ހިޔާ މަޝްރޫޢުގެ ފުލެޓްތަކުގެ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖައްސައި، އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (H10) އިން ކަމުގައި ކަނޑައަޅައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީން) މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6،720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.
"ވީމާ، ސަރުކާރުން މިކޯޕަރޭޝަނާ ހަވާލުކުރައްވާފައިވާ، (ހިޔާ ފުލެޓްގެ ގުރުއަތު ނެގުން) 8 އޭޕްރީލް 2021 (ބުރާސްފަތި ދުވަހު) ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެންމެ ފުރަތަމަ ގުރުއަތު ނަގާނީ H10 (ހާއްސަ އެހީއަށް ބޭނުންވާ މީހުން)ގެ ކެޓަގަރީ ކަމަށާއި، ތިރީގައި މި ދަންނަވާ ގޮތުގެ މަތިން ގުރުއަތު ނެގުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރިޔަށް ގެންދާނެ ވާހަކަ ދަންނަވަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ގުރުއަތު ނެގުމަށް ގެންގުޅޭނެ އުސޫލުވެސް ވަނީ ބަޔާންކޮށްފައެވެ.
ގުރުއަތު ނަގާނެ ގޮތް:
1. ގުރުއަތު ނަގާނީ 8 އޭޕްރީލް 2021 (ބުރާސްފަތި ދުވަހުގެ) ހެނދުނު 9:00 އިން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުއަތު ނަގައިނިމެންދެން ކުރިޔަށް ގެންދިއުން.
2. ގުރުއަތު ނަގާނީ، މި ކެޓަގަރީ އިން ފުލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ.
3. ގުރުއަތު ނަގާނީ، ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މަތީގައި ދެންނެވިފައިވާ ފަދައިން ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުންނެވެ.
4. ގުރުއަތު ނަގާނީ، ދައުލަތުގެ މީޑިއާ ޕީ.އެސް.އެމް އިން ލައިވްކޮށް ދައްކަމުންނެވެ. އަދި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެއެވެ.
5. މި ދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ HPA ގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ގުރުއަތު ނަގާ ހޯލަށް ދަޢުވަތު ދެވިގެން ވަޑައިގަންނަވާ އޮބްޒާވަރުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެއެވެ.
6. ގުރުއަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ފެންނާނެއެވެ. މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނު ނަމްބަރަށް SMS އެއް ލިބިލައްވާނެ، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ އަދި މީގައިވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެނިލައްވާނެއެވެ.
7. މި ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއިކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެއެވެ.
"ހިޔާ މަޝްރޫއު" ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. އަދި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އިއުލާންކޮށް، 2018 ނޮވެމްބަރުގައި ރައީސް ޔާމީނުގެ ދައުރު ނިމުމުގެ ކުރިން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދީފައެވެ. ނަމަވެސް، ފްލެޓަށް "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" ހެދުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބަލައި، އެ ލިސްޓު އަލުންބަލުން ބަލައި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އަނެއްކާ ވެސް އާންމުކޮށްފައެވެ. މި ސަރުކާރުން އާންމުކުރި ލިސްޓުގައި، ބައެއް މީހުންނަށް ވަނީ ކުރިއަށްވުރެ ޕޮއިންޓް އިތުރުވެ، އަނެއް ބަޔަކަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން ފްލެޓް ލިބޭނެ ކަމަށް ލިއުން ލިބިފައިވާ ބައެއް މީހުންނަށް ވެސް މިހާރު ވަނީ ފްލެޓް ކަޓައިފައެވެ.



advertisment