ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރު ތިލަފަޅުގައި އިންޑިޔާއިން އަޅާ ޑޮކްޔާޑަކީ އިންޑިޔާ ސިފައިން ބޭތިބުމަށް މަގުފަހިކުރުމަށް އަޅާ ތަނެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ ބަނދަރަކާއި އިންޑިއާ ސިފައިން ތިބެގެން ހިންގާ ސާވިސް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު މިއަދު ސޮއިކުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައެވެ.
މި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ.
އިންޑިއާ ސިފައިން ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އަޑުއުފުއްލަވާ އުމަރު ވިދާޅުވީ އުތުރުތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތައް ބަނދަރުކުރުމަށާއި މަރާމާތުކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހިކުރުމަށް އަޅާ ތަނެއް ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން މި ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރުތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
"ޚާރިޖީ ގުޅުމުގެ ތެރެއިން އެހެން ޤައުމުތަކާ ދިފާޢީ ގުޅުން ބަދަހިކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާގޮތަށެވެ. އަދި އިންޑިޔާ ކަނޑުގެ 'ގޭޓް ކީޕަރު’ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށެވެ." އުމަރު ވިދާޅުވިއެވެ. "މިއީ އިންޑިޔާއިން ރާއްޖޭގައި އެކި ނަންނަމުގައި އެމީހުންގެ ސިފައިން ބައިތިއްބާ ހަތަރު ވަނަ ސަރަހައްދެވެ. މިހާރުވެސް އައްޑޫ، ލ.ކައްދޫ، ހދ.ހަނިމާދޫގައި އެމީހުންގެ އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތިއްބެވެ. ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން މި ދަނީ ގެއްލެމުންނެވެ."
ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިންޑިޔާގެ ހުރިހާ ސިފައިން ރާއްޖެއިން ފޮނުވާލައްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ވެރިކަމެއްގައި އިންޑިޔާގެ ހުރިހާ ސިފައިން މި ޤައުމުން ފޮނުވާލެވޭނެއެވެ. އަދި އިންޑިޔާއާ އެކު އެކުވެރި ގުޅުމެއް ދަމަހައްޓާނަމެވެ."



advertisment