އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވައިޓްހައުސްއިން ނުކުމެވަޑައިގަތުމުން ނުބައި އަސަރު ފޯރާނީ ހަމައެކަނި ޢަރަބިންނަކަށް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މި ކަމުގެ އަސަރު ޢަރަބިންނަށްވުރެ ބޮޑަށް ތައްލު އަބީބަށް ފޯރާނެކަން ކަށަވަރެވެ. އެމެރިކާގެ އައު ރައީސް ބައިޑްނާ އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދެމެދުގައި އެއްގަލަކަށް އަރައިވަޑައިގަތުން ދަތި ތިން މަސްއަލައެއް އެބައޮތް ކަމަށް ދިރާސާތައް ދައްކައެވެ. އެއީ "އީރާނުގެ ނިޔުކްލިއަރ ފައިލް" އާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި "ޔަހޫދީ އާބާދީތައް ބިނާކުރުން" އާއި "އިސްރާއީލާ ޗައިނާއާ ދެމެދުގައި ފުޅައުވަމުންދާ ގުޅުން" ތަކެވެ.
އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ހާ އާރްތިސް ބުނާގޮތުގައި އީރާނުގެ ނިޔުކްލިއަރ ބިރުގެ ވާހަކައަކީ ނަތަންޔާހޫގެ ސިޔާސީ ޙަމަލާތަކުގެ މައި ނާރެހެވެ. އަދި އެއީ އޭނާގެ ޞަޚްޞީ އުދަރެހާ ވެސް ގުޅިފައިވާ ކަމެކެވެ. ނަތަންޔާހޫ ވިދާޅުވެފައި ވެއެވެ. "އަހުރެންގެ ވިސްނުމުގައި އަބަދުވެސް ފާރިސް ކަރަ އޮންނާނެއެވެ." ނަތަންޔާހޫގެ ސިޔާސީ ޙަޔާތަށް ބަލާއިރު މި ދުވަސްވަރަކީ އޭނާއަށް ވަރަށް މުހިއްމު ދުވަސްވަރެކެވެ. މި އަންނަ މާރިޗު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ ޢާއްމު އިންތިޚާބަށް ތައްޔާރުވެވަޑައިގަންނަވަމުންދާއިރު އީރާނުގެ ފައިލަކީ އޭނާއަށް ވަރަށް މުހިއްމު ފައިލެކެވެ. އޭނާ ބިރުފުޅުގަންނަނީ ރައީސް ބައިޑްން މި ފައިލާ ބެހޭގޮތުން އީރާނާއެކު ވާހަކަފުޅު ދައްކަވާނެކަމަށް ވިދާޅުވެފައިވާތީއެވެ. މި ވާހަކަދެއްކުންތަކުގެ ނަތީޖާ އޭނާ އެދިވަޑައިގަންނަވާ ގޮތަށް ނުނުކުމެދާނެތީއެވެ.
ދެބަސްވުން އޮތް 3 މަސްއަލަ
ކުރިއަށް އޮތް މަސްތަކުގެތެރޭގައި ބައިޑްނާ ނަތަންޔާހޫއާ ދެމެދުގައި އެންމެ ބޮޑަށް އަރާރުން ހިނގާނެ މައިދާނަކަށް ވާނީ އީރާނުގެ ނިޔްކްލިޔަރ މަސްއަލައެވެ. އަނެއް ދެ މައިދާނަކީ އިސްރާއީލާ ޗައިނާއާ ދެމެދުގައި ވިޔަފާރިއާއި ވުނަކުރުމުގެ ގުޅުން އިތުރަށް ފުޅައުވަމުންދާ ދިޔުމެވެ. ތިންވަނަ މައިދާނަކީ އިސްރާއީލު ފަލަސްޠީނު އަރާރުމެވެ. މި އަރާރުމުގެ ތެރޭގައި އެ ކަމާ ގުޅޭ އެންމެހައި ގޮފި މަސްއަލަތައް ވެސް ހިމެނޭނެއެވެ. އެމެރިކާގެ އައު ސަރުކާރުން މި މަސްއަލައާމެދު ބަލާ ނަޒަރު ކުރީ ސަރުކާރުގެ މަންހަޖާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ އައު ރައީސްގެ ސިޔާސީ އެޖެންޑާއަށް ބަލާއިރު އޭނާ މި ވަގުތު އެންމެ އިސްކަން ދެއްވަމުން ގެންދަވަނީ ކޯވިޑް 19 އަށެވެ. މި ވަބާގެ ސަބަބުން އެމެރިކާގައި މަރުވަމުންދާ މީހުން އިތުރު ވަމުންދާތީއާއި މި ވަބާ ހުއްޓުމެއް ނެތި ފެތުރެމުންދާތީ ބައިޑްން އެކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވައެވެ. މި ވަބާގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް އައިސްފައިވާ ކަސާދައާއި މި ކަމުގެ ސަބަބުން އެމެރިކާގައި ބަނޑަށް ޖެހިފައިވާ މީހުންގެ ބޮޑު ޢަދަދަކީ ވެސް ބައިޑްން ޙައްލު ކުރައްވަން އިސްކަން ދެއްވައި ތަންފީޒީ އަމުރުތައް މިހާރު ވެސް ނެރުއްވާފައިވާ ކަންތައްތަކެކެވެ.
މި ދުވަސްވަރަށް ބަލާއިރު ނަތަންޔާހޫގެ ސިޔާސީ ޙަޔާތަށް މިއީ ވަރަށް ޙައްސާސު ދުވަސްތަކެކެވެ. ޢާއްމު އިންތިޚާބު އޮތީ ބޯމަތިވެފައެވެ. މީގެ އިތުރަށް ޖިނާއީ ތިން މަސްއަލައަކާ ބެހޭ ގޮތުން ނަތަންޔާހޫއާ ދަނީ ސުވާލު ކުރެވެމުންނެވެ. ފަސާދައިގެ މި ތިން މަސްއަލައިގައި ނަތަންޔާހޫ ކޯޓަށް ގެންދެވޭތަން ވަރަށް އަވަހަށް ފެނިދާނެއެވެ. މިހެންވެ އީރާނުގެ މަސްއަލަ އޭނާ އެދިވަޑައިގަންނަވާ ގޮތަށް ޙައްލު ކުރެއްވޭތޯ ނަތަންޔާހޫ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެއެވެ. ނަތަންޔާހޫ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެމެރިކާގެ ޖުމްހޫރީ ޕާޓީއާ އަތުގުޅައިލައްވައި ޑިމޮކްރެޓުންނާ ހަތުރުވެރިވެވަޑައިގެންފައެވެ. އަދި ނަތަންޔާހޫ ވަނީ ޓްރަމްޕާއެކު ގުޅުން ވަރަށް ވަރުގަދަ ކުރައްވައިފައެވެ.
ސިޔާސަތު ތަފާތުވާނެ
ބައިޑްނަށް ބަލާއިރު އޭނާގެ ޚާރިޖީ ސިޔާސަތު ކުރީގެ މަގުން ދަތުރެއް ނުކުރާނެއެވެ. އެމެރިކާގެ ސެނެޓްގެ ޚާރިޖީ ކޮމެޓީގެ ކުރީގެ މުޤައްރިރު މި ސިޔާސަތާ އެކެހެރިވެ ވަޑައިގަންނަވާނެކަން ކަށަވަރެވެ.
ރައީސް ބައިޑްނާއި އޭނާގެ ޚާރިޖީ ވަޒީރު ބްލިންކަން އެމެރިކާގެ އިތުބާރާއި ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާގެ ޒަޢާމަތު އަނބުރާ ހޯއދެވުމަށް ޓަކައި ވަގުތާއި، ހަކަތައާއި، ސިޔާސީ ރައުސްމާލު ވަރަށް ރަނގަޅަށް ވުނަކުރެއްވުމަށް މަސައްކަތް ކުރައްވާނެއެވެ. އެމެރިކާގެ ބަސްފޮތަށް "އެކުވެރީން" އާއި "ބައިނަލްއަޤްވާމީ އެއްބާރުލުން" އާއި "ގިނަފަރާތްތަކުގެ ގުޅުން" އަލުން އިތުރު ކުރައްވާނެއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާގެ ބާރު ހާމަކުރައްވަން ބައިޑްން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން، އެމެރިކާއާއި އިސްރާއީލާ ދެމެދުގައި ނުތަނަވަސްކަން އުފެދިގެންދާނެއެވެ.
އީރާނަށް ބަލާއިރު މައިދާން އޮތީ ތައްޔާރަށެވެ. އެމެރިކާއިން ބަލާނީ 2015ގެ ޙާލަތަށް އަނބުރާ ދެވޭތޯއެވެ. ކަން އޮތްގޮތަށް ބަލާއިރު މި ޙާލަތަށް އަނބުރާ ދިޔުމަށް އެމެރިކާއެއް ނޭދެއެވެ. މިހާރު އެ ހާލަތަށް ބަދަލުތަކެއް އައިސްފައިވާތީއެވެ. އީރާނުން ވަނީ މި އެއްބަސްވުމާ ޚިލާފަށް ޔޫރޭނިއަމު މުއްސަނދި ކުރަން ފަށައިފައެވެ. އެހެނަސް އެއީ އެއްބަސްވުމުގެ ކުރިން އޮތް ޙާލަތަސްވުރެވެސް ކުޑަ މިންވަރަކަށެވެ. އެހެންކަމުން 2015ގެ އެއްބަސްވުމަށް ސީދާ އަނބުރާ ދިޔުން ދަތިކަމަކަށް ވެދާނެއެވެ. މި އެއްބަސްވުމަށް އަނބުރާ ނުގޮސްފިނަމަ ނިޔުކްލިއަރ ބޮޑު މަސްއަލައެއް އުފެދިދާނެ ކަމުގެ ބިރުވެސް އެބަ އޮތެވެ.
ދެހާސް ފަނަރަ ވަނަ އަހަރު މާރިޗް މަހު ނަތަންޔާހޫ ވަނީ ރައީސް އޮބާމާއަށް ސިއްރުން ވަލު ދޮރޯށިން ލައްވާފައި ކޮންގްރެސްއަށް ވަޑައިގެން އީރާން އެއްބަސްވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފައެވެ. އެ ދުވަސްވަރު ނާއިބު ރައީސަކީ ބައިޑްނެވެ. އެހެންކަމުން އެ މަސްއަލަ އަލުން ނެންގެވުމަކީ ދުރުކަމަކަށް ނުވާނެކަން ނަތަންޔާހޫއަށް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ.
މުހިއްމު ދެ ޢަޤްދެއް
އީރާނުގެ އިތުރަށް ނުތަނަވަސްކަން އުފެދޭނެ އަނެއް މަސްއަލައަކީ ޗައިނާއެވެ. އިސްރާއީލުން ދަނީ ޗައިނާއާއެކު ގުޅުންތައް ވަރަށް ބާރަށް ފުޅައު ކުރަމުންނެވެ. އެމެރިކާއިން އެންމެ ކަންބޮޑުވަނީ ޗައިނާ ލައްވާ އިސްރާއީލުގެ އިސްތިރާތީޖީ މުހިއްމު މަޝްރޫޢުތައް ތަންފީޒު ކުރުވާތީއެވެ. އޭގެތެރޭގައި ޙައިފާ ބަނދަރު ހެދުމާއި، ފެން މީރު ކުރާ އިސްޓޭޝަންތައް ހެދުމާއި، 5ޖީ މޯބައިލް ވިއުގަތައް ހެދުމާއި، ރޭލްވޭތައް ހެދުން ވެއެވެ. މީގެއިތުރަށް ދިފާޢީ ކަންކަމުގައި އެއްބާރުލުން ވެސް ހިމެނެއެވެ. ނަމަވެސް މިއީ ވަރަށް ހަނި ދާއިރާއެއްގައި ހިނގަމުންދާ ކަމެކެވެ. ދުރާލާ އިންޒާރުދޭ އިސްރާއީލުގެ ނިޒާމު (ފެލްކަން) ޗައިނާއަށް ވިއްކުމަށް 1999 އަހަރާއި 2000 ވަނަ އަހަރު ތައްލު އަބީބުން މަސައްކަތް ކުރުމުން އެމެރިކާއިން ވަނީ އެކަން މަނާކޮށްފައެވެ. ރައީސް ކްލިންޓަންގެ ދުވަސްވަރުގައި މި އައި ފިއްތުންތަކަށް އިސްރާއީލުން ވަނީ ނުރުހުމުގައި ނަމަވެސް އިޖާބަދީފައެވެ. ޙާލަތަށް ބަލާއިރު 2000 ވަނަ އަހަރުގެ ޗައިނާ އާ 2021 ވަނަ އަހަރުގެ ޗައިނާ ވަރަށް ތަފާތެވެ. އިސްރާއީލާ އެމެރިކާ ވެސް ތަފާތެވެ. އެހެންކަމުން ނުތަނަވަސްކަން ވަރަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ.
ތިންވަނަ މަސްއަލައަކީ ފަލަސްޠީނު- އިސްރާއީލު މަސްއަލައެވެ. ރިޕޯޓަރުން ބުނާގޮތުގައި ކުރިއަށް އޮތް އަހަރެއް ދޮޅު އަހަރެއްގެ ތެރޭގައި ބައިޑްން މަސައްކަތް ކުރައްވާނީ މި މަސްއަލާއާ ކުޑަކޮށް ފޭވެވަޑައިގެންނެވޭތޯއެވެ. މި މަސްއަލައިގައި ބައިޑްންގެ ކުރިފުޅުމަތީގައި ދެ ޚިޔާރެއް ވެއެވެ. އެއް ޚިޔާރަކީ "ދެ ދައުލަތުގެ ޙައްލު" އާ ދިމާއަށް މިސްރާބު ބަދަލުކޮށްލެއްވުމެވެ. އެއީ ޖޯން ކެރީގެ މަޝްރޫޢެކެވެ. އޭނާ މި މަގަށް ބުރަވެވެވަޑައިގަންނަވައެވެ. ދެވަނަ ޚިޔާރަކީ "އަބްރާމު އެއްބަސްވުން" އާ އެއްގޮތަށް ކުރިއަށް ވަޑައިގަތުމެވެ. މިއީ ރައީސް ޓްރަމްޕްގެ އިސްނެންގެވުމެވެ. މި މަޝްރޫޢުގެ ދަށުން ޢަރަބި ޤައުމުތައް އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރަން ވަނީ ފަށައިފައެވެ. ތިންވަނަ ޚިޔާރަކަށް ވާނީ މުޅިން އައު ގޮތެއް އީޖާދު ކުރެއްވުމެވެ.
މިހެން ކަން އޮތްކަމުގައި ވިޔަސް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހަދަމުންދާ މަސްއަލަ ބައިޑްންގެ އިސްތަށިފުޅަށް ތުރާވާ ކަމަކަށް ވާނެއެވެ. މި ގޮތަށް އިސްރާއީލު ޢަމަލު ކުރަމުންދާނަމަ ދެ ދައުލަތުގެ ޚިޔާރަށް ޖާގަ ނުލިބޭނެތީއެވެ. އޭރުން އެ ފަހިގެން ދަނީ އެއް ދައުލަތުގެ ޙައްލަށެވެ. މިއީ ޢަރަބިން ޤަބޫލުކުރާނެ ކަމެއް ނޫނެވެ.



advertisment