މި މަހުގެ 10ން 11 ށް ބްރަސެލްސްގައި ބޭއްވުނު ޔޫރަޕްގެ އިއްތިޙާދުގެ ވެރީންގެ ސަމިޓުން ތުރްކީއާ ދެކޮޅަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ފަރަންސޭސިވިލާތުންނާއި ޔޫނާނުންނާއި ސައިޕްރަސްގެ ގްރީކު ދައުލަތުން އަންކަރާއަށް ދީ ބިރުގެންނެވި ނަމަވެސް މެކަރޯން އެދިވަޑައިގެންނެވި ދިމާއަށް ދަތުރު ކުރެއްވުމަށް ބޭނުންފުޅުވާ ގޮތަށް މި ސަމިޓްގައި ވައިނުޖެހުމުގެ ސަބަބުން ސަމިޓް ނިމިގެން ދިޔައީ އަންކަރާއާ ދެކޮޅަށް ފިޔަވަޅެއް ނޭޅި މިސްރާބު ގެއްލި އޮޑި ބެހިގެންނެވެ. މި ތިން ޤައުމުން އެއްބަސްވެ ރާވާފައި ވަނީ އަދި އުއްމީދު ކުރީ ތުރްކީގެ އިޤްތިޞާދު ފުނޑައިލެވޭ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މި ސަމިޓުން ނިންމާނެ ކަމަށެވެ. ސަމިޓުން ނިންމީ މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ފަޅީގައި ތެޔޮ ނެގުމާ ބެހޭގޮތުން މަސައްކަތް ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ފުޅައު ނުކޮށް އެ މަސްއަލަ 2021ގެ މާރިޗް ސަމިޓަށް އެޖެންޑާ ކުރުމަށެވެ.

ބްރަސަލްސްގައި ބޭއްވުނު ސަމިޓްގައި ތުރްކީއާ ދެކޮޅަށް އަޑުގަދަވެ ރާގު ބަދަލުވެފައި އޮތްނަމަވެސް ޔޫރަޕްގެ ޒަޢީމުން ނިންމެވީ އަންކަރާއާއެކު ވާހަކަ ދެއްކުމަށް ޓަކައި ދޮރު ހުޅުވާފައި ބޭއްވުން މި ވަގުތަށް މާ މުހިއްމު ކަމަށެވެ. ތުރްކީގައި ހުންނަވާ ޔޫރަޕްގެ އިއްތިޙާދުގެ ސަފީރު ނިކޮލަސް މަޔަރ ލެންޑްރޯޓް ވިދާޅުވި ގޮތުގައި މެޑޭޓެރޭނިއަން ކަނޑުގެ އިރުމައްޗާ ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާކުރުމަށް ޓަކައި ގިނަ ޖަމާޢަތްތަކެއް ބައިވެރިވާ މަހާސިންތާއެއް ބޭއްވުމަށް މި ސަމިޓުން ނިންމެވިއެވެ. އެއީ އެ މަސްއަލައާ ބެހޭގޮތުން ވިލަރެސްކުރުމަށާއި އެއްބާރުލުން ޤާއިމު ކުރުމަށް ޓަކައި ގޮތްތަކެއް އެކަށައެޅޭތޯއެވެ. ޔޫރަޕްގެ މި މަސްއޫލުވެރިޔާ ހާމަކުރެއްވި ގޮތުގައި މި ސަމިޓްގައި އެއްބަސްވެވުނު އެތައް ނުކުތާތަކަކަށް އޭނާ އަލިއަޅުވައިލައްވަން ބޭނުންފުޅުވެއެވެ. ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަޙައްދު ދެކެފައިވާ ތަފާތު ކަންކަމާއި ޙާދިސާތައް މި ސަމިޓުން ވަޒަންކުރައްވައި އަގު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ ވެރީންގެ އެދިވަޑައިގަތުމަކީ އެ ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރެވޭތޯ ބެލުމެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި ކަމަށް ޓަކައި ޔޫނާނާއި ތުރްކީއާ ދެމެދުގައި ބައްދަލުވުންތައް ބޭއްވެން އެބަޖެހެއެވެ.
ލޭންޑްރޯޓް ކަށަވަރުކޮށްދެއްވި ގޮތުގައި ތުރްކީ – ޔޫރަޕް ގުޅުންތަކާ ބެހޭ އެޖެންޑާއާ މެދު ޔޫރަޕްގެ ވެރިން ބައްލަވަނީ ވަރަށް ފައްސިކޮށްނެވެ. މި ގުޅުމާ ބެހޭގޮތުން އަދިވެސް ފައްސިވެރި ނަޒަރަކުން ބެލިދާނެ ކަމަށް ޔޫރަޕްގެ ޒަޢީމުން އެއްބަސްވެވަޑައިގަންނަވައެވެ. ދެ ފަރާތުގެ މަޞްލަޙަތު ނިޔާކުރަނީ މޭޒުދޮށަށް ގޮސް ވާހަކަ ދައްކައިގެން މަސްއަލަތައް ޙައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި ތުރްކީއާއި ޔޫނާނާ ދެމެދުގައި ނުތަނަވަސްކަން އިތުރުވަމުން ދާކަން ފާހަގަ ކުރެވެއެވެ. އަންކަރާ ތުހްމަތު ކުރާ ގޮތުގައި އެތެންސުން ދަނީ ސައިޕްރަސާ ގުޅިގެން އެކަހެރި ގޮތަކަށް ފިޔަވަޅުތައް އަޅަމުންނެވެ. ތުރްކީން ބުނާގޮތުގައި އެ ޤައުމުގެ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް ޓަކައި ޔޫނާނުން އެކަހެރި ގޮތަކަށް ފިޔަވަޅު އަޅައިގެންނުވާނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ކުރިމަތީގައި ތުރްކީން ދެ އަތް އުރާލައިގެން ނޯންނާނެއެވެ.

މި ސަމިޓްގައި މިދިޔަ ހުކުރު ދުވަހު ޖަރްމަނުގެ މުސްތަޝާރާ އެންޖެލާ މަރކްލް ވިދާޅުވި ގޮތުގައި ތުރްކީއާއެކު ފައްސިވެރި އެޖެންޑާއެއް ބިނާކުރަން ޔޫރަޕުން އެދެއެވެ. މި ސަމިޓް ނިމުމުން މަރްކުލް ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވި ގޮތުގައި "ޤާނޫނާ ޚިލާފަށް މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި ތެޔޮ ނެގުމުގެ މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓަކައި ޢުޤޫބާތުގެ ލިސްޓެއް ތައްޔާރު ކުރަން ޔޫރަޕްގެ ވެރީންނަށް މަޖްބޫރުވެވަޑައިގަތެވެ. އެހެނަސް އިއްތިޙާދު އޮތީ ތުރްކީއާއެކު އެއްބާރުލުމަށް ތައްޔާރަށެވެ. ޔޫރަޕުން އެދެނީ ބިނާކުރަނިވި އެޖެންޑާއެއް އެކަށައަޅައި އެއާ އެއްގޮތަށް ޢަމަލު ކުރުމަށެވެ." ޔޫރަޕަށް ހިޖްރަކުރާ މީހުންގެ މަސްއަލާގައި ތުރްކީއާއެކު އެއްބާރު ލާނެ ކަމަށް މަރކްލް ވިދާޅުވިއެވެ.
ހަމަ ބުއްދި ލިބިފައިވާ ޤައުމުތަކުން ޢަމަލު ކުރީ ޙައްޤާ އެއްގޮތަށް
ޔޫރަޕްގެ އިއްތިޙާދުގެ ސަމިޓާ ބެހޭގޮތުން ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވި ގޮތުގައި "ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ބައެއް ޤައުމުތަކުން ތުރްކީއާ ދެކޮޅަށް އަޅަން އުޅުނު ފިޔަވަޅުތަކަށް ވިސްނުންތޫނު ޙިކްމަތްތެރި ޤައުމުތަކުން ވަނީ ހުރަސްއަޅައިފައެވެ." އުރްދުޣާން ވިދާޅުވި ގޮތުގައި ތުރްކީއާ ދެކޮޅަށް އަޅައި ކޮންމެ ފިޔަވަޅަކީ ދެ ފަރާތަށް އޭގެ ގެއްލުން ކުރާނެ ފިޔަވަޅެކެވެ.
ތުރްކީއާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުގެ ތެރޭގައި ހަދާފައިވާ ހަތުރުވެރި ލޮބީތައް ނައްތާލައި މަސްއަލަތަކާމެދު މައުޟޫޢީކޮށް ވިސްނުމަށް އުރްދުޣާން ޔޫރަޕްގެ ޒަޢީމުންނަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި "ވާހަކަ ދައްކައިގެން ނޫނީ އެއްވެސް މަސްއަލައެއް ޙައްލެއް ނުކުރެވޭނެއެވެ." އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ކޮންމެ ފިޔަވަޅަކީ އޭގެ ގެއްލުން ދެ ފަރާތަށް ފޯރާނެ ކަމެކެވެ." ރައީސް އުރްދުޣާން ވިދާޅުވި ގޮތުގައި ތުރްކީއާ ދެކޮޅަށް އަޅާ ފިޔަވަޅަކަށް ތުރްކީން އިދިކޮޅު ފިޔަވަޅެއް ނާޅާނެއެވެ. އުރްދުޣާން ވިދާޅުވި ގޮތުގައި ޔޫރަޕްގެ ބައެއް ޤައުމުތަކުން އެދުނު އެދުމަށް ޔޫރަޕްގެ އިއްތިޙާދުން އިޖާބައެއް ނުދިނެވެ. އެއީ އެދުނުއެދުން ޙައްޤު އެދުމަކަށް ނުވާތީއެވެ. ހަމަވިސްނުން ލިބިފައިވާ ޤައުމުތަކުން މި ނުބައި ކުޅިގަނޑު ވަނީ ފާސިދުކޮށްލައިފައެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުންގެ ތެރެއިން ޖަރްމަނާއި ސްޕޭނަކީ ތުރްކީންނާ ދެކޮޅަށް ފަރަންސޭސީންނާއި ޔޫނާނީން ހުށައަޅައިފައިވާ ހުށައެޅުންތަކާ ދެކޮޅު ހެދި ބޮޑު ދެ ބާރެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ނުފޫޒު ތުރްކީގެ މައްޗަށް ވަނީ ގެއްލިފާ
ތުރްކީގެ މަރްމަރާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޒުޙަލު މަރްތު އޮޒޯނަރު ވިދާޅުވާ ގޮތުގައި ޔޫރަޕްގެ ގިނަ ޤައުމުތައް ބުނާގޮތުގައި އެ ޤައުމުތަކުން ތުރްކީއަށް ވެފައިވާ ވަޢުދުތަކެއް ނުފުއްދައެވެ. މިކަމާ ހެދި ޔޫރަޕްގެ އިއްތިޙާދުން ތުރްކީގެ މައްޗަށް ފޯރުވާނެ އެއްވެސް ނުފޫޒެއް ނެތެވެ. ތުރްކީން އަބަދުވެސް ގޮވައިލަމުންދަނީ ޔޫރަޕްގެ އިއްތިޙާދުގައި އެ ޤައުމު ބައިވެރި ކުރުމަށެވެ. އަންކަރާ ބުނާގޮތުގައި ތުރްކީގެ ކުރިމަގު އޮތީ ޔޫރަޕްގެ އިއްތިޙާދުގެ ތެރޭގައެވެ. ޖަރްމަނުގެ މުސްތަޝާރާ މަރކްލް ވިދާޅުވާ ގޮތުގައި ތުރްކީއާއެކު ޔޫރަޕުން ވަނީ އެތައް އެއްބަސްވުންތަކެއްގައި ސޮއކޮށްފައެވެ. އެކަމަނާ ހާމަކުރެއްވި ގޮތުގައި ތުރްކީއާ ޔޫނާނާ ދެމެދުގައި ވާހަކަ ދެއްކުމުގެ ދޮރު ބަންދުކުރެވިގެން ނުވާނެއެވެ. ބަރލިންގައި ބޭއްވުނު ލީބިޔާއާ ބެހޭ ބައްދަލުވުމުގައި ތުރްކީއާއެކު ވާހަކަދެއްކުމުގެ ދޮރުތައް ހުޅުވާފައި ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ގިނަ ޤައުމުތައް ބުނާގޮތުގައި މެޑިޓެރޭނިއަން ކަނޑުގައި ޔޫރަޕްގެ ބާރު ވަރުގަދަ ބާރަކަށް ހެދުމަށް ޓަކައި ތުރްކީއަށް ބޭނުންވެއެވެ.
ޔޫރަޕަށް ތުރްކީގެ ގުޅުން މުހިއްމު
ތުރްކީގެ ޕަޝްކަންތު ޔުނިވަރސިޓޫގެ ޕްރޮފރސަރެއް ކަމުގައިވާ ޚަލޫޤު ޤާރުދާޣު ވިދާޅުވާ ގޮތުގައި ތުރްކީއާއެކު ޔޫރަޕްގެ އިއްތިޙާދުން ޤާއިމުކޮށްފައިވާ ކަސްޓަމު ޓެކްސްއާ ބެހޭ އެއްބަސްވުން އުވާލުމުގެ ވަގުތު އަތުވެއްޖެ ކަމަށް ޕެރިހުން ގޮވައިލައެވެ. އެހެނަސް މިއީ ޔޫރަޕްގެ ސަމިޓުން އެކަމާ ދެކޮޅު ހެދި ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ޔޫރަޕްގެ ޤައުމުތަކާ ތުރްކީއާ ދެމެދުގައިވާ ވިޔަފާރީގެ ގުޅުންތަކަކީ ވަރަށް ވަރުގަދަ ގުޅުންތަކެކެވެ. މި ގުޅުމުގެ ބަދަހިކަމުގެ ސަބަބުން ޔޫރަޕަށް މި ގުޅުން ކަނޑައިލަން ވަރަށް ދަތިވާނެއެވެ. ފަރަންސޭސި ރައީސް މެކަރޯން ތުރްކީއާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތަކީ ސިޔާސީ ސަބަބުތަކަކާ ހެދި ގެންގުޅުއްވާ ސިޔާސަތެކެވެ. އޭނާ ވިދާޅުވި ގޮތުގައި "ތުރްކީގެ ނިރުބަވެރި ޕީކޭކޭ ޖަމާޢަތަށް ޕެރިހުން ވާގިވެރިވާ ވާގިވެރިވުމާއި ސޫރިޔާއާއި ލީބިޔާގައި މެކަރޯންގެ ސިޔާސަތަށް ލިބިފައިވާ ނާކާމިޔާބީއާއި އަރްމީނިޔާ ޙިމާޔަތް ކޮށްދިނުމުގައި މެކަރޯން ނުކުޅެދުންތެރިވެވަޑައިގެންފައިވާ ވަޑައިގަތުމާއި އެންމެފަހުން އަޒަރްބައިޖާން އަތުން އަރްމީނިޔާ ބަލިވިބަލިވުމުން އެނގެނީ ރައީސް މެކަރޯން ސިޔާސީ މައިދާނުގައ ވެއްޓިވަޑައިގެންފި" ކަމެވެ. މީގެ އިތުރަށް ކޮރޯނާ ވަބާ ކޮންޓްރޯލް ކުރުމުގައި ވެސް ޕެރިސް ވަނީ އިނދަޖެހިފައެވެ.



advertisment