Support Us

ސްރީލަންކާގެ ރައީސް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މައުމޫން

ކޮވިޑް ގަބުރުތައް ރާއްޖެ ގެންނަން ރައީސް މައުމޫންގެ ތާއީދެއް ނެތް، ބަހުސް ހޫނުވަނީ

ކޮވިޑް ޖެހިގެން އެހެން ގައުމެއްގައި މަރުވާ އެއްވެސް މީހެެއްގެ ގަބުރު ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގެ ބައިވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އަންދަމުންދާތީ، އެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް، ލަންކާ ސަރުކާރުގެ އެދުމުގެ މަތިން، ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނުމާ ވިދިގެން ކުރެެއްވި ޓްވީޓެއްގައެވެ.

"ކޮންމެ ގައުމެއްގެ ވިޔަސް އަދި ކޮންމެ ދީނެއްގެ ވިޔަސް ބޭރުގެ ހުރިހާ މެހެމާނުންނަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔަން. އެކަމަކު ބޭރުގެ ގައުމެއްގައި ކޮވިޑް19 ޖެހިގެން މަރުވާ މީހުންގެ ގަބުރު ރާއްޖެ ގެނައުން އެއީ އަޅުގަނޑަށް ތާއީދުކުރެވޭނެ ކަމެއް ނޫން،" ރައީސް ސޯލިހުގެ ސަރުކާރުގެ ކަންކަމަށް ވަރަށް ފާޑުވިދާޅުނުވާ ރައީސް މައުމޫން، ރައީސް އޮފީހަށް ޓެގްކުރައްވައި ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.


"އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ." އެ ބަޔާނުގައި ވެއެވެ.

މިކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ނަމަވެސް، ރާއްޖޭގެ ޖުޑީޝަލް ކޮމިޓީގެ ރައީސް އަދި ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީގެ އިސް އޮފިޝަލެއް ކަމުގައިވާ ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓުގައި ވާގޮތުން، ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ގަބުރު ރާއްޖެ ގެންނަ ގޮތަށް ނިންމަވައިފައިވާތީ އެއީ ރަނގަޅު ނިންމެވުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.


"އަވަށްޓެރި ސްރީލަންކާގައި ކޮވިޑް19ގެ ބަލިމަޑުކަމުގައި މަރުވާ މުސްލިމުންނާ މެދު ވަރަށް އިހާނެތި ގޮތަކަށް ކަންތައް ކުރެވެމުންދަނިކޮށް، އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވައި، އެ އިހާނެތިކަމުން މުސްލިމުން ސަލާމަތް ކުރައްވަން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް،" މަޝްހޫރު ދީނީ އިލްމުވެރިޔާގެ ޓްވީޓުގައި ވެއެވެ.

ލަންކާ އިން މިދިޔަ އެޕްރީލްގައި ހަމަޖައްސައިފައި ވަނީ ކޮވިޑްގައި މަރުވާ ކޮންމެ ދީނެއްގެ މީހެއް ކަމަށް ވިޔަސް، އަންދާލާ ގޮތަށެވެ. އެގޮތަށް ހަމަޖެއްސީ، ކޮވިޑް ގަބުރުތައް ވަޅުމުން ފެނުގެ ޒަރީޔާއިން ކޮވިޑް ފެތުރޭނެ ކަމަށް އާބާދީ ބޮޑު ސިންހަލަ ބުޑިސްޓު ޖަމާއަތްތަކުން ބުނަމުން ދަނިކޮށެވެ. އެހެންކަމުން، އާބާދީ ކުޑަ މުސްލިމުންގެ މެދުގައި އެކަމުގެ ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ.

ޖުމްލަ 21 މިލިއަން މީހުން އުޅޭ ލަންކާގެ އާބާދީގައި މުސްލިމުން ހިމެނެނީ އެންމެ 10 ޕަސަންޓެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތު ސަލަފުގެ ރައީސް ޝެއިިޚު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް ދިވެހިރާއްޖެއަށް އުފުލައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަޞްލަޙަތެއް އޮތްތަން ފެންނަން ނެތް ކަމަށެވެ. އޭގެ ސަބަބުތަކެއް ވެސް އޭނާ ދައްކަވައެވެ.

ކޯވިޑްޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންގެ ހަށިތައް ދިވެހިރާއްޖެ އުފުލައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަޞްލަޙަތެއް އޮތްތަން ފެންނާކަށްނެތް! ސަބަބުތަކުގެ ތެރޭގައި-

  1. ޝަރުޢީ އުޒުރެއް ނެތި މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވުން.
  2. މައްޔިތާ ވަޅުލުން އަވަސްކުރުމާ ފުށުއެރުން.
  3. ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ، ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި، އަދި ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރުވެސް އޮތުން.
  4. އުޒުރެއްގެ ގޮތުގައި ހާމަކޮށްފައިވާ ސަބަބަކީ ޢުޒުރެއްކަމުގައި ބަލާނެ ޖާގަނެތުން.
  5. މިކަން އެދިފައިވާ ކަމަށް ވަނީ ސްރީލަންކާގެ ސަރުކާރުން ކަމަށްވީ ހިނދު ،ލަންކާގެ ޢިލްމުވެރިންގެ ބަހެއް އޮތްތޯ އާއި، އަދި އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރުކޮށްފައިވާކަން ފެންނަން ނެތުން.
  6. އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ބިންދަތި ތާކަށް، މައްޔިތާ، ނަޤުލްކުރުމުގެ ބަދަލުގައި، ދިވެހީން ލަންކާއަށް ފޮނުވައިދީގެން އެކަން ހަމަޖެއްސުމުގައި ޚަރަދު ކުޑަވުމާއި، ދިމާވެދާނެ އެތައް މައްސަލައެއް ނުނިކުންނަ ފަދަ ގޮތަށް ހަމަޖެއްސުމުގެ ޤާބިލުކަން ސަރުކާރަށް އޮތުން.
  7. މިކަންކަން މިހެން ސުވާލު އުފެދޭތީ..!

ކޮވިޑް ޖެހިގެން މަރުވެފައިވާ 19 މުސްލިމެއްގެ ހަށިގަނޑު އަންދާލަންޖެހޭތީ މޯޗަރީން ނުގެންގޮސް ގިނަ ދުވަސްތަކެއް ވުމުން، އެ ގަބުރުތައް އަންދާލުމަށް ލަންކާގެ ބަންޑާރަ ނައިބު އަމުރެއް ނެރުމުން، 15 ގަބުރެއް މިދިޔަ ހަފުތާގައި ވަނީ އަންދާލައިފައެވެ. އެއާއެކު ލަންކާގެ މުސްލިމުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

ލަންކާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ އޮކްޓޯބަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގައުމުގައި މިހާތަނަށް 32،790 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 152 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑްގައި ރާއްޖޭގައި މިހާތަނަށް މަރުވި 48 މީހުން ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހިނެވުމަށްފަހު ވަޅުލާފައި ވަނީ، ހުޅުމާލޭ ގަބުރުސްތާނުގެ، ވަކި ސަރަހައްދެއްގައެވެ.

ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދުމުން، ލަންކާގެ އިދިކޮޅު ފަރާތްތަކުން ދަނީ އެއީ ބޮޑު ލަދުވެތިކަމެއް ކަމަށް ބުނެ ރާޖަޕަކްސަ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޓްވީޓެއްގެ ފޮޓޯއާއެކު، ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ގައުމުގެ ރައްޔިތުން މަރުވުމުން ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްދޭން އަވަށްޓެރި ގައުމެއްގައި އެދުން އެއީ ލަދުވެތިކަމެއް ކަމަށެވެ.


"މިއީ ތެދެއް ކަމުގައި ވާނަމަ، އަމިއްލަ ގައުމުގެ ރައްޔިތުން މަރުވުމުން ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްދޭން އަވަށްޓެރި ގައުމެއްގައި ލަންކާ ސަރުކާރުން އެދުން އެއީ ލަދުވެތިކަމެއް. ސްރީލަންކާގައި ވިހައި، އުޅެބޮޑުވެ މަރުވާ ކޮންމެ މީހެއްގެ ޖަނާޒާގެ ކަންތައް، އެ މީހުންގެ ދީނުގައި އޮންނަ ގޮތަކަށް، އެ މީހުންގެ އަމިއްލަ ފަސްގަނޑުގައި ކުރިއަށް ގެންދިއުމުގެ ހައްގު އެ މީހުންނަށް ލިބގެންވޭ،" ސަމަރަވީރާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *