ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ޚިދުމަތްތައް ތަޢާރަފުކުރުމަށް މިއަދު ސެނަހިޔަގައި ބޭއްވި ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ)ގެ ޗެއަރޕާސަން ފާތިމަތު ފިރާޝާ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިއީ ސެނަހިޔައިން މުޅިން އަލަށް ދޭން ފެށި ޚިދުމަތެކެވެ. މީގެ އިތުރުން ލެބޯޓްރީއަށް ގެނެސްފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް ހަތަރު ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް ތަރައްޤީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުވާފައެވެ. މި ނޯޓިސް ބޯޑް ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ވައިސް ޗެއަރޕާސަން އައިމިނަތު ދިހުޝާނާއެވެ.



advertisment