Support Us

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު -ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަލާމާތަށް ކުރީގެ ކޮމިޝަނަރު ރައްދުދެއްވައިފި

މީގެ ކުރިން "އައިކޮމް" އަކީ "މާފުށީ ލާންޗެއް" ކަމަށް ވިދާޅުވެ އިންފޮމޭޝަން ކޮމިޝަނަރ ޙުސައިން ފިޔާޒު މޫސާ ކުރެއްވި މަލާމާތަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ފޭސްބުކުގައި ރައްދުދެއްވައިފިއެވެ.

ޙުސައިން ފިޔާޒު މޫސާގެ ޓްވީޓްގެ އިސްކިރީނު ޝޮޓެއް ޙިއްސާކުރައްވަމުން ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ކުރެއްވި ފޭސްބުކް ޕޯސްޓްގައި "ކުރީގެ އައިކޮމްއަކީ 'މާފުށީ ލާންޗެއް' ކަމަށް ވާނަމަ، މިއަދުގެ އައިކޮމްއަކީ ހުޅުމާލޭ ލާންޗެއްތޯ" ސުވާލުކުރައްވައިފައިވެއެވެ.

އަޒީޒު ޖަމާލު އިތުރަށް ވިދާޅުވެފައިވަނީ ކުރީން އައިކޮމްގެ ސިޔާސަތަކީ އަމިއްލައަށް ރައްޓެހި ނޫސްވެރީން ގާތު ބުނެގެން މައްސަލަ ހުށަހަޅުއްވައިގެން އަމިއްލައަށް އިޝްތިހާރުވުން ނޫން ކަމަށާއި އޭރުގެ ސިޔާސަތަކީ މަޢުލޫމާތު ހޯދައިދިނުންކަމަށާއި އެކަން އިޚުލާޞްތެރިކަމާއެކު އޮންނާނީ ކޮށްފައި ކަމަށެވެ. އަދި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީސް ފަދަ އިދާރާތަކުން ވެސް މަޢުލޫމާތު ހޯދައިދީފައިވާނެ ކަމަށާއި އައިކޮމްގެ ރެކޯޑްތަކުން މިކަން އެނގިވަޑައިގަންނަވާނޭ ކަމަށް ވެސް އަޒީޒު ޖަމާލުގެ ޕޯސްޓްގައި ލިޔުއްވައިފައިވެއެވެ.

އަޒީޒު ޖަމާލުގެ ފޭސްބުކް ޕޯސްޓްގައި އިތުރަށް ފާހަގަކުރައްވައިފައިވާ ގޮތުގައި ބައެއް މީހުންނަކީ އަމިއްލަ ނަފުސު އިޝްތިހާރުކުރާން ޝައުޤުވެރިވާ ބަޔަކަށްވާއިރު އަނެއް ބަޔަކު ޝައުޤުވެރިވަނީ ހަމައެކަނި އިޚުލާޞްތެރި މަސައްކަތެއް ކުރާ ބަޔެކެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރަކީ ޢާންމު ގޮތެއްގައި ޓްވީޓާއި ފޭސްބުކްގެ މަންސަތަކުގައި މީހުން ކުރާ ޕޯސްޓްތަކަށް ރައްދު ދެއްވާ ބޭފުޅަކަށް ނުވިޔަސް ހުސައިން ފިޔާޒު މޫސާގެ ޓްވީޓަކަށް ފޭސްބުކް ޕޯސްޓެއްގައި ރައްދުދެއްވައިފައި މިވަނީ، އައިކޮމްގެ ކުރީގެ މަސައްކަތަށް މަލާމާތްކުރައްވައި ޙުސައިން ފިޔާޒު ޓްވީޓެއް ކުރެއްވުމުން ކަމަށް ބެލެވެއެވެ.

އައިކޮމްއަކީ ނެތުމުގެ ތެރެއިން 2014 ވަނަ އަހަރު އުފަންވި މުއައްސަސާއެކެވެ. އެތަން އުފެއްދެވުމަށް ޓަކައި ކުރި ހުރިހާ މަސައްކަތްތަކެއް ކުރައްވައި ގަވާއިދުތަކާއި އުޞޫލުތައް އެކަށައަޅުއްވައި ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވީ ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. މިއަދު އައިކޮމްއަށް ފަސޭހަ ކަމާއެކު މަސައްކަތްކުރުމުގެ ފަހި މާހައުލެއް ޤާއިމުކުރެވިފައިވަނީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވާއިރު، އެކަމުގެ އަގު ވަޒަން ނުކުރައްވައި އޭރުގެ މަސައްކަތަށް މި އަދުގެ އިންފޮމޭޝަން ކޮމިޝަނަރު މަލާމާތްކުރެއްވުމަކީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރަށް ގަބޫލުކުރެއްވޭ ކަމަކަށް ނުވީއެވެ.

ޓޫރިސްޓް ގެސްޓް ހައުސަށް މަޝްހޫރު ކ. މާފުށީގައި "އައިކޮމް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ޓްރެވެލް އެޖެންސީގެ ހިދުމަތް ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ޕްރޮފެޝަނަލް މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އިސްކުރީމާ އެ މީހުންނަށް އެ މީހުން އޮޅޭނެ. އެ ފަދަ މީހުން ކުރާ ޕޯސްޓްތަކަށް އަޒީޒުމެން ފަދަ ބޭފުޅުން ރައްދުދެއްވުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *