"ސްމާޓް" އަތޮޅަކަށް މާލެ އަތޮޅު ހެދުން އެއީ އެންމެ ބޮޑު ހުވަފެން އަދި އުންމީދު ކަމަށާއި އެންމެ ބޮޑު އަމާޒަކީ މާލެ އަތޮޅުގެ ހިންގުން ދުނިޔެ ގަބޫލްކުރާ އައި.އެސް.އޯ މިންގަނޑަށް ތަރައްގީކުރުން ކަމުގައި މާލެ އަތޮޅު ކައުންސިލްގެ އިންތިހާބީ ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި ޕީ.އެން.ސީގެ ނައިބު ރައީސް ވިދާޅުވީ ހުވާކުރުމަށްފަހު ބާއްވާ ކައުންސިލް ފުރަތަމަ ބައްދަލުވުން ވެސް ވެގެންދާނީ ރަށްވެހި ޚިދުމަތް ޒަމާނީ ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ކަމަށާއި "މިސްރާބު ހިފާނީ ޑިޖިޓަލް ޕްލެޓްފޯމަކާ ދިމާލަކަށް" ކަމަށެވެ. އަދި "އަތޮޅު ކައުންސިލާއި ކޮންމެ ރަށު ކައުންސިލެއް އަމާޒު ޔަގީންކުރާނީ އައި.އެސް.އޯ ސަރޓިފައިޑް ޚިދުމަތުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ގެނައުމަށް" ކަމަށެވެ.
"އަޅުގަނޑާއެކު ކައުންސިލް ފުރަތަމަ ބައްދަލުވުން ވެސް ވެގެންދާނީ ރަށްވެހި ޚިދުމަތް ޒަމާނީ ކުރުމަށް. މިސްރާބު ހިފާނީ ޑިޖިޓަލް ޕްލެޓްފޯމާ ދިމާލަށް. އަތޮޅު ކައުންސިލް، ކޮންމެ ރަށު ކައުންސިލެއް އަމާޒު ޔަގީންކުރާނީ އައި.އެސް.އޯ ސަރޓިފައިޑް ޚިދުމަތުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ގެނައުމަށް،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ނިމާލްގެ ޓުވީޓެއްގައިވެއެވެ.
“SMART”Atholhakah Male’Atholhu Hedhun Aee Alhuganduge Huvafen Adhi Umeedhu. Thiya Beyfulhun Alhugandah Ithubaaru kurehvi, Alhugandu Athuga Hifaadheefi, Eyge Agu Alhugandu Adhaa Kuraanee Mulhi Atholhu Namoonaa Atholhakah hadhaadheefa
— Mohamed Nimal (@NimalKokaa) April 24, 2021
"ސްމާޓް" އަތޮޅަކަށް މާލެ އަތޮޅު ހެދުން އެއީ އަޅުގަނޑުގެ ހުވަފެން އަދި އުންމީދު. ތިޔަ ބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރެއްވި، އަޅުގަނޑު އަތުގައި ހިފައިދީފި. އޭގެ އަގު އަޅުގަނޑު އަދާކުރާނީ މުޅި އަތޮޅު ނަމޫނާ އަތޮޅަކަށް ހަދައިދީފަ،" ފެނަކަގެ އެމް.ޑީގެ މަގާމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ މާލެ އަތޮޅުގެ ނުވަ ރަށުގެ ތަރައްގީއަށް އޭނާގެ ޕްލޭންތަކެއް އެބަހުރި ކަމަށާއި، އެޕްރީލް 10ގެ ވޯޓުގައި ރައްޔިތުން ދިން މޭންޑޭޓާ އެއްގޮތަށް އެ ކަންކަން ތަރައްގީކުރުމަށް 24 ގަޑިއިރު މަސައްކަތްކުރައްވާނެ ކަމަށެވެ.
ނިމާލްގެ ކެމްޕެއިން ސްލޯގަނަކީ ވެސް "ޓުވެންޓީީފޯއަވާސްމޭން" (ނުވަތަ 24 ގަޑިއިރުގެ މީހާ) އެވެ.
އެޑިޓަރުގެ ނޯޓު: އައިއެސްއޯގެ މިންގަނޑުތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ މިންގަނޑުތަކެވެ. އެކިއެކި އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ. އައިއެސްއޯ ސްޓޭންޑަޑްގެ ސެޓްފިކެޓް ދެނީ އެ އޮފީހަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ އޮފީހަކަށް ވުމުންނެވެ.



advertisment