Support Us

އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ދިވެހި ތަރުޖަމާ ޑީ.އެން.އޭއިން ނެރެފި

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ދިވެހި ތަރުޖަމާ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އިން ނެރެފި އެވެ.

ރޭ ބޭއްވި ރަސްމީޔާތެއްގައި މި ތަރުޖަމާ ނެރެދެއްވީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޑީ.އެން.އޭ އިން ނެރެފައި ވަނީ ޖުމްލަ 12 މާއްދާ ހިމެނޭ ޑްރާފްޓް އެއްބަސްވުމުގެ ތަރުޖަމާ، 32 ސަފުހާ ފޮތެއްގެ ގޮތުގައި ޗާޕުކޮށްގެންނެވެ. އެ ފޮތުގައި ޑްރާފްޓް އެއްބަސްވުމުގެ އަސްލު ވެސް ވަނީ ހިމަނައިފައެވެ. ޑީ.އެން.އޭ އިން ބުނީ ރަށްރަށަށް ފޮނުވުމަށްޓަކައި 10،000 ފޮތް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީގެ ދިވެހި ތަރުޖަމާ ނެރުމުގެ ބޭނުމަކީ އެ އެއްބަސްވުމުގައިވާ ކަންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބުނެދިނުން ކަމަށެވެ. އަދި އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ނުރައްކަލުގެ ވާހަކަތައް ޑީއެންއޭގެ ފަރާތުން ބުނެދެމުންދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"މިއަދުގެ ސިޔާސީ ހަގީގަތަކީ ވަރަށް ގިނަ ލޯނުތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފި. އޭގެ ސަބަބުން ސަރުކާރުގެ އެތައް ބަޔަކު އަނގަ ބަންދުވެއްޖެ. ސިޔާސީ ޕާޓީތަކަށް އެތައް ވަރަކަށް ފަންޑުކޮށްފި. އެކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަނގަ ބަންދުވެއްޖެ. އެހެންވީމަ މިއަދު މިކަމާ ދެކޮޅަށް ތެދުވެ ވާހަކަ ދެއްކުމުގެ އެންމެ އިސް ސަފުގައި މިތިބީ އަޅުގަނޑުމެން. ކުރީގެ ސިފައިން."

ރޭގެ ހަފުލާގައި ޕާޕާ ވިދާޅުވީ އުތުރުތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ފަޔާޒް ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް ބޭރު ގައުމަކަށް ދިނުމުގެ ވިސްނުމެއް އެމްޑީޕީ ނޫން އެހެން އެއްވެސް ސަރުކާރަކުން ގެންގުޅެފައިނުވާ ކަމަށެވެ.

ޕާޕާ ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގައި ސިފައިންގެ އިސްވެރިންނާއެކު އޭނާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި އުތުރުތިލަފަޅާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ހަމައެކަނި އެ ޕްރޮޖެކްޓަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެން އިންޑިއާގެ އަސްކަރިއްޔާގެ ހުރިހާ ސީނިއަރ ބޭފުޅުންނާ ބައްދަލުކުރިން. ޑިފެންސް މިނިސްޓަރު، އާމީ ޗީފް، ނޭވީ ޗީފް އަދި ޖޮއިންޓް ޗީފާވެސް ބައްދަލުކުރިން. އެކަމަކު އެއިން އެއްވެސް މަރުހަލާއެއްގައި އަޅުގަނޑުމެން ނުދައްކަން ތިބޭފުޅުން މިތަނަށް އައިސް ބަނޑަހަޖަހައިގެން މިކަން ކުރާށޭ. އަޅުގަނޑުމެން އެދުނުހާ ވެސް ކަމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް އެބައޮތޭ. މުއައްސަސާގެ ކުރިއެރުމާއި ތަރައްގީއަށް އަޅުގަނޑުމެން ބޭނުންވަނީ މި ޕްރޮޖެކްޓް ރާވާ ހިންގާށޭ. ތިބޭފުޅުންނަށް މިކަމުގައި ކޮށްދެވެން އޮތް އެހީތެރިކަމެއް އަޅުގަނޑުމެންނަށް ބޭނުންވެއޭ. ބައްދަލުވުމުގެ މިނެޓްސްތަކާ އެއްޗިހި އެހެރީ ފެންނަން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ނީންނާނެ އިންޑިއާއާ ހަވާލުކޮށްގެން އެކަން ކުރަން ބުނެފައެއް،" ޕާޕާ ވިދާޅުވިއެވެ.

އުތުރުތިލަފަޅަކީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތަށް އޮތް ނުރައްކާތެރިކަމެއްކަން ރޭ ނެރުނު ފޮތުން ވެސް އެނގިގެންދާނެ ކަމަށް ޕާޕާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"މި އުތުރުތިލަފަޅަކީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތަށް ވެސް އޮތް ނުރައްކާތެރި ކަމެއް. ކުރިމަގުގައި ގައުމިއްޔަތަށް ނުރައްކާތެރިކަން އަންނާނެ. ޚާއްސަކޮށް މި ފޮތް ނެރުނީމަ، ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ގިނަ ކަންތައްތައް ހާމަވެގެންދާނެ" ޕާޕާ ވިދާޅުވި އެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން އޭނާ ހާމަކޮށްފައިވާ ކަންތައްތައް އެމްއެންޑީއެފްގެ އިސްވެރިން ދޮގުކުރާ ކަމުގައިވާނަމަ، އަސްލު އެއްބަސްވުން ދިވެހި ރައްޔިތުންނަށް ދެއްކުމަށް ވެސް ޕާޕާ ވަނީ ގޮވާލައްވާފައެވެ.

"އަސްލު އެއްބަސްވުން ނުދެއްކިގެން އުޅޭ ސަބަބަކީ މި އެއްބަސްވުމުގައި އެބަބުނޭ ވަރަށް ގިނަ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިޞާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެ އެއްބަސްވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ނުރަނގަޅު އަސަރު ކުރާނެ ކަމުގައި ވެސް ޕާޕާ ވިދާޅުވިއެވެ.

"މީގެ ސަބަބުން އެހެން ގައުމުތަކުން އަޅުގަނޑުމެންނާ މެދު ދެކޭ ދެކުން ވަރަށް ބޮޑަށް ބަދަލުވާނެ. ވަރަށް ބޮޑަށް މީގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ އިގްތިސޯދަށްވެސް އަންނާނެ. ދިގުމުއްދަތުގައި އަޅުގަނޑުމެންގެ ޓޫރިޒަމަށް ވެސް ކުރާނެ. އެހެންވީމަ މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،" ޕާޕާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ މުނާޒް ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުގައި ބޭރު ގައުމަކުން ހުށަހެޅި ހުށަހެޅުމަށް ސިފައިން ނޫނެކޭ ބުނި ކަމަށެވެ.

"ސިފައިންގެ ފަރާތުން އޭރު ސަރުކާރަށް ހުށަހެޅުއްވީ ސިފައިންގެ ކުންފުނި، ސިވެކް މެދުވެރިކޮށް ފިއުލްފާމާއި ޑޮކްޔާޑް ތަރައްގީކޮށް، އެތަންތަން ހިންގޭވަރުގެ ކުންފުނިތަކަކަށް، އެތަންތަން ކުއްޔަށްދީގެން ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ކޯސްޓްގާޑުގެ ބަނދަރުގައި ދެން ހުރި ކަންތައްތައް ތަރައްގީކޮށް، ސިފައިން އަމިއްލައަށް އެ ބަނދަރުގެ މަސައްކަތް ކުރުމަށް. އޭރުވެސް ސިފައިންނަށް އެކި ދިމަދިމާލުން ހުށަހެޅުންތައް އާދޭ އިނގޭތޯ. ބޭރު ގައުމުތަކުން ވެސް ހުށަހެޅުންތައް ލިބޭ. އެހެންނަމަވެސް އެބޭފުޅުންނަކީ ހަތަރެސްފައި ބަނދެވިފައި ތިބި ނުވަތަ ކޮންޕްރަމައިޒް ވެފައި ތިބި ބައެއް ނޫން. އެހެންވީމަ ނޫނެކޭ ބުނާނެ ހިތްވަރު އެބޭފުޅުންގެ ގައިގައި އޭރު ހުރި،" މުނާޒް ވިދާޅުވިއެވެ. "އުތުރު ތިލަފަޅު ޕްރޮޖެކްޓް އޭރުގެ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ވިޔަފާރިވެރިން، އެ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް އެބޭފުޅުންގެ އަމިއްލަ ޚަރަދުގައި ހިއްކައިދޭން ވެސް ހުށަހެޅިކަން އަޅުގަނޑު ދެނެހުރިން. އަދި ޒުވާނުންގެ ތެރެއިން އެކި ފަންތީގެ ބޭފުޅުން ސިފައިންނަށް އަމިއްލައަށް އެޕްރޯޗްކޮށް، ތިމަންނަމެން މިތިބީ އެވެނި މިވެނި މަސައްކަތެއް ހިލޭސާބަހަށް ކޮށްދޭންށޭ ވިދާޅުވެ އެބޭފުޅުންގެ ހުށަހެޅުންތައް ވެސް ލިބެމުންދިޔަ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *