ފަލަސްޠީނުގެ މަސްއަލައަށް ޢަދްލުވެރި އިންސާފުވެރި ޙައްލެއް ނުލިބި މެދުއިރުމަތީގައި ސުލްޙަމަސަލަސްކަމެއް، ހަމަޖެހުމެއް، އަމާންކަމެއް ނޯންނާނެ ކަމަށް އުރްދުންގެ ރަސްގެފާނު ޢަބްދުﷲ (ދެވަނަ) ވިދާޅުވެއްޖެއެވެ.
އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ޤުދުސުގެ މުޤައްދަސާތުތައް ޙިމާޔަތް ކުރުމަށާއި މި މުޤައްދަސާތުތަކުގެ އިސްލާމްވަންތަކަމާއި ޢަރަބިވަންތަކަމާއި މަސީޙީވަންތަކަން ޙިމާޔަތް ކުރުމަށް ޓަކައި އުރްދުނަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެއެވެ. އުރްދުންގެ ރަސްގެފާނު މި ކަން ހާމަކުރެއްވީ އުރްދުންގެ ރަސްމީ ނޫސް އޭޖެންސީއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައެވެ. ޢަބްދުﷲ ރަސްގެފާނު ވިދާޅުވިއެވެ. "އަހުރެމެންގެ ސަރަޙައްދަށާއި ދުނިޔެއަށް އަހުރެމެން ގެންނަން އެދޭ އަމާންކަމާއި ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ގެނެވޭނީ ފަލަސްޠީނުގެ މަސްއަލައަށް ޢަދްލުވެރި ޝާމިލު ޙައްލެއް ގެނެސް ދެވިގެންނެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޤާނޫނީ ހުރިހާ ޙައްޤުތަކެއް ހޯދާދެވިގެންނެވެ."
"އުރްދުނުން ދެކޭގޮތުގައި ފަލަސްޠީނުގެ މަސްއަލައަކީ އެ ޤައުމުގެ މަރްކަޒީ ފުރަ މަސްއަލައެވެ. އަހުރެމެން ދެ ދައުލަތުގެ ޙައްލާ ހަމައަށް ވާޞިލުވުމަށް ޓަކައި ސުލްޙައިގެ މަސައްކަތްތައް އަލުން ޙަރަކާތްތެރި ކުރެވޭތޯ ބަލާނަމެވެ." އެ ރަސްގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވަމުން ވިދާޅުވިއެވެ. "މާތްވެގެންވާ ޤުދްސުގައި ހުރި އިސްލާމީ އަދި މަސީޙީ މުޤައްދަސާތުތައް ބެލެހެއްޓުމާއި ޙިމާޔަތްކުރުމުގެ ޝަރަފު އުރްދުނުން އުފުލުމުގައި ކުރިއަށް ދާނެއެވެ. އެއީ ތާރީޚީ ހާޝިމީ ވަޞިއްޔަތެކެވެ."
އުރްދުންގެ ޚާރިޖީ ވަޒީރު އައިމަނުއްޞަފަދީ ވިދާޅުވާ ގޮތުގައި އިސްރާއީލުން އާބާދީތައް ބިނާކުރުން ހުއްޓާނުލައި ކުރިއަށް ގެންދަމުންދާއިރު ބަރަކާތްތެރި އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުން ހުއްޓައެއް ނުލައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އަރާރުން ދަނީ އިތުރަށް ނުބައިވަމުންނެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން މެދުއިރުމައްޗަށް ޢަދްލުވެރި ސުލްޙައެއް ނާންނާނެއެވެ.
ސަރަހައްދީ ގުޅުންތައް
ޢަބްދުﷲ ރަސްގެފާނު ހާމަކުރެއްވި ގޮތުގައި އޭނާގެ ޤައުމުން "ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމު ކުރަނީ ތެދުވެރިކަމާއި، ސާފުކަމާއި، ދެފުށްފެންނާނެ ފަދަ ހަރުދަނާ އަސާސުތަކުގެ މަތީގައެވެ." އޭނާ ސާފުކޮށްދެއްވި ގޮތުގައި އުރްދުނުގެ އަމާޒަކީ "އެއްބާރުލުމާއި ރަނގަޅު އަވަށްޓެރިކަމުގެ ތަރަހައިގެ މަތީގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބިނާކޮށް ހަރުދަނާ ކުރުމެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން އެހެންމީހުންގެ ކަންތައްތަކަކާ ނުބެހޭނަމައެވެ. އަދި އެހެން މީހުން އަހުރެމެންގެ ކަންތައްތަކާ ބެހުމަކަށް ހުއްދައެއް ނުދޭނަމެވެ."
ސުލްޙައަށް ޓަކައި ފަލަސްޠީނާއި އިސްރާއީލާ ދެމެދުގައި ބޭއްވެމުން އައި ވާހަކަދެއްކުންތައް އެޕްރީލް 2014ގައި ވަނީ ހުއްޓިފައެވެ. އެއީ އިސްރާއީލުން ޔަހޫދީ އާބާދީތައް ހެދުން ހުއްޓާނުލައި ކުރިއަށް ގެންދާތީއާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ގިނަ ދުވަސްވީ ފަލަސްޠީނު މީހުން ދޫކޮށްނުލުމާއި، 1967ގައި އިސްރާއީލުން ހިފާފައިވާ ފަލަސްޠނުގެ ބިންތަކުން ފޭބުމާ ދެކޮޅު ހަދާތީއެވެ. މީގެ އިތުރަށް އެމެރިކާގެ ކުރީ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ޤަބޫލު ކުރެއްވުމާއި ތައްލު އަބީބުގައި ހުރި އެމެރިކާ އެމްބަސީ ޤުދުސަށް ބަދލުކުރެއްވުމުގެ ސަބަބުން ޞުލްޙައިގެ މަސައްކަތް ވަނީ އިތުރަށް ނުބައިވެފައެވެ.



advertisment