މާލޭގެ ގުދަނަކުން ވަގަށް ނަގާފައިވާ ދޮރުތަކަކާއި ދޮރުކަނި ތަކެއް ފުލުހުން ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މި އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މާލޭގެ ގުދަނަކުން ދޮރުފަތްތަކަކާއި ދޮރު ކަނިތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެތަކެތި ހޯދައިފައި ވަނީ އެތަކެތި އެހެން މީހަކަށް ވިއްކާލާފައިވަނިކޮށް އޭޕްރީލް 27 ވަނަ ދުވަހު ކަމަށެވެ. އެ ތަކެތި ފެނިފައި ވަނީ އެ ގުދަން ހިިމެނޭ ސަރަހައްދުގެ ގެއެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ ވަގަށް ނަގައިފައިވަނިކޮށް ހޯދައިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ސޮލިޑް ފައިބަރު 14 ދޮރުފަތާއި ދަގަނޑު ދޮރުފަތަކާއި ދޮރުކަންޏާއި ފާހާނާ ދޮރުފަތުގެ ޕްލާސްޓިކް ދެ ދޮރުފަތް ކަމަށާއި އެ ތަކެތި މިހާރުވަނީ އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment