ތާރީޚީ މަޢުލޫމާތު އެކުލަވާލަންޖެހޭނީ ސާބިތު ހެކިތަކެއްގެ މައްޗަށެވެ. ސާބިތު ހެކިތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ މައިގަނޑު ވަޞީލަތްތަކެއް ވެއެވެ. އެއީ:-
- ލިޔެ ބަޔާން ކުރެވިފައިވާ ބައި
- އާސާރީ ތަރިކަ
- ފޯކްލޯރ (ފުލޯކު ވާހަކަ)
ލިޔެ ބަޔާންކޮށްފައިވާ ބައި
ތާރީޚީ މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ލިޔުންތަކަށް ބަލާއިރު ބައެއް ލިޔުންތަކަކީ އެލިޔުމެއް ލިޔުނު ލިޔުންތެރިޔާ ވަކި ފަރާތަކަށް ބުރަވެހުރެ ލިޔެފައިވާ ލިޔުމަކަށްވެސް ވެދާނެއެވެ. އަދި ބައެއް ފަހަރު ލިޔުންތައް ބަދަލުކޮށްފައިވެސް ހުރެދާނެއެވެ. މިފަދަ ލިޔުންތަކުން ނަގާ ތާރީޚީ މަޢުލޫމާތު ތެދު ހަޤީޤަތާއި ދުރަށް ގެންދާ ތަކެއްޗެވެ.
ދިވެހިރާއްޖޭގެ ތާރީޚީ މަޢުލޫމާތު ހޯދުމުގައި އިސްކަންދެވިދާނެ ބައިތަކުގެ ތެރޭގައި ލިޔެ ބަޔާންކޮށްފައިވާ ލިޔުންތައް، މީގެ ތެރޭގައި ނޫސް މަޖައްލާތަކުގައި ޝާއިޢު ކޮށްފައިވާ ލިޔުންތަކާއި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ސައްޔާހުން ލިޔުއްވާފައިވާ ލިޔުންތަކާއި ލޯމާފާނުތަކާއި، ރާދަވަޅިތައް އަދި މިނޫވެސް އިތުބާރުހުރި ލިޔުންތައް ހިމެނެއެވެ. މީގެ އިތުރުން ފޮޓޯއާއި ފިލްމާއި ފަދަ ތަކެއްޗަކީ ގިނަގުނަ މައުލޫމާތު ލިބޭނެ ވަޞީލަތްތަކެވެ.

އާސާރީ ތަރިކަ
ތަރީޚީ މަޢުލޫމާތު ހޯދުމުގައި އެހެން ހުރިހާ ވަޞީލަތަކަށްވުރެ އާސާރީ ތަރިކައިން ލިބޭ މަޢުލޫމާތުގެ ޞައްކަން ބޮޑެވެ. އިހުޒަމާނުގައި ގެންގުޅެފައިވާ ތަކެއްޗާއި އެތަކެތި ބަހައްޓާފައިވާގޮތާއި ކަންކަމުން އެޒަމާނުގެ މަޢުލޫމާތު ހޯދުމަށް މަގުފަހިވާނެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ވަޞީލަތްތަކަކީ، އިހުގެ ޢިމާރާތްތަކާއި، ވީރާނާ ތަކާއި ތަކެތި، މުށީގެ ކަންވާރުތަކާއި މިނޫންވެސް މިފަދަ ތަކެއްޗާއި ކުރެހުންތަކާއި ލިޔުމުގެ ފާޑުވެރިކަން ދޭހަކޮށްދޭ ތަކެއްޗެވެ.
ފޯކްލޯރ (ފުލޯކު ވާހަކަ)
ފުލޯކު ވާހަކައަކީ އިހުގައި ކިޔެމުން އަންނަ އަޞްލެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ބަލާ ވާހަކަތަކެވެ. މިފަދަ ވާހަކަތަކަކީ އެކަކުގެ ފަރާތުން އަނެކެއްގެ ފަރާތުން ލިބިފައިވާ ވާހަތަކަކަށްވާތީ ވާހަކަ ނަގުލުވެފައިވާ މުއްދަތަށް ބަލާއިރު ވާހަކައަށް ބަދަލު އައިސްފައި ހުރެދާނެއެވެ. ރާއްޖޭގެ ތަރީޚީ މަޢުލޫމާތު ހޯދުމުގައި އިހުޒަމާނުގެ މީހުންގެ ފަރާތުން ވާރުތަވެފައިވާ ވާހަކަތަކާއި އެމީހުން ކޮށްފައި ހުންނަ ކަންތައްތަކުގެ ގޮތުގައި މުޖްތަމަޢު ބަލައިގެންފައިވާ ކަންކަމުންވެސް ތާރީޚު އެނގުމަށް މަގުފަހިވެއެވެ.
ޒަމާންވީ އާދަކާދައިގެ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ބައެއް ވާހަކަތަކަކީ:
ކޮއިމަލާކަލޯގެ ވާހަކަ، މާލެއަތޮޅު ގިރާވަރުމީހުންގެ ވާހަކަ، ހާމުންޑި އާއި ހަންޑީގެ ވާހަކަ، އިހުގެ ފާޑުވެރިކަމާއި ނެށުމާއި ލަވަތަކާއި އިހުގެ މަސައްކަތްތެރިކަން، ފަންޑިތަ އާއި ނަދުރު ފަދަ އިހުގެ އާދަތަކުގެ ވާހަކަތައް ހިމެނެއެވެ.
ތިރީގައި ބަޔާންކޮށްފައި ވަނީ ރާއްޖޭގެ ޤަދީމީ ތާރީޚު (އިހުގެ) ތާރީޚު އެނގޭނޭ ލިޔުންތަކެވެ. ލިޔުންތައް ނަގާފައިވަނީ: އިޖްތިމާޢީ ޢިލްމު 2، އާއި ދިވެހި ތާރީޚަށް އައު އަލިކަމެއް، މި ދެ ފޮތުންނެވެ.
ޖަޓަކާސް
އީސާއީ ސަނަތުގެ ކުރިން (އސކ) 250 ވަނަ އަހަރު ވަނަ އަހަރު ހާތާނގައި އުތުރު އިންޑިއާގައި އެކުލަވާލާފައިވާ ބުޑިސްޓް ލިޔުންތައް، މީގައި އެއްހާސް ރަށުގެ ވާހަކަ އާދެ އެވެ. މިއީ ފަހަރުގައި ދިވެހިރާއްޖެ ކަމަށް ވެދާނެއެވެ.
ޕައްތިއްޓު ޕައްތު
މިއީ މުސްކުޅި ތަމަޅަ ލިޔުންތަކެކެވެ. މީލާދީ ސަނަތުން 1 ވަނަ ޤަރުނު، އިންޑިއާގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ކެރެލާގެ ރަސްރަސްކަލުން މިރަށްރަށް ހިފާފައިވެއެވެ. މި ރަށްރަށަކީ ދިވެހިރާއްޖެ ކަމަށް ވެދާނެއެވެ.
ޕެރީޕްލުސް މާރިސް އެރިތުމީ (މީލާދީން 1 ވަނަ ގަރުނު)
މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައި ރޯމްގައި ލިޔެވިފައިވާ “ޕެރިޕްލުސް މާރިސް އެރިތުރީ” ނަމަކަށް ކިޔުނު ނިޔަމިކަމުގެ ފޮތުގައި، އިންޑިޔާކަނޑުގައިވާ "ލިމުރިކެ" ނަމަކަށްކިޔާ ރަށެއްގެ ކައިރީގައިވާ ޖަޒީރާތަކަކުން ކަހަނބުފަތް ހޯދާ ވާހަކަ ލިޔެފައި ވެއެވެ. މި ދެންނެވި "ލިމުރިކެ" އަކީ މަލާބާރުކަރައެވެ. ކަހަނބުފަތް ހޯދާ ޖަޒީރާތަކަކީ ދިވެހިރާއްޖޭގެ ޖަޒީރާތަކެވެ.
ޓޮލަމީ Ptolemy (127 -141 މ.)
ޓެޕްރޮޕޭން (ސްރީލަންކާ) ގެ ކުރިމަތީގައި 1378 ޖަޒީރާ ރަށްތަކެއް ވާކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ މީލާދީން ދެވަނަ ޤަރުނުގެ ތެރޭގައި، ގްރީކްގެ މަޝްހޫރު ނުޖޫމީ ޢިލްމުވެރިޔާ ޓޮލަމީގެ ލިޔުއްވުމެއްގައި ބަޔާންކުރައްވާފައިވާ ވާހައެކެވެ. މި ވާހަކަތަކުގައި ބަޔާންކުރައްވަނީ ދިވެހިރާއްޖޭގެ ވާހަކައެވެ. ވީމާ، ދިވެހިރާއްޖެއަކީ އިހުޒަމާނުގައި ހުޅަނގުގެ ދަތުރުވެރީން ދަންނަ ތަނެއްކަން އަޅުގަނޑުމެންނަށް ސާބިތުވެއެވެ.
އެމިއާނަސް މަރުސެލިނަސް Ammianus Marcellinus (މީލާދީ 362)
ރޫމީންގެ ލިޔުންތެރިއެއް ކަމަށްވާ އަމިއާނުސް މަރުސެލިނުސް (320 – 390މ.) ލިޔުއްވި ތާރީޚީ ލިޔުއްވުމެއްގައި، ދީވީން (ދިވެހިރާއްޖެ އާއި މަލިކު) އާއި ސަރަންދީބުން (ސްރީލަންކާ) ވާދައަށް ރޯމަން އެމްޕަރަރ ޖޫލިއަންގެ އަރިހަށް މީލާދީން 362 ގައި، ސަފީރުން ފޮނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އީސްޓަން ރޯމަން އެމްޕެރަރ ޖޫލިޔަން އަރިހަށް ވެދުން ހިފައިގެން ދިޔައީ ގުސްތަންތީނިއްޔާއަށް (ކޮންސްޓެންޓިނޯޕްލް) ނުވަތަ މިހާރުގެ ތުރުކީގެ އިސްތަންބޫލް އަށެވެ.
އިރުމަތީ ރޫމީންގެ ރަސްގެފާނު ޖޫލިޔަން އަރިހަށް (މިހާރުގެ ތުރުކީގެ އިސްތަންބޫލަށް) ދިވެހިރާއްޖޭގެ ވަފުދެއް މީލާދީން 362 ވަނަ އަހަރު، ދަތުރުކޮށްފައިވާ ކަމަށް ރޫމީންގެ މީހަކު ލިޔެފައިވާ ލިޔުމުން އެނގެނީ، ދިވެހީންނަކީ އަމިއްލަ ވެރިކަމެއް ހިންގަމުންގެންދިޔަ ތަންދޮރުވެސް ފިލާފައިވާ ބަޔެއް ކަމަށެވެ. ދިވީންނާއި ސަރަންދީވީންގެ ނަން ވަކީން ލިޔެފައިވަނީ މި ދެބައި މީހުންނަކީ ދެ ޤައުމެއްގެ މީހުންކަން އެޒަމާނުގެ ރޫމީންނަށް ވެސް އެނގިފައިވާތީއެވެ.
ދަ ވޮޔެޖެ އޮފް ފްޣަންސުވާ ޕިރާޑް ޑި ލަވަލް The Voyage of Francois Pyradމިފޮތުގެ 2 ވަނަ ވޮލިއުމްގެ 2 ވަނަ ބައިގައި އަދި އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގެ 16 ވަނަ ޞަފްޙާގައިވެސް މިވާހަކަ ވެއެވެ.
ދިޕަވަމްސާ Dipavamsa
ދިޕަވަމްސާ އަކީ ޕާލީބަހުން ލިޔެފައިވާ ޝްރީލަންކާގެ ތާރީޚާއިބެހޭ ފޮތެކެވެ. މިފޮތް ލިޔެފައިވަނީ މީލާދީގޮތުން 4-5 ވަނަ ޤަރުނުގައި ކަމަށްވީ ނަމަވެސް މީލާދީ ސަނަތުން 500 ވަނަ އަހަރު ކުރީގެ ޙާދިޘާތަކުން ފެށިގެން ބަޔާންކޮށްފައިވެއެވެ. ދިޕަވަމްސައިގައި ބުނެފައިވަނީ ސްރީލަންކާގައި ވަޒަންވެރިވި އަހުލުވެރިން އީސާއީ ސަނަތުން 500 ވަނަ އަހަރުގެ ކުރިން ސްރީލަންކާގެ ހުޅަނގު ގޮނޑުދޮށުގައިވާ ރަށްތަކަށް ފޮނުވާލާފައިވާ ކަމަށެވެ. މަހަވަމްސައިގައި ލިޔެފައިވަނީ އުތުރު އިންޑިއާއިން އަރުވާލި އަންހެނުންގެ ބައިގަނޑެއް މަހިލާދީޕާ އަށް އައިކަމަށެވެ.
ކްލެރެންސް މެލޮނީ (1980) ހާމަކުރައްވަނީ ދިޕަވަމްސާއަކީ ސިލޯނުގައި ވަރަށް ހައިބަތުހުރި ޤަދީމީ ލިޔުމެއް ކަމަށެވެ. މިލިޔުމުގައި ބަޔާންކޮށްފައިވަނީ 300 ބީ.ސީ. ގައި ސިލޯނުގެ ބަޔަކު ދިވެހިރާއްޖެއަށް ފޮނުވާލެވުކަމަށެވެ.
މަހަވަމްސާ Mahavansa
މަހަވަމްސާ ޕާލީބަހުން ލިޔެފައިވާ ޝްރީލަންކާ (ސިލޯން) ގެ ތާރީޚާއިބެހޭ ފޮތެކެވެ. މި ޤަދީމީ ފޮތުގައި ސިލޯނާއި ސިލޯނު މީހުންނާ ބެހޭގޮތުން 300 ބީ.ސީ އިން ފެށިގެންމީލާދުގެ 400 ވަނައަހަރާ ދެމެދުގެ ވާކަތައް ލިޔެފައިވެއެވެ.
"މަހަވަންސާ" އިން އެނގޭގޮތުގައި، މީލާދީ ސަނަތުގެ، 500 އަހަރު ކުރީން ހުޅަނގުއުތުރު އިންޑިޔާގެ ރަށެއްކަމަށް ބުނެވޭ "ސިންހަޕުރަ" އިން، އެ ރަށުގެ ރަސްގެފާނުގެ ދަރިކަލުން، ޕްރިންސް ވިޖަޔާ އޮޅުދޫކަރައަށް ވަޑައިގެންނެވިއިރު، އެބޭފުޅުން ދަތުރުކުރެއްވި ނައުތަކުގެ ތެރެއިން ނަވެއް ދިވެހިރާއްޖެއަށް އައިކަމަށް ވެއެވެ. މި ނައު ދިވެހިރާއްޖެއަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅެން ފަށައިފި ކަމަށް ބެލެވެއެވެ.
ފާހްސިއަން Fa Hsien (413 – 414މ.)
ޗައިނާގެ ދަތުރުވެރިއެއް ކަމަށްވާ ފާހް ސިއަން އަކީ ބުޑިސްޓް ހާމުދުރެއް (ފާދިރީއެއް) އެކެވެ. މީނާ ސްރީލަންކާއަށާއި އިންޑިއާއަށް ދަތުރުކޮށް ބުޑިސްޓް ދީނީ ފޮތްތަ ހޯދާ މަޢުލޫމާތާއި ޚިޔާލާތު ހޯދާ އެއްކޮށް ހެދިކަމަށް ވެއެވެ. ފާހް ސިއަން ހާމަކުރަނީ ސިލޯނުގެ ވާތްފަރާތާއި އަދި ކަނާތްފަރާތުގައި 100 އަށްވުރެ ގިނަ ކުދި ރަށްތައް ވާކަމަށެވެ. އަދި މިރަށްތައް އެއްރަށާ އަނެއްރަށުގެ ދުރުމިނުގައި 20 ލީ (1ލީ = 270 މޭލު) ހުންނަކަމަށާއި މިރަށްތަކުގައި އަގުބޮޑެތި ޖަވާހިރު އުފައްދާ ކަމަށާއި ސްރީލަންކާއަށް ބޮޑަށް ބަރޯސާވާ ވާހަކަ ބަޔާންކޮށްފައިވެއެވެ.
މިޞްރުގެ ރެކޯޑެއް (430 ވަނަ އަހަރު)
ސްރީލަންކާއަށް ދަތުރުކުރާމަގުގައި އަގުބޮޑު ޖަވާހިރު އުފައްދާ އެއްހާހެއްހާ ރަށްވެއެވެ.
މިޞްރުގެ އެހެން ރެކޯޑެއް
ސްރީލަންކާގެ ކައިރީގައި 1372 ރަށްވެއެވެ.
ކޮސްމަސް އިންޑިކޯޕްލެއުޓްސް Cosmas Indicopleustes (550 – 535މ.)
ކޮސްމޮސް އިންޑިކޯޕްލެއުސްޓޭސް އަކީ މިޞްރުގެ ކްރިސްޓިއަން ފާދިރީއެކެވެ. މީނާ އިންޑިއާގެ މަލާބާރުގެ ރަށްތަކަށް ދަތުރުކުރުމަށްފަހު 522މ. ގައި މިޞްރުގެ އެލެގްޒެންޑްރިއާއަށް އައިސް ދަތރުގެ ތަޖްރިބާގެ މައްޗަށް ދަތުރާބެހޭ ޖޯގްރަފީ ފޮތެއް ލިޔުއްވިއެވެ. އެފޮތުގައި ޓެޕްރޮބާން (ސްރީލަންކާ)ގެ ކައިރީގައި ކުދިކުދި 1370 ރަށް އޮންނަވާހަކަ ލިޔެފައިވެއެވެ. ސްރީލަންކާގެ ކައިރީގައިވާ ރަށްރަށުން ސާފު ބޯފެނާއި ކާށި ލިބެން ހުރުމުގެ އިތުރުން މިއިން އެއްރަށް އަނެއްރަށާއި ކާރިއެވެ.
ހްސުއަން ޓްސަންގް Husan Tsang (ޗައިނާމީހެއް 629-635މ.)
ހްސުއަން ޓްސަންގް އަކީ ޗައިނީޒް ބުޑިސްޓް ހާމުދުރެއް (ފާދިރީއެއް)، މީނާ ދީނީ ޢިލްމު އުނގެނުމަށްޓަކާ މީލާދީން 629 ން 645 އާހަމައަށް އިނޑިއާގައި ދުވަސްތަކެއް ހޭދަކޮށްފައިވެއެވެ. މިނާއަކީ ޗައިނާމީހުންގެ ތެރެއިން ދިވެހިރާއްޖެ އާއި ބެހޭގޮތުން އެންމެ ފުރަތަމަ ލިޔުމެއް ލިޔުނު އެކަކު ކަމަށް ވެއެވެ. ދިވެހިރާއްޖެއާއި ބެހޭގޮތުން ލިޔެފައިވަނީ ސްރީލަންކާގެ ދެކުނުގައި ކާށިގެ ރަށްތަކެއްވެއެވެ. އެމީހުން ތިބެނީ ކުދިކޮށެވެ. އެމީހުން މައިގަނޑު ކާއެއްޗެއް ނުއުފައްދައެވެ. ދިރިއުޅެނީ ކާށިކައިގެންނެވެ.
ޕައްލަވަ ރަސްގެފާނު ނަރަސިމްހާ ވަރުމަންގެ ލިޔުންތައް (ތަމަޅަ. 690މ.)
އޭނާގެ ދުވަސްވަރު ލަކަދީވާއި ރާއްޖޭގެ މައްޗަށް އޮތް ނުފޫޒް ބަޔާންކޮށްފައިވެއެވެ.
ޗައިނާގެ ޓޭންގް ޑައިނާސްޓީގެ ރެކޯޑުތައް (785-805)
މޯ-ލައި (ދިވެހިރާއްޖެ) އިން ޗައިނާއަށް މީލާދީން 658 ވަނަ އަހަރާއި 662 ވަނަ އަހަރު ދެ ސަފީރުން، ފޮނުވާފައިވާކަމަށް މީލާދީން 785 އާއި 805 އާ ދެމެދުގެ، ޓޭންގް ރަސްދަރިކޮޅުގެ ލިޔުންތަކުގެ ތެރޭގަ ބަޔާންކޮށްފައިވެއެވެ. ރާއްޖޭގެ ސަފީރުންގެ މިދަތުރަކީ ރާއްޖޭގެ ރަސްގެފާނު، ސްރީ ބާލާދީއްތިޔަގެ ފަރާތްޕުޅުން ވެދުން ހިފައިގެންކުރި ދަތުރެކެވެ. މިކަންކަން ހިނގާފައިވަނީ ރާއްޖެ އިސްލާމްވުމުގެ ގާތްގަނޑަކަށް 500 އަހަރު ކުރިންނެވެ. މި ލިޔުމުން އެނގޭގޮތުގައި، އެޒަމާނުގައި ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދުގައި މުޢާމަލާތްތަކެއް ކުރެވުނެވެ. މިއިން ދޭހަވަނީ، އޭރުވެސް ރާއްޖޭގައި ބަޔަކު އާބަދުވެ އަމިއްލަ ވެރިކަމެއް ޤާޢިމްކޮށް ބޭރުދުނިޔެއާއި ގުޅުން ޤާއިމްކޮށްފައިވާ ކަމެވެ.
ސުލައިމާން Sulaiman, the Merchant 900-880
މީލާދީން 9 ވަނަ ޤަރުނުގެ ތެރޭގައި އުޅުނު ޢަރަބީންގެ ސައްޔާޙު ސުލައިމާންވެސް ރާއްޖެއާއި ބެހޭގޮތުން ލިޔެފައިވެއެވެ. ސީ އޮފް ހާކެންޑް މިނަންކިޔާ ކަނޑުގައި ގާތްގަނޑަކަށް 1900 ރަށްވެއެވެ. އެ ރަށްތަކުގެ ވެރިކަން ކުރަނީ އަންހެނެކެވެ. އެ ރަށްރަށުގައި ދިވެހިރުއް ހައްދާފައި ވެއެވެ. އެއްރަށާއި އަނެއްރަށުގެ ދުރުމިން ހުންނަނީ ދޭއް ތިނެއް ނުވަތަ ހަތަރު ފަރުސަޚެވެ. (ފަރުސަޚަކީ ގާތަގަނޑަކަށް ¼3 މޭލެވެ.) އެ ރަށްތަކަށް ނަންދެވިފައިވަނީ “ދީބާޖާތް” (ދިވެހިރާއްޖެ) މިހެންނެވެ. ފައިސާގެ ގޮތުގައި ބޭނުންކުރަނީ ބޮއްޔެވެ. މިބައިމީހުން ބޮލި ނަގަނީ ރުކުގެ ރޯ ފަނެއް މޫދަށް އެއްލާފައި ބޭއްވުމުން އެފަނަށް ބޮލި އެރުމުންނެވެ. މީގެ އިތުރުން އެމީހުންގެ ފޭރާން އެމީހުންގެ އަމިއްލައަށް ވިޔެފައި ހުންނަނީ ފަތިނުޖަހާ ފޮތިގަނޑެއްގެ ގޮތަށެވެ. މީގެ އިތުރުން އެމީހުން ނައުފަހަރު ބަނދެ ގެދޮރުއަޅައި މިހުރިހާ ކަމެއްވެސް ކުރަނީ ވަރަށް ހުނަރުވެރި ކަމާއެކުގައި ކަމަށްވެސް ދިވެހި ތާރީޚަށް އައު އަލިކަމެއް (1990) ގެ 24 ވަނަ ޞަފްޙާގައި ބަޔާންކޮށްފައި ވަނީ ދަ ވޮޔޭޖް އޮފް ޕިރާޑް ޑި ލާވަލް، މިފޮތުގެ 2 ވަނަ ވޮލިއުމްގެ 2 ވަނަ ބައިގެ 428 ވަނަ ޞަފްޙާއަށް ހަވަލާ ދީއެވެ.
އަބޫޒަޔާދު (916މ.)
އިންޑިޔާ މީހުން މިރަށްތަކަށްގޮސް ރުއް އިންދައެވެ. އެމީހުން ވަޅުތަކުން ފެންނަގައި ބޯޓްތަކަށް ގެންގޮސްދީގެން ހަދިޔާ ހޯދައެވެ.
އަލްމަސްޢޫދީ (916މ.)
މީލާދީން 916 ވަނަ އަހަރު ސިލޯނަށް ދަތުރުކުރި އަލްމަސްޢޫދީ ގެނަމުން މަޝްހޫރުވެފައިވާ އަބުލް ޙަސަން ޢަލީ ރާއްޖެއާއި މެދު ލިޔެފައިވާ ތަފްޞީލީ ބަޔާން ނަގާފައިވަނީ ދިވެހި ތާރީޚަށް އައު އަލިކަމެއްގެ 24 ވަނަ ޞަފްޙާ އިނެނެވެ.
"ތިންވަނަ ކަނޑު" ނުވަތަ "ސީ އޮފް ހާރކެންޑް" އާއި ސީ އޮފް ލަރ އާއި ދެމެދުގައި މުޅިން ވަކިވާ ގޮތަކަށްވާ ވަރަށް ގިނަ ޢަދަދެއްގެ ރަށްތަކެއް ވެއެވެ. މިތާގައި ގުނިފައިވާ 2000 ނުވަތަ މިއަށްވުރެ ބަރާރާބަރަށް ބުނަނީ ނަމަ 1900 ރަށްވެއެވެ. މިހުރިހާ ރަށެއްގައިމެ ވަރަށް ގިނަމީހުން އުޅެއެވެ. އަދި މިހުރިހާ ރަށެއްގެވެސް ވެރިއަކީ އަންހެން ރަސްކަލެކެވެ. އެއީ މާކުރީ ޒަމާނުއްސުރެ މިރަށްތަކުގެ ވަޒަންވެރީންގެ ތެރޭގައި އޮންނަ ޤަވާޢިދަކުން އެބައިމީހުންގެ ވެރިއަކަށް ފިރިހެނަކު ހުރުމަށް އަމުރެއް ނުދެއެވެ.
މިހުރިހާ ރަށެއްމެ އޮންނަނީ އެއްސަރުކާރެއްގެ ބެލުމުގެ ދަށުގައެވެ. ވަރަށް ގިނަ ޢަދަދެއްގެ މީހުން ތިބުމާއެކު ބޭނުންވެއްޖެނަމަ ޢަދަދު ނުކުރެވޭ ވަރުގެ ލަޝްކަރެއް ތައްޔާރުކުރެވިދާނެއެވެ. އެއްރަށް އަނެއްރަށާއި ދެމެދުގައި ހުންނަނީ ގާތްގަނޑަކަށް ބައެއް ތަންތާގައި މޭލެއް، އަނެއްބައި ތަންތާގައި ދެތިންމޭލެކެވެ. އެރަށް ރަށުގައި ވަރަށް ގިނައިން ދިވެހި ރުއް ހެދެއެވެ. ނަމަވެސް ކަދުރު ރުކެއް ނުހުރެއެވެ. ކުދިކުދި ހަތިޔާރާއި އެފަދަ އެހެން ތަކެތި ހެދުމަށް މިރަށް ތަކުގެ ވަޒަންވެރީންފަދަ ކުޅަދާނަބަޔަކު ނެތްކަމަށް ބުނެއެވެ. މިރަށްތަކުގެ ރާނީ ފައިސާ އަކަށް ބޭނުންކުރައްވަނީ ހަމައެކަނި ބޮއްޔެވެ. މި ޚަޒާނާ ހުސްވަމުން ދިޔަދިޔަހެން މިރަށްތަކުގެ ވަޒަންވެރީންނަށް ފަންކަނޑައި މޫދުއެޅުމަށް އަމުރު ކުރައްވައެވެ. މިފަންތަކަށް ބޮލިއަރައެވެ. އޭގެ ފަހުގައި މިބޮލިތައް އެއްކޮށް ގޮނޑުދޮށުގެ ހިކިފަސްގަނޑު ގަޔާއި އަވީގައި ފަތުރައި އެއެއްޗެތީގެ މަސް ފިލަންދެން ބަހައްޓަން ޖެހެއެވެ. އޭގެ ފަހުގައި ސާފުކޮށްގެން އެއެއްޗެތި ގެންދެވެނީ ޚަޒާނާއަށެވެ. "ދަބިހަތު" Dabihat ގެ ނަމުން ނަންދެވިފައިވާ މިރަށްތަކުން ވަރަށް ގިނަ އަދަދަކަށް "ޒަންޖް" Zandj ނުވަތަ ކާށި ބޭރުކުރެއެވެ.
ނޯޓް: ދިވެހި ތާރީޚަށް އައު އަލިކަމެއް (1990) ގެ 24 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ ލިޔުމާ ޙަވާލާ ދީފައިވަނީ ދަ ވޮޔެޖް އޮފް ފްރެންކޮއި ޕިރާޑް ޑި ލަވާލް މި ފޮތުގެ 2 ވަނަ ވޮލިއުމްގެ 2 ވަނަ ބައިގެ 430 ވަނަ ޞަފްޙާ އަށެވެ.
ޗޯޅާ އެމްޕެޔަރ ރާޖާރާޖާ 1 (ތަމަޅަ. 985-1014ހ.)
އިންޑިއާގެ ޗޯޅާ ދަރިކޮޅުގެ ރާޖާރާޖާ (1) މި ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު 985 ން 1014މ. އަށް ރަސްގެފާނުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ދިޔަކަމަށް ޗޯޅާއިންގެ ލިޔުންތަކުގައި ލިޔެފައިވެއެވެ. ބުނެވޭގޮތުގައި ޓްރިވެންޑްރަމްގެ ކައިރިން (ކަނޑުން) ލިބުނު ކާމިޔާބާއެކު އެމްޕެރަރ ރާޖާރާޖާ ގްރޭޓް އިންޑިއާ ކަނޑުގައިވާ 12000 ރަށް ހިއްޕެވިއެވެ. މިބައިމީހުން ރާއްޖެ ހިފައިގެން ދުވަސްކޮޅަކު އުޅުނު ކަމުގައިވީ ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއާއި ރާއްޖޭގެ ވަޒަންވެރިންނަށް އެގޭފަދަ ނުރަގަޅު އަސަރުތަކެއް ކޮށްފައި ނުވެއެވެ.
އަބުލް ޙަސަން Abul Hassan (1026މ.)
އަބުލް ޙަސަނަކީ ޖޯޑްންގެ ޖޯގްރަފަރއެކެވެ. މީނާ ހާމަކޮށްފައި ވަނީ ދިވެހިރާއްޖެއިން އުފައްދަނީ ބޮއްޔާއި ރޯނާއި ހިކިމަހާއި ކަހަނބު ފަތްކަމަށެވެ. ބޮއްޔާއި ކަހަނބުފަތް ފޮނުވަނީ އެފްރިކާއަށާއި އިޓަލީއަށެވެ.
އަލްބައިރޫނީ: Al-Biruni(1030މ.)
އަލްބައިރޫނީ އަކީ ޢަރަބި ސައިންޓިސްޓކެވެ. މީލާދީން 1030 ވަނަ އަހަރު މީނާ ޢަރަބިބަހުން ލިޔުނު ފޮތުގައި
تحقيق ما للهند من مقولة مقبولة في العقل أو مرذول އިންޑިއަން އޯޝަންގެ މެދުތެރޭގައި އޮންނަ ‘ރެމް’ Ramm އާއި ‘ދިވާ’ Diva (ލަކްޝަދީބާއި ދިވެހިރާއްޖެ އުފެދުމުގައި އެއްގޮތް ރަށްތަކެއް ކަމަށް ހާމަކުރައްވައެވެ. ދިވެހިރާއްޖޭގައި ޒަމާނާއެކު ރަށްއުފެދި ރަށް ޣައިބުވެފާވެއެވެ. އެމީހުންގެ ރަށެއް ގިރިގެން ދަނީކަން އެނގުމުން އެހެން ރަށަކަށް އެމީހުން ބަދަލުވެއެވެ. އެމީހުން އުފައްދަނީ ބޮއްޔާއި ރޯނެވެ. އެރަށެއްގައި އުފައްދާ އެއްޗެއްގެ ގޮތުން އެރަށެއްވަނީ ބައިކުރެވިފައެވެ. ރޯނުގެ ރަށްރަށާއި ބޮލީގެ ރަށްރަށެވެ.
އަލްއިދްރީސީ Idrisi, Shari Al(1099 – 1168މ.)
ޝަރީފް އަލް އިދްރީސީ އަކީ މެޑިޓެރޭނިއަން ކަނޑުގައި ދަތުރުކޮށް އުޅުއްވި ބޭކަލެކެވެ. އިދްރީސީ ވަނީ ދިވެހިރާއްޖެއާއި ބެހޭގޮތުން ވަރަށް ފުރިހަމަ ލިޔުމެއް ލިޔުއްވާފައެވެ. “ރާއްޖޭގެ ރަށްރަށް ހުންނަނީ އެއްރަށް އަނެއްރަށާއި ވަރަށް ކައިރީގައެވެ. ގިނަ ރަށްރަށުގައި މީހުން ނޫޅެއެވެ. މީހުންއުޅޭ ކޮންމެ ރަށެއްގައި ވެރިން ތިބެއެވެ. ވެރިމީހާގެ އަންހެނުން މަސައްކަތްކުރަނީ ފަނޑިޔާރެއްހެންނެވެ. އެއްވެސް ގޮތެއްގައި ވެރިމީހާ އޭނާގެ އަންހެނުންގެ ނިންމުމަކާއި ދެކޮޅު ނަހަދައެވެ. މިއީ އެމީހުން އުޅޭގޮތެވެ. ރާނީގެ ތާޖާއި ހެދުމާއި ފައިވާން ފަދަ ތަކެތި ހަދާފައި ހުންނަނީ ރަނާއި އަގުބޮޑު ޖަވާހިރުންނެވެ. ރާނީއަށް މެނުވީ ފައިވާނެއް ނުލެވެއެވެ. ބައެއް މުނާސަބަތުތަކުގައި ރާނީ އޭނާގެ އަޅު އަންހެނުންގެ ބައިގަނޑަކާއެކު ހިންގަވާނެއެވެ. މިފައުޖުގައި އެތާއި، ލިޔެފައިވާ ފޮތިގަނޑުތަކާއި ތާޅަފިލި ބޭނުންކުރެއެވެ. ރަސްގެފާނާއި ވަޒީރުން ފަހަތުން ވަޑައިގަންނަވަނީ ވަރަށް ދުރުންނެވެ. އެދުވަސްދުވަހު ރާނީ ޞަދާގާތް ދެއްވައެވެ. ކަހަނބުފަތު ވިޔަފާރިއޮވެއެވެ. ގަހަނާއާއި ފުނާހަދަނީ މިއިންނެވެ. އަންހެނުން އެކަނބަލުންގެ ބޯ ނިވާނުކުރެއެވެ. އެމީހުން ބޯ އޮމާންކޮށް ގަތާ ހުޅިޖަހަނީ 10 ފުނާ ޖަހާފައެވެ. ރުކާއި އުއްދަނޑި ހައްދައެވެ. ބޮއްޔަކީ ފައިސާއެވެ. ބޮލިހޮވަނީ ރުއްބުރި ކަނޑުގައި އަޅައިގެންނެވެ. މާވަހަރު ހޮވައެވެ. އެމީހުންނަކީ ހުނަރުވެރި ބައެކެވެ. އެމީހުން އެއްފޮތިގަނޑުން ފާޑެއްގެ ގަމީހެއް ވިޔެއެވެ. އެމީހުން އޮޑިބަނދެއެވެ. ގެދޮރު ޢިމާރާތްކުރަނީ ގަލުންނެވެ. ސްރީލަންކާއާއި ރާއްޖެއާއި ދެމެދުގެ ދުރުމިނަކީ 7 ދުވަހުގެ ރާސްތާއެވެ.” (އިޖްތިމާޢީ ޢިލްމު 2 ޞ 14)
Moresby މޯސްބީ
މީލާދީން 1834 – 1835 ގައި ދިވެހިރާއްޖޭގެ ޗާޓު ކުރެހުމަށް އައިޓީމުގެ ވެރިއަކީ އިނގިރޭސި ކަނޑުމަތީ ސިފައިންގެ ކޮމާންޑަރު މޯސްބީ އެވެ. މީގެ އިތުރުން ލެފްޓިނެންޓް ވިލްމޮޓް ކްރިސްޓޮފާއާއި ލެފްޓިނެންޓް ޔަންގ ހިމެނެވެ. މި ބޭފުޅުންނަށް ދިވެހީންގެ ފަރާތުން ލިބުނު މަޢުލޫމަތުގެ ތެރޭގައި، ދިވެހީން ބޭނުންކޮށް އުޅުނު ސަމުގާ ރާއްޖެއަށް ފުރަތަމަ ގެނައީ ސީނުކަރައިގެ މީހުން ކަމަށް ބުނެވެއެވެ. އެހެން ބައެއް ދަތުރު ފަތުރުވެރިކަމުގެ އާލާތު ގެނައީ ޢަރަބީން ކަމަށް ވެއެވެ. ދިވެހީން މިފަދަ އެކިއެކި އާލާތު ބޭނުންކޮށް އުޅޭތަން މިޓީމަށް ވަނީ ފެނިފައިވެއެވެ.
ޕްރޮފެސަރ ޖޯން ސްޓޭންލީ ގާޑިނަރް
އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޕްރޮފެސަރ ސްޓޭންލީ ގާޑިނަރ އަކީ ޒޫލޮޖިސްޓެކެވެ. މީލާދީން 1899 ވަނަ އަހަރު، ޕްރޮފެސަރ ޖޯން ސްޓޭންލީ ގާޑިނަރް ދިވެހިރާއްޖެއަށް ވަޑައިގެން، ދިވެހީންގެ އަޞްލު ހޯއްދެވުމުގެ ގޮތުން މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. މިކަމަށްޓަކައި ރާއްޖޭގެ އެކިރަށްރަށުގެ ދިވެހީންގެ އިސްކޮޅާއި، ބޮލާއި، ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނެންގެވިއެވެ. މިމަޢުލޫމާތުގެ ދިރާސާގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި މައިގަނޑުގޮތެއްގައި އުޅެނީ، ތިރީގައި މިދަންނަވާ ރަށްރަށުގެ ނަސްލުތަކުގެ މީހުން ކަމަށެވެ.
- އިންޑިޔާގެ ސަބްކޮންޓިނެންޓާއި ލަންކާ
- ޢަރަބިކަރަ
- އެފްރިކާ
- އަސޭކަރަ (މިހާރުގެ އިންޑޮނީޝިއާ އާއި މެލޭޝިއާ)
މި ރިޕޯޓަށް ބަލާއިރު، މި ދެންނެވި ނަސްލުތަކުގެ ސިފަތައް، މީލާދީން 1899 ވަނަ އަހަރު ދިވެހީންގެ ތެރޭގައި ހުރިކަން ޕްރޮފެސާ ގާޑިނަރގެ ދިރާސާއިން ދޭހަވެއެވެ. ނަމަވެސް އެ ނަސްލުތަކުގެ މީހުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ވަނީ، އެއަށްވުރެ ކުރީގެ އެކި ދުވަސްވަރުގައިކަން، ތާރީޚުންނާއި އެކިއެކި ލިޔުންތަކުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ.
ތިރީގައިވާ ސައްޔާޙުންވެސް ދިވެހިރާއްޖެއާ މެދު ކުރުކޮށް ބަޔާން ދެއްވާފައިވެއެވެ.
- މާރކޮޕޯލޯ Marco Polo
- ޖޯން މޮންޓެކޯވީނޯ John of Montecorvino
- ޕްރިންސް ހޭޓަންPrince Hayton
- ފްރައިރް ޖޯޑަނަސްFriar Jordanus
Thor Heyerdhal – The Maldive Mistery (1986)
ޕުރޮފެސަރ ތޯރ ހަޔަރޑާލް
މިލާދީން 1980 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ޕުރޮފެސަރ ތޯރ ހަޔަރޑާލްވަނީ "ދަ މޯލްޑިވް މިސްޓްރީ" މި ނަމުގައި ރާއްޖެއާއި ބެހޭގޮތުން ފޮތެއް ލިޔުއްވާފައެވެ. މިފޮތުގައި ރާއްޖޭގެ ތާރީޚާބެހޭ މުހިއްމު މައުލޫމާތުތަކެއް ވަނީ ހިމަނުއްވާފައެވެ. ޕުރޮފެސަރ ތޯރ ހަޔަރޑާލް ލަފާކުރެއްވި ގޮތުގައި، އިންޑިޔާއާއި ޕާކިސްތާނު މިހާރު ހިމެނޭ ސަރަހައްދުގައި އިހަށް އޮތް އިންޑަސްވާދީގެ ރަށްވެހިކަން (އިންޑަސް ވެލީ ސިވިލައިޒޭޝަން) އުވިގެން ދިޔައިރު، ދިވެހިރާއްޖެއަށް އެހިސާބުން މީހުން އައިސްފައި ވެދާނެއެވެ. އިންޑަސްވާދީގެ އަހުލުވެރިން ބޭނުންކުރި މަޝްހޫރު ބަނދަރު އޮތީ ލޯތާލް ގައެވެ. މިހެންކަމުން އަޅުގަނޑުމެންނަށް އެނގެނީ އެބައިމީހުންނަކީ ކަނޑުމަތީ ދަތުރުފަތުރުކޮށް އެކި ޤައުމުތަކާއި ވިޔަފާރިކޮށް އުޅުނު ބައެއް ކަމެވެ.
ރާއްޖޭގެ ތާރީޚު އެނގޭނެ ފަހުގެ ބައެއް ލިޔުންތަކުގެ ލިސްޓް
- ނަސީމާ މުޙައްމަދު.(1998). ދިވެހީންގެ އަޞްލު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- ނަސީމާ މުހައްމަދު (2007). ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަން. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- ޙަބީބާ ހުސެން ޙަބީބު (1984) ކޮނުމުގެ މަސައްކަތް. ފަތްތޫރަ 65. (6). ޞ. 17 – 19
- އަޙުމަދު ޝަފީޤު. (2000). ދަންފުޅި. މާލެ: ސީޕްރިޔާ ޕްރިންޓްސް.
- މުޙަންމަދު އިބްރާހީމްލުޠުފީ. (1991). އިބުނުބަޠޫޠާ ދިވެހިރާއްޖޭގައި.. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- އެޗް. ސީ. ޕީ ބެލް. (1940). ދަ މޯލް ޑިވްސް އައިލެންޑްސް މޮނޮގްރާފް އޮން ދަ ހިސްޓްރީ އާރކިއޮލޮޖީ އެންޑް އެޕިގްރަފީ. ކޮލޮންބޯ. ސިލޯން ގަވަރމެންޓް ޕްރެސް.
- މުހައްމަދު އިސްމާޢީލް ދީދީ. (1981). ކްރިސްޓޮފަރގެ ނަޒަރުގައި ދިވެހިން. މާލެ ޑިޕާޓްމެންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑް ކާސްޓިން.
- މުހައްމަދު އިސްމާޢީލު ދީދީ. ޕިރާޑްގެ ގަލަމުން ދިވެހި ރާއްޖެ. (މަލަސް55). މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
- ދިވެހި ބަހާއި ތާރީޚަށް ޚީދުމަތްކުރާ ޤައުމީ މަރުކަޒު. (2000). ދިވެހި ބަސް ފޮތް. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
މަޢުލޫމާތު ނެގީ
- ޕީ. ރަގުފަތީ. (1995). އިޖްތިމާޢީ ޢިލްމު– 2، ޔުނިޓް 1 ން 4 ށް. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒު.
- ދިވެހި ތާރީޚަށް އައު އަލިކަމެއް (1990). ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރްކަޒު.



advertisment