Support Us

ކޮވިޑް19ގެ ކަންތައްތަކުގައި މިނިސްޓަރ އަމީން ދަރުބާރުގޭތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓަރު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ:

ޕީ.ޖީ ގްރޫޕުގެ މެޖޯރިޓީއާ ދެކޮޅަށް އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު އޮތް ކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ގެ މެޖޯރިޓީ ވޯޓުން ނިންމާފައި ވަނިކޮށް، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ 24 މެމްބަރަކު ސޮއިކުރައްވާ އެ މައްސަލަ މަޖިލީހަށް މިއަދު ހަވީރުގެ ވަގުތެއްގައި ހުށަހަޅާފައި މިވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އަމީންގެ އިތުބާރު އޮތްތޯ ބެލުމަށް އެ ޕާޓީ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން 31 ވޯޓުން އަމީންގެ މައްޗަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައި ވަނިކޮށެވެ. އިތުބާރު ނެތް ކަމަށް 27 މެންބަރުން ވަނީ ވޯޓްދެއްވާފަ އެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލަހަށް ވައްދަން ފުރަތަމަ ސޮއިކުރެއްވި ހަ މެމްބަރުން

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެ ބައްދަލުވުމުގެ ތެރޭގައި ވެސް ބައެއް މެންބަރުން ވަނީ އަމީނާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިސްގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނެއެވެ. އަދި އެމައްސަަލަ މަޖިލީހަށް ވެެއްދުމަށްފަހު ޕީޖީ ބައެއް މެމްބަރުން ދަނީ ވައްކަމާއި ހިޔާނާތާ ދެކޮޅަށް ތެދުވާނެ ކަމަށް ބުނަމުންނެވެ.


ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންނާ އެކު އެ މިނިސްޓްރީގެ އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަންއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އަނބުރާ ފޮނުވާލާފަ އެވެ. އެ މައްސަލަ އަނބުރާ ފޮނުވާލެއްވީ އެ މައްސަލާގައި ކޯޓުގައި ދައުވާކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ޕީ.ޖީ ގްރޫޕުގެ ވަޓްސްއަޕް ގްރޫޕުތެރޭގައި ވެސް ވަނީ ވަރަށް ފޯރިގަދަވެފައެވެ. އެ ގްރޫޕުގެ ޒުވާބެއްގެ ޗެޓްލޮގެއް ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގައި ވާހަކަ ދައްކަވާފައި ހުރީ ރައީސް ސޯލިހަށް ވަފާތެރި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި މަޖިލިސްގެ ރައީސް ނަޝީދެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހަދައިފައިވާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ބިޑް ކޮމިޓީގެ 11 މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *