ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާ އެކު އެ މިނިސްޓްރީގެ އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލީ އެ މައްސަލާގައި އެއްވެސް މީހެއްްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި އޮޅުވާލުމާއި މަކަރު ހަދައިފައިވާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ބިޑް ކޮމިޓީގެ 11 މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ އޭސީސީން ފޮނުވި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ލިޔެކިއުންތަކަށް ބަލާއިރު ޕީޖީ އޮފީހަށް ފާހަގަކުރެވިފައިނުވާތީ ކަމަށެވެ. އަދި އޭސީސީން ފޮނުވާފައިވާ މައްސަލާގައި ހުރީ މުޅިންވެސް އިދާރީ ގޮތުން ފާހަގަކުރެވިފައި ހުރި މައްސަލަތަކެއް ކަމަށާއި އެއްވެސް މީހަކަށް މާލީ ގޮތުން މަންފާއެއް ހޯދައިދީފައިވާކަން ނުވަތަ ލިބިފައިވާކަން އޭސީސީގެ ތަހުގީގުން ސާބިތުކޮށްދެވިފައިނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މި މައްސަލާގައި އޭސީސީއާއި ފުލުހުންނާ އިތުރަށް މަޝްވަރާކުރައްވާނެ ކަމަށާއި މި މައްސަލާގައި ޕީޖީން ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކޮށް އަލުން ހުށަހެޅުމުން ދައުވާނުކުރަން ނިންމި ނިންމުން ބަދަލުކުރައްވާނެ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބޭނުންވާ 75 ވެންޓިލޭޓަރެއް ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގްއާ ހަވާލުކުރުމުގެ މައްސަލާގައި ހެލްތް މިނިސްޓަރ އަމީންގެ އިތުރުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ/ ހަނދުވަރީވާދީ އާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ، ކ.ގުރައިދޫ/ ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ އާއި، ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި، އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ، ފާޠިމަތު ލިމްޔާ އާއި ފައިނޭންސް އެގްޒެކްޓިވް ތ.ކިބިނދޫ/ ބޯގަންވިލާ، އަހުމަދު އަސްލަމް އާއި ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު އާއި ހެލްތުގެ ލީގަލް އޮފިސަރ، ފެއަރީގާރޑެން/ ލ.ގަން، އަލީ ޝިހާމްގެ އާއި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރ، މުޝްތަރީގެ/ ހއ. ދިއްދޫ ޢަބްދުﷲ ހަފީޒް އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހ. ޝާޒް، ހުސައިން ނިޔާޒްގެ އިތުރުން ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އަބްދުﷲ ޝަރީފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ހުށަހަޅާފަ އެވެ.



advertisment