މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ވަކީލުންނާ ދެމެދު ކުރާ ފޯންކޯލްތަކާއި ބައްދަލުވުންތައް ސަރުކާރުން އަޑުއަހައި، މީޑިއާއަށް ލީކުކުރަމުންދާ ކަމަށް، ރައީސް ޔާނީމުގެ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ "ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯނު ކޯލްތަކަކީ ޤާނޫނީ ގޮތުން ރައްކާތެރިކުރެވިގެންވާ މުޢާމަލާތްތަކެއް ކަމަށްވާއިރު، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާއި ދެމެދު ކުރެވިފައިވާ، އެހެންނަމަވެސް އެހެން އިތުރު އެއްވެސް ފަރާތަކާ އަޅުގަނޑުމެން ޙިއްޞާކޮށްފައިނުވާ ބައެއް ވާހަކަތަކަކަށް އުނިއިތުރު ގެނެސްގެން، ސަރުކާރަށް ތާޢީދުކުރާ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާތީ، މިކަން ހިނގައިދިޔަގޮތަށް ބަލާއިރު، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި ޢަމަލު ސަރުކާރުން ހިންގާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭ" ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސްކޮށް، ވަކީލުންނާއި މުވައްކިލާއި ކުރެވޭ މަޝްވަރާތަކަކީ ރައްކާތެރިވެގެންވާ މުޢާމަލާތްތަކެއްކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކަށަވަރުކޮށްދިނުމަށް ވެސް ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަދި އެއްޗެއް ނުބުނެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މި މަހުގެ ދެ ވަނަ ދުވަހު ރައީސް ޔާމީން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޙާޟިރުކުރެވުނު މައްސަލައާ ގުޅިގެން އެ މައްސަލައިގެ ތަޙްޤީޤު ބަޔާނުގައި ސޮއިކުރުމުގެ ކަންތައްތައް ކ. މާފުށީ ޖަލުގައި ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ މިއަދު 2:00 އަށް ވަކީލުން މާފުށީ ޖަލަށް ޙާޟިރުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އީމެއިލްގެ ޒަރީޢާއިން އަންގާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް، މި ދަނޑިވަޅަކީ ކޮވިޑު19 ގެ ބަލިމަޑުކަން އިތުރުވަމުންދާ ދަނޑިވަޅެއް ކަމަށްވާތީ އާއި، އަދި، ޟަރޫރީ ބޭނުމަކަށް ނޫނީ ކޮންމެހެން ނިކުންނަންޖެހިއްޖެ ހިނދެއްގައި ނޫނީ ބޭރަށް ވެސް ނުނިކުތުމަށާއި އަދި ޚާއްޞަކޮށް ބަލި އެންމެ ބޮޑަށް ފެތުރޭ ތަން ކަމަށްވާ މާލެސިޓީން އެހެން ރަށްރަށަށް ނުދިއުމަށް ޞިއްޙީ ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރަމުންދާ ދަނޑިވަޅެއްގައި، އަދި މާލެ ޞަރަޙައްދު އޮތީ ލޮކްޑައުން އަކަށް ދާންޖެހޭ ފަދަ ޙާލަތެއްގައި ކަމަށް ޚުދު މިނިސްޓަރ އޮފް ހެލްތު ވެސް ވިދާޅުވެފައިވާ ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، އަޅުގަނޑުމެންގެ މުވައްކިލުގެ އެދިލެއްވުމަކާއި ނުލައި، އަދި، އެމަނިކުފާނަކީ ތުހުމަތުކުރެވޭ މައްސަލައިގައި ބަންދުކުރެވިފައިވާ ފަރާތެއް ކަމަށްނުވާއިރު ތަޙްޤީޤު އަވަސް ކުރަންޖެހޭ ފަދަ ޟަރޫރަތެއް ވެސް ނެތްއިރު، އަދި އެމަނިކުފާނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ރައްކާތެރިކޮށްދިނުން ފަދަ ޟަރޫރީ ބޭނުމެއް ވެސް ނެތްގޮތުގައި، އަދި، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަށް ވެސް ހުރަސްއެޅޭ ގޮތަށް، މި ދުވަސްވަރު ތަހުޤީޤުތައް ހިންގައި، އެމަނިކުފާނު ޞިއްޙީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް އެމަނިކުފާނުގެ އަރިހަށް އެހެން ފަރާތްތަކުން ދިއުމާއި އަދި އެމަނިކުފާނު އެކި ތަންތަނަށް ގެންގޮސް ހެދުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިޢުތިރާޟުކުރާ ކަމެއް ކަމުގައި ދަންނަވާފައިވާނެއެވެ." އެ ބަޔާނުގައިވެއެވެ. "އަދި، މަތީގައި ދެންނެވުނު ސަބަބުތަކަށްޓަކައި ތަޙްޤީޤު މަޑުޖައްސާލުމަށް އަޅުގަނޑުމެން އިޢުތިރާޟުކޮށްފައި ވަނިކޮށް ތަޙްޤީޤު މަޑުޖައްސައިނުލެވޭނެ ކަމަށް ފުލުހުން އަންގާފައިވެއެވެ. އަދި، އެމަނިކުފާނަކީ އިދިކޮޅު ސިޔާސީ ލީޑަރު ކަމަށްވާއިރު، މި ދަނޑިވަޅަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއް ކަމަށްވާއިރު، ކުއްލިއަކަށް އަވަސް އަރުވާލައިގެން މިދަނޑިވަޅުގައި ތަޙްޤީޤު ހިންގުމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް އޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ."



advertisment