Support Us

އިމާރާތާއި މިޞްރާ ދެމެދު އޮތް އެކުވެރިކަން ވާދަވެރިކަމަކަށް ބަދަލުވަނީބާ!

ގަލްފުގެ ޞުލްހައަކީ މިޞްރުގެ ރައީސް ސީސީގެ މޫނުފުޅުގައި ޖެހުނު "ތަފާލެއް" ކަމަށް އިސްރާއީލުގެ ދުވަހު ނޫސް ހާއާރުތިސް ސިފަކުރެއެވެ. މި ނޫސް ބުނެފައިވާ ގޮތުގައި ޢަރަބި ބައެއް ޤައުމުތައް އިސްރާއީލާއެކު ގުޅުން ޠަބީޢީކުރަމުންދިޔައިރު މިޞްރު ހަވާސާއިން ބޭރަށްލައިފައި އޮތްއޮތުމާމެދު ރައީސް ސީސީގެ ހިތްޕުޅު ހަމައެއް ނުޖެހެއެވެ. ޚާޢްޞަކޮށް ސޫދާނާއެކު އިސްރާއީލުން ގުޅުންތައް ޠަބީޢީ ކުރުމަށް އެއްބަސްވިއިރު އެކަމުގައި މިޞްރު ބައިވެރިކުރަން ޖެހޭނެކަމަށް ޤާހިރާ ދެކެއެވެ.

މިދިޔަ ހުކުރު ދުވަހު ހާ އާރްތިސްގައި އިސްރާއީލުގެ މުސްތަޝްރިޤެއް ކަމުގައިވާ ތަސްފީ ބާރުއީލް ޝާއިޢު ކުރެއްވި މަޒުމޫނެއް ބުނާގޮތުގައި ޤަޠަރާއެކު ގަލްފުގެ ޤައުމުތަކުން ޞުލްޙަވެރިކަން ޤާއިމުކުރުމަށް އެއްބަސްވި އެއްބަސްވުމުގެ މާއްދާތަކާމެދު މިޞްރު ހިތްހަމައެއް ނުޖެހެއެވެ. ރައީސް ސީސީ ގަލްފުގެ 41 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިނުގެން އޭނާގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ މި ސަމިޓަށް ފޮނުއްވީ މިހެންވެގެންނެވެ. މި މަޒުމޫނު ބުނާގޮތުގައި ޝުކްރީ މި އެއްބަސްވުމަށް މަރްޙަބާ ވިދާޅުވީ ވަރަށް "ތާފަނާ"ކޮށެވެ.

މި ނޫސް ބުނާގޮތުގައި "ޢުލާ އެއްބަސްވުން"ގައި ދައުޙާއާ އެއްކޮޅަށް ވަރަށް ގިނަ ތަނާޒުލުތަކެއް ދެވިފައިވާ ކަމަށް ރައީސް ސީސީ ވިދާޅުވިއެވެ. "އޭގައި ޤާހިރާގެ އެތައް މަޞްލަޙަތުތަކެއް ހަނދާން ނައްތާލެވިފައި ވެއެވެ."  އަލްޖަޒީރާ ޓީވީ ޗެނެލް ބަންދު ކުރުމުގެ ވާހަކަ ނެތުމާއި އިޚްވާނުލް މުސްލިމީނަށް ޤަޠަރުން އެހީވާ އެހީވުން ހުއްޓާލުމަށް ގޮވައިލާ އެއްވެސް ވާހަކައެއް މި އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ ޤާހިރާ ވަރަށް ބޮޑަށް ރުޅިއައެވެ.

މި ނޫސް ބުނާގޮތުގައި މި އެއްބަސްވުމުގެ ތަފްޞީލުތައް އަދިވެސް ސާފެއް ނުވެއެވެ. ދެހާސް ސަތާރައިގައި ޤަޠަރު ޙިޞާރުކޮށް ޤަޠަރު ބޮއިކަޓް ކުރުމުން މި ހަތަރު ޤައުމުން ނިންމި ނިންމުން އުވާލުމާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކާ ޢުލާ އެއްބަސްވުން ތަފާތެވެ. މި ނޫސް ބުނާގޮތުގައި މިޞްރުން ޖަޒީރާ ޓީވީއާއި އިޚްވާނުލް މުސްލިމީނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށް ޤާހިރާއިން ބުނެއެވެ. ޤަޠަރާ ބޮއިކަޓް ކުރުމުގައި މިޞްރު ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި ބަޙްރައިނާ ގުޅުނީ މި ދެ ޤަޟިއްޔާގައި އެ ތިން ޤައުމުން މިޞްރަށް ތާއީދުކޮށް ވާގިވެރިވާނެ ކަމަށް ވަޢުދުތަކެއް ވުމުންނެވެ.

އިމާރާތުގެ ދައުރާމެދު މިޞްރުގެ ބިރާސްތަކެއް

އިސްރާއީލުގެ މި ލިޔުންތެރިޔާ ވިދާޅުވެފައިވާ ގޮތުގައި ޤަޠަރާއެކު ސުލްޙަވެގެން އެމެރިކާގެ ކުރިމަތީގައި ސުޢޫދީ ޢަރަބިއްޔާގެ މޫނު ނަލަކުރަން މުޙައްމަދު ބިން ސަލްމާން ފެށްޓެވި މަސައްކަތްޕުޅަށް ރައީސް ސިސީ ވަނީ ފުރަގަސް ދެއްވައިފައެވެ. ވޮޝިންގްޓަންގައި ބޭއްވުނު އެއްވެސް ބައްދަލުވުމުގައި ސީސީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އިމާރާތާއި ބަޙްރައިން އަދިވެސް އޮތީ ޤާޠަރާއެކު ކުރިމަތިލުމުގެ ރޮނގުމަތީގައެވެ. އިމާރާތުން މާދަމާ ޤަޠަރުގެ ކުރިމަތީގައި ސަރަޙައްދުތައް ހުޅުވައިލުމަށް ވަނީ ނިންމައިފައެވެ. މިއިން ލިބޭ އިޝާރާތަކީ ޤަޠަރާ ދެކޮޅަށް މި ހަތަރު ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމުގައި މިހާރު ރެނދުއަޅަމުންދާ ކަމެވެ.

އިސްރާއީލުގެ މި ލިޔުންތެރިޔާ ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލާ އަބޫ ޡަބްއިއާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް އެއްބަސްވިއިރު އެކަމުގައި ރައީސް ސީސީއާ މަޝްވަރާކޮށްފައެއް ނުވެއެވެ. އެއީ އެކަމުގައި ސީސީގެ ހިތްވަރުދެއްވުން މުޙައްމަދު ބިން ޒާއިދަށް ލިބިވަޑައިގެންފައި ނުވާތީއެވެ. ރައީސް ސީސީ ބޭނުންފުޅު ވަނީ އިސްރާއީލާއެކު އެއްބަސްވާ ހުރިހާ އެއްބަސްވުމެއް ޤާހިރާ މެދުވެރި ވެގެން ކުރާށެވެ. މިޞްރު ބައިވެރި ނުކޮށް ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ގަތަމުން ދިޔުމުގެ ސަބަބުން މިޞްރަށް ލިބިފައިވާ "ވިޞާޔަތު" ގެއްލިގެން ހިގައިދާނެތީއެވެ. އަދި އިމާރާތް މި ސުލްޙައިގެ ވާޙަތަކަށް ވެދާނެތީއެވެ.

އިމާރާތުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމުން އެންމެ ފުރަތަމަ މަރްޙަބާ ވިދާޅުވި ޢަރަބި ޒަޢީމަކީ ސީސީއެވެ. އެހެނަސް މި އެއްބަސްވުމުގައި ސޮއިކުރުމަށް ވޮޝިންގްޓަންގައި  ބޭއްވުނު ރަސްމިއްޔާތަށް މިޞްރުން މަންދޫބަކު ފޮނުވުމަށް ޤާހިރާ ވަނީ ދެކޮޅު ހަދައިފައެވެ.

މިޞްރާ އިމާރާތުގެ ގުޅުންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރަށް ނުބައިވަމުންކަން ކަށަވަރެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މަސްއަލައަކީ ލީބިޔާގެ މަސްއަލައެވެ. މިޞްރުން ވަރަށް ކުއްލިގޮތަކަށް މަތީ ފެންވަރުގެ ވަފްދެއް ޠަރާބްލްސްއަށް ފޮނުވައި ލީބިޔާގެ މަސްއަލައިގައި ލީބިޔާގެ ސަރުކާރަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ. މި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އިސްވާރު ޖެނެރަލް ޚަލީފާ ޙަފްތަރަށް ކުރަމުން ދިޔަ ތާއީދު ވަނީ ހުއްޓާލައިފައެވެ. ޙަފްތަރަށް ހަތިޔާރާއި ފައިސާގެ އެހީ ދޭ އިސް ޤައުމަކީ އިމާރާތެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އަބޫ ޡަބްއިއިން މަސައްކަތް ކުރަނީ ޢަރަބި ޖައްވުގައި މިޞްރުގެ ދައުރު ކުޑަކޮށް އިމާރާތުގެ ދައުރު ފިޔަ ޖެއްސުވުމަށެވެ. އެފްރިކާގެ ދަޅުގެ ސަރަހައްދުގެ ޤައުމުތަކުގައި އިމާރާތުގެ ނުފޫޒު ވަރުގަދަ ކުރުމަށް ޓަކައި ތިން ބިލިއަން ޑޮލަރު ވަނީ ޚާއްޞަކޮށްފައެވެ. ދެހާސް އަށާރައިގައި އިމާރާތުން ވަނީ އިތިއޯޕިޔާއާއި އެރީތުރިޔާއާ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމުގައި މުހިއްމު ދައުރެއް ކުޅެފައެވެ. މީގެއިތުރަށް އިމާރާތުން ދަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދާއެކު ޖާސޫސީ މަސައްކަތްތަކުގައި އެއްބާރުލުން ޤާއިމު ކުރަމުންނެވެ. މިއީ މިޞްރު އެކަމާ ވަރަށް ބިރުގަންނަ ކަމެކެވެ. މި ކަމުގެ ސަބަބުން އެފްރިކާގެ އިރުމަތީ ބިތް އިސްރާއީލުގެ ޖާސޫސީ ބޭހަކަށް ބަދަލުވެދާނެތީއެވެ.

ސޫދާނުގެ މަސްއަލަ

އޭނާ މަޒުމޫނު ކުރިއަށް ގެންދަވަމުން ހާމަކުރެއްވި ގޮތުގައި ރައީސް ސީސީ އިތިޔޯޕިޔާގެ ދާޚިލީ މައްސަލައެއް ކަމުގައި ބެލެވޭ ޓިގްރޭގެ މައްސަލައިގެ ތެރެއަށް ސޫދާނު ވެއްދުމަށް ވަރަށް މަސައްކަތް ކުރެއްވިއެވެ. މީގެއިތުރަށް ނަހްޟާ ޑޭމްގެ މަސްއަލައިގައި އަބޫ ޡަބްއި ލައްވާ އިތިޔޯޕިޔާއަށް ފިއްތުންތައް ފިއްތެވޭތޯ ވެސް ސީސީ މަސައްކަތް ކުރެއްވިއެވެ. އެއީ މި ޑޭމު ބިނާކުރުމުގެ ސަބަބުން މިޞްރަށް ލިބޭ ނީލަކޯރުގެ ފެން މަދުވެގެން ހިނގައިދާނެތީއެވެ. މި މަސްއަލާގައި އިމާރާތުން މިޞްރުގެ އެދުމަށް އެއްވެސް އިޖާބައެއް ނުދިނެވެ.

މީގެ އިތުރަށް އިސްރާއީލާ އަބޫ ޡަބްއި ގުޅިގެން އިސްރާއީލުގެ ޙައިފާ ބަނދަރު ރަތްކަނޑާ ގުޅުވައިދޭ ފެނުގެ ކެނެލެއް ބިނާކުރަން އުޅުމާއި އަސްދޫދާ އީލާތު ތެޔޮ ހޮޅިއަކުން ގުޅައިލުމަށް ރާވާފައިވާ ކަމަށް ބުނާ ސިއްރު ރިޕޯޓްތަކާމެދުގައި ވެސް މިޞްރުން ވަނީ ކަންބޮޑުވުންތައް ހާމަކޮށްފައެވެ. މިއީ މިޞްރުގެ ސުވޭސް ކެނެލަށް ވަރަށް ބޮޑަށް ގެއްލުން ލިބިދާނެ މަޝްރޫޢެކެވެ. އަދި މިއީ ޢަރަބި ދުނިޔޭގައި މިޞްރުގެ އަހައްމިއްޔަތު ވެސް ކުޑަވެގެން ހިނގައިދާނެ ކަމެކެވެ.

އިސްރާއީލު– ސޫދާން ގުޅުންތައް ޠަބީޢީވެގެން ދިޔަ ދިޔުމަކީ ވެސް އެކަމާ މިޞްރު ކަންބޮޑުވި މަސްއަލައެކެވެ. މި ކަމުގައި ވެސް ބޮޑު ބައި ކުޅެފައި ވަނީ އަބޫ ޡަބްއިއެވެ. މީގެއިތުރަށް ސޫދާނުގެ ޕޯޓް ސޫދާނުގައި ރޫސީ ވިލާތުގެ ކަނޑުގެ ބޭހެއް ހެދުމުގައިވެސް މެދުވެރިވެފައި ވަނީ އިމާރާތެވެ. ސޫދާނުގެ ނަން އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން އުނިކުރުމުގައި ވެސް އިމާރާތުގެ ދައުރު ފާހަގަކޮށްލެވެއެވެ.

މެދުއިރުމައްޗަށް ޞުލްޙައިގެ އަސަރު

ގަލްފަށް ޞުލްޙަ އަނބުރާ ގެނެސްދިން ޢުލާ އެއްބަސްވުމުގައި ހުރި ހުރިހާ ކަމެއް އަދި ވެސް ސާފެއް ނުވެއެވެ. މި ޞުލްޙައިގެ އަސަރު މެދުއިރުމައްޗަށް ކުރާނީ ކިހާ ވަރަކަށްކަން އެނގޭނީ އޭރުންނެވެ. ބައެއް މުޙައްލިލުން ވިދާޅުވާ ގޮތުގައި އެ އެއްބަސްވުމުގެ ތާސީރު މެދުއިރުމައްޗަށް އަންނާނީ ވަރަށް މަޑުމަޑުންނެވެ. މި ކަމުގައި އެންމެ ބޮޑު ދައުރެއް ކުޅޭނީ ޤަޠަރު– ތުރްކީ ނާރެހާއި، ސުޢޫދީ– އިމާރާތު– މިޞްރު ނާރެސް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެހެންކަމުން ކުރިމަގު ވަޒަން ކުރެވޭނީ މި ދެ ނާރެސް އެއް ނާރެސް އަނެއް ނާރެހާ ކުރިމަތިލާ ގޮތަކުންނެވެ.

ބައެއް ރިޕޯޓަރުން ލަފާކުރާ ގޮތުގައި ގަލްފުގެ ޞުލްޙައިގެ ސަބަބުން ރިޔާޟާއި ދައުޙާގެ ގުޅުމަށް ރަނގަޅު ބަދަލުތަކެއް ވަރަށް ކައިރި ރާސްތާއެއްގައި އަންނާނެއެވެ. މި ކަމުގެ ސަބަބުން ސުޢޫދީ– ތުރްކީ ގުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ނިމުތު ކުރެވެއެވެ. އެއީ މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް ފަހި ބަދަލުތަކެއް ގެންނާނެ ކަމެކެވެ. މި ހުރިހާ ކަންތައްތަކަކީ މިޞްރުގެ ދައުރު ފަނޑު ކުރުވާނެ ކަންތައްތަކެއް ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *