Support Us

އަމީން މަޖިލީހުގެ ކޮމިޓީއެއްގައި އިއްޔެ  -ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންމެ ފަހުން އަމީން އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓަރުކަމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފިއެވެ.

އަމީން އިސްތިއުފާ މި ދެއްވީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހަދައިފައިވާ ކަމަށް އޮޑިޓް ރިޕޯޓުންނާއި އޭ.ސީ.ސީގެ ތަހުގީގަށް ސާބިތުވެ، ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) ގެ އޮފީހަށް ފޮނުވުމުން، ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ، އަމީނާއި ހެލްތުގެ ބިޑް ކޮމިޓީގެ 10 މެމްބަރުންގެ މައްޗަށް ދައުވާނުކުރާން ޕީ.ޖީން އިއްޔެ ނިންމުމާ ގުޅިގެން، އަމީންގެ އިތުބާރު ނެތް ކަމަށް އެމް.ޑީ.ޕީގެ މަޖިލިސްގެ މެމްބަރުން އެ މައްސަލަ މަޖިލީހަށް އިއްޔެ ވެއްދުމާއެކުގައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ 24 މެމްބަރަކު ސޮއިކުރައްވާ އެ މައްސަލަ މަޖިލީހަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ހުށަހަޅާފައި މިވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އަމީންގެ އިތުބާރު އޮތްތޯ ބެލުމަށް އެ ޕާޓީ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން 31 ވޯޓުން އަމީންގެ މައްޗަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައި ވަނިކޮށެވެ. އިތުބާރު ނެތް ކަމަށް 27 މެންބަރުން ވަނީ ވޯޓްދެއްވާފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަވާ ކަމަށް އަމީން ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން އަމީނަށް ދެއްވަނީ، 17 ނޮވެމްބަރު 2018

ނޮވެމްބަރު 17، 2018 ގައި ހެލްތު މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އަމީން މިއަދު އިސްތިއުފާ ދެއްވި ނަމަވެސް، ވެންޓިލޭޓަރުގެތަކުގެ އޮޑިޑް ރިޕޯޓު ނެރުމާ ގުޅިގެން، 17 އޯގަސްޓް 2020 އިން ފެށިގެން އަމީން ހުންނެވީ ރަސްމީ މަސައްކަތުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވެ.

އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް މިރޭ ފޮނުއްވި ސިޓީގައި އަމީން ވިދާޅުވީ، "މިނިސްޓަރ އޮފް ހެލްތުގެ މަޤާމުގައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރުމަށް ދެއްވި ފުރުޞަތަށް އިޚްލާސްތެރިކަމާއިއެކު (ރައީސަށް) ޝުކުރު ދަންނަވާ" ކަމަށެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދަކުން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށިފައިވާ މަސައްކަތަށާއި ޚިދުމަތް ލާމަރުކަޒީ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބެމުންދާ ކުރިއެރުން ފާހަގަކުރައްވާ ކަމަށެވެ.

"ހަމަ އެހެންމެ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމުގައި ދެކެމެވެ. އަދި އެ މަސައްކަތުގައި އިސް ދައުރެއް އަދާކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރެވުނީތީ އެކަމާއި ފަޚުރުވެރިވަމެވެ. އަދި މިނިސްޓްރީ އޮފްހެލްތުގެ އެންމެހާ މުއައްޒަފުންނާއި އެންމެހާ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުންގެންދަވާ ބުރަ މަސްކަތަށް ތާއަބަދު ޝުކުރު ހައްގުމަކުގައި ދެކެމެވެ." އަމީން ވިދާޅުވެފައިވެއެވެ. "ކޮވިޑާއިއެކު ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ރާއްޖެއަކީ ސިޔާސީގޮތުން ހަލަބޮލި ޤައުމެކެވެ. ވާދަވެރިކަންވެސް ބޮޑު ޤައުމެކެވެ. ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޤައުމަށް ލިބެންޖެހޭ ހަގީގީ ކުރިއެރުމަށް އެތައް ހުރަސްތަކެއް ކުރިމަތިވެއެވެ. މަނިކުފާނުގެ ވެރިކަމުގެ އުއްމީދު ގުޅިފައިވަނީ އަންނަން އޮތް އެތައް ޖީލަކާއެވެ. އެހެނަސް މިކަމަށް ހުރަސްއެޅުމަށް، އުއްމީދު ނެތިކޮށްލުމަށް އަދި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެއެވެ. ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގައެވެ."

ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވަން ރައީސް ސޯލިހު ދަރުބާރުގޭގައި، އަރިހުގައި ހެލްތު މިނިސްޓަރު އަމީން

އަމީންގެ އިސްތިއުފާގެ ސިޓީ ނިންމާލައްވަމުން ވިދާޅުވެފައި ވެއެވެ. "އަޅުގަނޑު މަގާމުން ދުރުކުރުމަށް، ވާންކުރާކުރުމަކީ، ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ޙާލަތު އަޅުގަނޑަށް ވަޒަންކުރެވުނެވެ. އެހެންކަމުން މި ޙާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރެވޭތީ، މިއަދުން ފެށިގެން މިނިސްޓަރ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ. ސިއްހީ ދާއިރާއަށް މަނިކުފާނު ކޮށްދެއްވާ ޚިދުމަތާއި، ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަމެވެ."

އަމީނަކީ ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި އިސްތިއުފާ ދެއްވި ތިން ވަނަ ވަޒީރެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ދެން، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ، އޮފީސް މުވައްޒަފުންނާ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތުހުމަތުގައި، އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އެންގެވުމުން، އިސްތިއުފާ ނުދެއްވުމުން، މަގާމުން ވަކި ކުރައްވައިފައެވެ.

އަމީނާއި އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓުގައި ތިއްބެވި ދެ ބޭފުޅުންނެވެ. ޝިދާތާ ފުރުއްވީ އަދާލަތުގެ ސްލޮޓެކެވެ. އާތިފާ، އެމް.އާރް.އެމްގެ ސްލޮޓެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *