Support Us

ފިޠުރު ޒަކާތް އަގުން ދެއްކުން- 1

الله سبحانه وتعالى ފިޠުރު ޒަކާތް ޝަރްޢުކުރެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ރޯދަ ފަރްޟުކުރެއްވި އަހަރެވެ. އަދި އޭރު މުދަލުޒަކާތް ފަރްޟެއް ނުކުރައްވައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ((فَرَضَ رَسولُ اللَّهِ صَلّىاللهُ عليه وسلَّمَ زَكاةَ الفِطْرِ صاعًا مِن تَمْرٍ، أوْ صاعًا مِن شَعِيرٍ على العَبْدِ والحُرِّ، والذَّكَرِ والأُنْثى، والصَّغِيرِ والكَبِيرِ مِنَ المُسْلِمِينَ، وأَمَرَ بها أنْ تُؤَدّى قَبْلَ خُرُوجِ النّاسِ إلى الصَّلاةِ. [1]– ކީރިތި ރަސޫލާ ﷺ މުސްލިމުންގެ ތެރޭގައި ހިމެނޭ ކޮންމެ މިނިވަން އަންހެނަކާއި ފިރިހެނެއްގެ މައްޗަށާއި، ކޮންމެ އަޅުފިރިހެނަކާއި އަންހެނެއްގެ މައްޗަށް، ކޮންމެ ބޮޑުމީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ފިޠުރުޒަކާތް ކަދުރުގެ ޞާޢެއްގެ މިންވަރުން ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ މިންވަރުން ފަރްޟު ކުރެއްވިއެވެ.)) މި ޙަދީޘުން އެނގޭ ގޮތުގައި ފިޠުރުޒަކާތަށް ނެރެންޖެހޭނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކީލޯ ގްރާމެވެ. ޙަނަފީންގެ ރައުޔުގައި އެއީ 3.8 ކީލޯގްރާމެވެ.

ފިޠުރު ޒަކާތުގެ ޙިކްމަތް

މާތްﷲ ފިޠުރުޒަކާތް ފަރްޟުކުރެއްވީ މަތިވެރި މަޤްޞަދުތަކަކަށް ޓަކައެވެ. އޭގެ ތެރޭގައި މިއަންނަ ހިކްމަތްތައް ވެއެވެ.

  1. ފަޤީރުންނަށް ތަނަވަސް ކޮށްދިނުމާއި، އެމީހުންގެ ބޭނުންތައް ފުއްދައި ދިނުން. ކީރިތި ރަސޫލާ ﷺ ޙަދީޡްކުރައްވަނީ ((أَغْنُوهُم عَنْ المَسْألَةِ فِى هَذَاالْيَوْمِ[2]– ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރިކޮށްދޭށެވެ. ))
  2. ރަމަޟާންމަހު ހިފި ރޯދައިގައި ޖެހިފައިވާ ލައްތައް ފިލުވުން. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވިއެވެ. (فرض رسولُ اللهِ ﷺ زكاة الفطرِطُهرَةً للصائمِ من اللغوِ والرفثِ وطُعْمَةً للمساكينِ من أدّاها قبلَ الصلاةِ فهي زكاةٌ مقبولَةٌ ومنْ أدّاها بعدَ الصلاةِ فهيَ صدقةٌ منَ الصدقاتِ [3]– ﷲގެ ރަސޫލާ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި، މިސްކީނުންނަށް ހަމްދަރްދީވެ އެހީތެރި ވުމަށްޓަކައެވެ. ޢީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް އަދާކުރިނަމަ ފަހެ އެއީ ޞަދަޤާތްތަކުގެތެރެއިން ޞަދަޤާތެކެވެ.))
  3. އަތްމަތިދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ތަމްރީނު ދިނުން. އެއީ އޭނާގެ އަތަކީ އަބަދުވެސް ހޭދަކުރާ އަތަކަށް ވުމަށްޓަކައެވެ. އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް ހޭދަކުރާ މީހަކަށްވުމުގެ ފޮނިކަން ޙާޞިލު ކުރުމަށްޓަކައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((اليَدُالعُلْيا خَيْرٌ مِنَ اليدِ السُّفْلى [4]-ދަށުގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑުވެގެން ވެއެވެ.)) އިބްނު ޢުމަރު މާނަކޮށްދެއްވި ގޮތުގައި ދަށުގައި އޮންނަ އަތަކީ ސަލާންޖަހާ އަތެވެ. މަތީގައި އޮންނަ އަތަކީ ސަލާންޖަހާ މީހާއަށް އެއްޗެހި ދިއްކޮށްލައި އަތެވެ.
  4. ރަމަޟާން މަހުގައި ހިފަން އެންގެވި ރޯދަ ހިފުމުގައި ތައުފީޤު ދެއްވިކަމަށް ޓަކައި މާތްﷲއަށް ޝުކްރު ދެންނެވުން. މާތްﷲ ވަޙީ ކުރެއްވިއެވެ. ((يُرِيدُ ٱللَّـهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّـهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ[5]– اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.))
  5. މީސްތަކުންގެ ޚާޢްޞަކޮށް މިސްކީނުންނާއި ފަޤީރުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމާއި ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުން. ޢީދަކީ އުފާފާޅުކުރުމުގެ ދުވަހަކަށް ވާތީ ފަޤީރުން އެ ދުވަހު ބޭރަށް ނުކެމެ ސަލާންޖަހަން އުޅުމަކީ މިއުފާވެރިކަމާ އަރާރުންވާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައިފައި ވަނީ އެދުވަހު ފަޤީރުން ފުދުންތެރި ބަޔަކަށް ހަދައިދިނުމަށެވެ. އެމީހުން ސަލާންޖަހަން ގޭގެއަށް ނުދާވަރުކޮށްދިނުމަށެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أغنوهُمْعن الطَّوافِ في هذا اليومِ[6]– ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާންޖަހަން ނުކުމެއުޅުމުން ފުދުންތެރިކުރާށެވެ!))
  6. ރަމަޟާން މަހު ހިފި ރޯދައިގައި ހުރި އުނިކަންކަން ފޫބެއްދުން: ވަކީޢު ބުނުލް ޖައްރާޙު ވިދާޅުވިއެވެ. ރޯދަވެރިޔާ ފިޠުރުޒަކާތް ދިނުމަކީ ނަމާދު ކުރާމީހާ ކުށު ސަޖިދަ ކުރުން ފަދަ ކަމެކެވެ. ނަމާދުގައި ހެދޭ ކުށް ރަނގަޅު ކުރުމަށް ޓަކައި ކުރަން އަންގަވައިފައިވާ ކަމަކީ ކުށުސަޖިދަ ޖެހުމެވެ. ރޯދަހިފާއިރު ކުރެވޭ ކުށްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް ލިބިގެންވަނީ ފިޠުރު ޒަކާތެވެ.

ފިޠުރުޒަކާތް ވާޖިބުވުމުގެ ޝަރްޠުތައް

  • މުސްލިމަކު ކަމުގައިވުން. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ކަމުގައި ކިރުބޯ ކުއްޖެއް، ކުޑަކުއްޖެއް، ބާލިޣުވެފައިވާ މީހެއް، ބާލިޣުނުވާ މީހެއް، ބޮޑުމީހެއް، އަންހެނެއް، ފިރިހެނެއް، ރޯދަ ހިފި މީހެއް، ނުހިފާ މީހެއް ތަފާތެއް ނުވެއެވެ. އަންހެނުން ޙައިޟުވުމުގެ ސަބަބުން ނުވަތަ ނިފާސްކަމުގެ ސަބަބުން ރޯދައެއް ނުހިފޭނެއެވެ. ކުޑަކުދިންގެ ތެރޭގައި ރޯދަ ނުހިފޭވަރުގެ ކުދިން ތިބޭނެއެވެ. އަދި ރޯދަ ނުހިފޭވަރުގެ މުސްކުޅީން ވެސް ތިބޭނެއެވެ މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ[7] – ބަލިމީހުންނާއި ދަތުރުވެރިން ރޯދަ ހިފުން މަޖްބޫރެއް ނުވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ[8]–  އަދި ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ.)) ކޮންމެ މުސްލިމެއްގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބުވާނެ ކަމުގެ ދަލީލަކީ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުގެ ޢާއްމު ކަމެވެ. އެކަލޭގެފާނު ޞަޙާބީންނަށް އަމުރު ކުރެއްވީ ފިޠުރު ޒަކާތް ދެއްވުމަށެވެ. ތަފްޞީލެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ބަސްފުޅުގައި ރަމަޟާން މަހު ރޯދަ ނުހިފާ މީހާ ޒަކާތް ދޭން ނުޖެހޭނެ ކަމަކަށް ވިދާޅެއް ނުވެއެވެ. އެހެންކަމުން ރަސޫލާގެ އިސްވެ ބަޔާންކުރި ޙަދީސުގެ މާނަ އޮންނާނީ މުޠުލަޤުކޮށް ޝާމިލުކޮށްނެނެވެ.
  • ރަމަޟާންމަހުން ބަޔަކާއި ޝައްވާލުމަހުން ބަޔެއް ލިބުން. ރަމަޟާންމަހުގެ އެންމެ ފަހުދުވަހު އިރުނޯއްސެނީސް މަރުވި މީހާއަށާއި، ޢީދުވިލޭރޭ އުފަންވި ކުއްޖާއަށް ފިޠުރުޒަކާތް ދޭކަށް ނުޖެހޭނެއެވެ.
  • ތިމާއާއި ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުން ޢީދު ދުވަހާއި ޢީދު ވިލޭރޭ ކައިބޮއެ ހަދާނެ އެއްޗެއްސަށްވުރެ އިތުރު އެއްޗެއް ހުރުން.

ކުޑަކުއްޖާއާއި މޮޔަމީހާގެ މުދަލުންވެސް ފިޠުރު ޒަކާތް ނެރުން ވާޖިބުވާނެއެވެ. އެކަމަކު މިކަން ކުރަންޖެހޭނީ އެމީހުންގެ ބެލެނި ވެރީންނެވެ. އިބްނު ޚުޒައިމާ ރިވާކުރައްވާ ގޮތުގައި [قَدْ أَفْلَحَ مَن تَزَكَّىٰ[9]– ހަމަކަށަވަރުން ޒަކާތްދޭމީހާ ކާމިޔާބު ހޯދައިފިއެވެ.] މި އާޔަތް ބާވައިލެއްވީ ފިޠުރުޒަކާތާ ބެހޭގޮތުންނެވެ.

ޝާފިޢީންނާއި މާލިކީން ވިދާޅުވާގޮތުގައި އަޅުންގެ ކިބައިން ފިޠުރުޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

ޙަންބަލީން ވިދާޅުވާ ގޮތުގައި އެމީހުންގެ ކިބައިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެއީ އިސްވެދިޔަ ޙަދީޘުގައި އެކަން ޢާއްމު ކުރައްވާފައިވާތީއެވެ. ކުޑަކުދިން ބާލިޣުވަންދެން އެކުދިންނަށްޓަކައި ޒަކާތް ދެއްކުން ބައްޕަގެ މައްޗަށް ވާޖިބުވާނެއެވެ. އަންހެން ކުދިން ބާލިޣުވިޔަސް މީހަކާ އިންނަންދެން ފިޠުރުޒަކާތް ދައްކާނީ ބައްޕައެވެ.

މާލިކީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި ފަޤީރު ބައްޕަގެ އަނބިމީހާއަށާއި ނޯކަރުމީހާއަށްވެސް ފިޠުރު ޒަކާތް ދައްކައިދިނުން ވާޖިބުވާނެއެވެ. އެކަމަކު ޝާފިޢީން ވިދާޅުވާ ގޮތުގައި ފަޤީރު ބައްޕަގެ އަނބިމީހާއަށް ޒަކާތް ދައްކައިދޭކަށް ނުޖެހޭނެއެވެ.

ޖުމްހޫރުން ވިދާޅުވާ ގޮތުގައި [10] ފިޠުރު ޒަކާތް ވާޖިބުވެފައިވާ މީހަކު އެ އަދާކުރުމުގެ ކުރިން މަރުވެއްޖެނަމަ އޭނާގެ ތަރިކައިން އެ އަދާކުރަން ޖެހޭނެއެވެ. އޭނާ މަރުވުމަކުން އެޒިންމާ ކެނޑިގެނެއް ނުދާނެއެވެ. އެހެނަސް ޙަނަފީން ވިދާޅުވާ ގޮތުގައި އެ ޒަކާތް އަދާކުރަން ޖެހޭނީ އެކަމަށް ވަޞިއްޔަތްކޮށްފައިވާ ނަމައެވެ. އަދި އެކަންކުރާނީ އޭނާގެ މުޅި މުދަލުގެ ތިންބައިކުޅަ އެއްބައިގެ ތެރެއިންނެވެ. އެކަމަށް ވަޞިއްޔަތް ނުކުރާނަމަ އެ އަދާކުރެވޭނީ ވާރުތަވެރިންގެ ރުހުމާ ލައިގެންނެވެ. [11]

ޒަކާތް ވާޖިބުވާ ވަގުތު      

ޙަނަފީން ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތް ވާޖިބުވާނީ ޢީދުވިލޭރޭ ފަތިސްވުމުންނެވެ. އެހެނީ އެއަށް ނަންދެވިފައި މިވަނީ ފިޠުރުންނެވެ. ފިޠުރަކީ ދުވާލުގެ ކަމެކެވެ. އެހެންކަމުން ފަތިސްވުމުގެ ކުރިން މަރުވި މީހާގެ މައްޗަށް ފިޠުރުޒަކާތް ވާޖިބެއް ނުވާނެއެވެ.[12] ޙަނަފީން ވިދާޅުވާ ގޮތުގައި ރަމަޟާން މަސް އައުމުން ފިޠުރު ޒަކާތް ނެރެވިދާނެއެވެ. އަދި ފިޠުރު ޢީދުދުވަހުގެ ފަހުންވެސް އެޒަކާތް އަދާކުރެވިދާނެއެވެ. ރަމަޟާންމަސް އައުމުގެ ކުރިން ފިޠުރު ޒަކާތެއް ނުދެއްކޭނެއެވެ.

އެހެނަސް ޖުމްހޫރުން ވިދާޅުވާ ގޮތުގައި، ޢީދު ވިލޭރެއަށް އިރުއޮއްސުމުން ފިޠުރުޒަކާތް ވާޖިބުވާނެއެވެ. ޢީދު ވިލޭރެއަށް އިރުއޮއްސުމުން ރޯދަހިފުމެއް ނޯންނާނެއެވެ. ޢީދު ވިލޭރެއަށް އިރުއޮއްސުނު ފަހުން އުފަންވާ ކުއްޖާގެ ފަރާތުން ފިޠުރުޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެހެނަސް އެރޭ މަރުވިމީހާގެ ފަރާތުން ޒަކާތް ދައްކަން ޖެހޭނެއެވެ.

ޝާފިޢީން ވިދާޅުވާ ގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުން ފިޠުރުޒަކާތް ނެރެވިދާނެއެވެ. އެހެނަސް ރަމަޟާންމަސް އައުމުގެ ކުރިން ފިޠުރު ޒަކާތެއް ނުދެއްކޭނެއެވެ. ޝާފިޢީން ވިދާޅުވާ ގޮތުގައި، ޢީދު ނަމާދަށްވުރެ ފިޠުރުޒަކާތް ދިނުން ލަސްނުކުރުން ސުންނަތްވެގެން ވެއެވެ. އެއަށްވުރެ ލަސްވެއްޖެނަމަ، ޢީދު ދުވަހުގެ ކުރީކޮޅުގައި ނެރުން އިތުރު ވެގެންވެއެވެ. ޢުޛުރަކާނުލައި، ޢީދު ދުވަހަށްވުރެ ލަސްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. އޭރުން އޭނާ އެކަން ޤަޟާކުރަން ޖެހޭނެއެވެ. ފިޠުރުޒަކާތް ނެރުން ލަސްކުރުމުގެ މަސްއަލާގައި ޙަންބަލީންވެސް ވިދާޅުވަނީ ހަމަ މިގޮތަށެވެ. އެންމެ އިތުރުވެގެންވަނީ ޢީދުނަމާދު ކުރުމުގެ ކުރިން ޒަކާތް ދިނުމެވެ.

މާލިކީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި ޢީދުގެ ދެދުވަސް ކުރިން ފިޠުރުޒަކާތް ނެރެވިދާނެއެވެ. ފިޠުރުޒަކާތް ނެރުން ލަސްކުރުމުގެ މަސްއަލާގައި ޙަންބަލީންގެ ރައުޔަކީވެސް މިއެވެ.

މާލިކީން ވިދާޅުވާ ގޮތުގައި ޢީދުނަމާދުގެ ފަހުން ޒަކާތް ނެރުމަކީ ހުއްދަ ކަމެކެވެ. ވަގުތު ފާއިތުވިޔަސް އެޒަކާތް އަދާކުރަން ޖެހޭނެއެވެ.

މި ބަސްފުޅުތަކުން އެނގޭ ގޮތުގައި ހުރިހާ ޢިލްމުވެރިން ވެސް ވިދާޅުވާ ގޮތުގައި މުސްތަޙައްބު ވެގެން ވަނީ ޢީދު ނަމާދު ކުރުމުގެ ކުރިން ފިޠުރު ޒަކާތް ނެރުމެވެ. ކީރިތި ރަސޫލާ ﷺ އަމުރުކުރައްވައިފައި ވަނީ އެ ގޮތަށެވެ. ފަޤީރުން ޢީދު ދުވަހު ފުދުންތެރިކުރެވޭނީ އޭރުންނެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް ދެއްކުމަކީ މަކްރޫހަ ކަމެކެވެ.

 

[1]–   رواه الجماعة إلا ابن ماجه

[2]–   رواه البيهقى والدارقطنى

[3]  – سنن أبي داود ١٦٠٩و  سنن الدارقطني ٢/٣٢٧

[4]  – أخرجه البخاري (١٤٢٩)، ومسلم (١٠٣٣) ، والبيهقي (٨١٣٣)

[5]  – البقرة : 185

[6]  – رواه الجماعة إلا ابن ماجه

[7]  – البقرة : 184

[8]  – البقرة : 185

[9]  – الأعلى : 14

[10]– المهذب : 1/ 175 ، المغنى : 3 / 80

[11]– الدر المختار : 2 / 99  ، الفتاوى الهندية : 1 / 182

[12]– تبيين الحقائق : 1 / 310 ،  فتح القدير : 2 / 41 ، اللباب : 1 / 161  ، الدر المختار : 2 / 106

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *