މި ސަރުކާރަށް ހަ މަސް ވީއިރު، އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް މިނިސްޓްރީން ނިންމި ނަމަވެސް، ސަރުކާރަށް އެކަން ކުރަން ނުކެރުނީ ކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި އިންނަވަނިކޮށް، އެމްޑީ.ޕީ މަޖިލިސް މެމްބަރުން ބޭނުންވެގެން އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރި މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވީ އިންޓަނެޓް "އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް" ކަމަށެވެ.
މަގާމުން ދުރުކުރުމުން އިދިކޮޅު ޕީ.ޕީ.އެމް ކޯލީޝަނާ ގުޅިވަޑައިގެން، މަޖިލީސް މެމްބަރުންނަށާއި ސަރުކާރަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ހުރިހާ ކަމެއް ބާރު ދުވެލީގައި ގެންގޮސް، މި ސަރުކާރަށް ފުރަތަމަ ހަ މަސް ހަމަވާ، 19 ޖޫން 2019 އަށް ނިންމައި ރައީސް އޮފީހަށް ވެސް ފޮނުވި ކަމަށާއި އިންޓަނެޓް އަގުހެޔޮކުރަން އޮޕަރޭޓަރުން ވެސް އެއްބަސްކުރުވާފައިވާ ކަމަށެވެ. ނަމަވެސް "އިންޓަނެޓް އަގުހެޔޮކުރުމުގެ ނިޔަތެއް މި ސަރުކާރުގައި ނެތް" ކަމަށެވެ.
މަލީހު އަދި ވަނީ، އިންޓަނެޓް އަގުހެޔޮ ނުކުރީ އޭނާ އަކީ އެމް.ޑީ.ޕީގެ ވަޒީރަކަށް ނުވީމާތޯ އައްސަވައި ސުވާލު ވެސް އުފައްދަވައިފައެވެ.
އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ނުކެރުނު. އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ? @Mihaarunews
— Mohamed Maleeh Jamal (@maleehjamal) April 17, 2021
އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދާއެކު 2018 ގައި ވެރިކަމަށް އައި ސަރުކާރުން ފަހުން ބުނީ ފަސް އަހަރުގެ ޕްލޭންގައި އިންޓަނެޓް އަގުހެޔޮކުރުމެއް ނެތް ކަމަށެވެ.
މަލީހުގެ މި ޓްވީޓާ ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.



advertisment