށިގަނޑެއް ހުންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *