Support Us

ކޮލަމް: މިނިވަން ވިންދުން

ބިދޭސީ ރަޙްމަތްތެރިޔާގެ ސުވާލު: ޖަވާބަކީ ކޮބައިބާ؟

ބައެއް ކަންކަން ހިނގާ ވަގުތާ މެދު ފިކުރުކޮށްގެން ވެސް ހޭލުންތެރީން އެތައް ކަމެއް ދެނެގަނެއެވެ. އެތައް މާނައެއް އެތައް ދޭހަޔެއް ލިބިގަނެއެވެ. އެ ކަމެއްގައި ބައިވެރިވި މީހުންގެ ޚިޔާލަށް ވެސް ނާންނަ ފުން ޙަޤީޤަތްތަކެވެ. ބައެއް ފަހަރަށް އެ ކަންކަން ވަނީ ޤައުމުޤައުމުގެ މުޅި ޙާލަތު ބަދަލުކޮށްލަން ފުދޭވަރު ފިލާވަޅުތަކަށެވެ.

މި ލިޔުމުގައި އަޅުގަނޑު މި ހުށަހަޅައިލަނީ އަޅުގަނޑާ ކުރިމަތިވި މި ފަދަ ތަޖުރިބާއެކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މަޝްހޫރު މިނިވަން ފަންސާހަށް ދުވަސް ގުނަން ފެށީ އޭގެ އެއް އަހަރު ކުރިންނެވެ. މިނިވަން ދުވަހެއްގެ މުނާސަބަތުގެ ތެރެއިންނެވެ. މިނިވަން ދުވަހުގެ ޚާއްޞަ ރައްމިއްޔާތުތަކުގެ ތެރެއިން އެންމެ ޚާއްޞަ ކަމަކަށް ޒަމާނުއްސުރެ އޮންނަނީ ދިދަނެގުމެވެ. ފަހަކަށް އައިސް އެއީ ޤައުމީ ބޮޑު ދިދަ ނެގުމެވެ. ވަރަށް ފުން ލޯބީގެ ވަގުތުކޮޅެކެވެ. އިޙްތިރާމުގެ ހިނދުކޮޅެކެވެ. ޙަމްދާ ޝުކުރުގެ ލަހުޒާއެކެވެ.

މި ދެންނެވި ފަހަރު މިނިވަން ދުވަހާ ދިމާވީ ރަމަޟާން މަހާއެވެ. އެހެންކަމުން ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ކުރިޔަށް ދާނީ ރަމަޟާން މަހުގެތެރޭގައި ދޮގެއްތޯއެވެ؟ އެކަން އޮތީ އެހެނެވެ. އެކަމަކު ކުރީގެ އަހަރުތަކާ ވަރަށް ބޮޑުތަން ތަފާތުކޮށެވެ. އެހެންނާ ކަންކުރާ ގޮތަކީ ފަތިހު ހައެއް ޖަހާ އިރު ދިދަ ނެގުމެވެ. ނަމަވެސް މި ދެންނެވިހެން ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރުގެ ކުރިޔަށް އޮތް އަހަރު އެކަން ކުރީ މެންދަމު ބާރަޖެހިއިރުއެވެ.

ރާއްޖޭގައި ތަޢުލީމު ދޭ މުއައްސަސާއެއްގައި އިސްކޮށް ހަރަކާތްތެރިވާތާ ފަނަރަވަރަކަށް އަހަރުވެފައިވާ ބޭރުގެ ރަޙްމަތްތެރިއެއް އަޅުގަނޑުގެ ހުރެއެވެ. އެހެން ދެތިން ބަހަކާއެކު ދިވެހި ބަސް ވެސް ލިޔަން ކިޔަން ހަމަ ރަނގަޅަށް ދަނެއެވެ. ދިވެހި ރާއްޖޭގެ އެތައް ރަށެއް ދިވެހީންގެ އެތައް ސިފައެއް ހިތުދަހެވެ.

ބޭރުގެ މި ރަޙްމަތްތެރިޔާ އަޅުގަނޑާ ކުރި ސުވާލެވެ. މެންދަމު ބާރަޖަހާ އިރު ދިދަ ނަގަނީ ކީއްކުރަން ހެއްޔެވެ؟ އެކަަހަލަ ކަމެއް ކުރަން އެއީ ކޮން ވަގުތެއް ހެއްޔެެވެ؟ އަޅުގަނޑު ބުނީމެވެ. ރޯދަ މަސްކަމަށް ވާތީ އެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގޮތުން ޙަރަކާތްތައް ރާވާން އޮންނަ ކޮމިޓީއެއް އެ ދުވަސްވަރު ދާޚިލީ ވުޒާރާގައި އޮވެއެވެ. ބޭރު މީހާ އަޅުގަނޑާ އެ ކުރިމަތި ކުރި ސުވާލު އެ ކުރީ މި ދެންނެވި ކޮމިޓީގެ ތެރޭގައި އަޅުގަނޑު ވެސް ގޮނޑިއެއްގައި ބައިންދަވައިފައި އިންނަކަން އޭނާއަށް އެނގޭތީއެވެ. އަދި އެ ސުވާލުގެ ޖަވާބު ވެސް އޭނާގެ ހިތުގައި އޮތީތީއެވެ. އެ ކަން އަޅުގަނޑަށް ވެސް އިޙްސާސްވިއެވެ.

އަޅުގަނޑު އޭނާއަށް ބުނީމެވެ. ވަގުތާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަހަންނަށް އިވިފައި އޮތް ހިސާބުގައި އެ ވަގުތު އެ ގޮތަށް ނިންމި އެއް ސަބަބަކީ ރޯދަ މަސްކަމަށްވެފައި ހެނދުނު ގިނަ ބަޔަކަށް ހޭނުލެވޭނެތީއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަކީ ކުޑަކުދީންނަށް ވެސް ވަރަށް އުފާވެރި ރަސްމިއްޔާތެކެވެ. އެ ކުދީން ގޮވައިގެން ބެލެނިވެރީން އެ ރަސްމިއްޔާތަށް އަންނަން ބޭނުންވާނެއެވެ.

އެ ހިސާބުން ރަޙްމަތްތެރިޔާގެ މޫނުމަތީގެ ކުލަވަރާއި އަޑުގެ ރާގު ހަމަ ކުއްލިޔަކަށް ބަދަލުވިއެވެ. ވަރަށް ބާރު ހުރި ގޮތެއްގައި އަޅުގަނޑާ ހަތަރުކަޅި ހަމަކޮށްލައިފައި ބުންޏެވެ. އެ ބައެއްގެ އަމިއްލަ ޤައުމުގެ މިނިވަންކަމުގެ ދިދަ ނަގާ މަންޒަރު ބަލަން ހޭނުލެވޭ ރައްޔިތަކަށް މިނިވަންކަމެއް ބޭނުންވޭ ހެއްޔެވޭ؟

އަޅުގަނޑަށް ވީ ހަމަ ތިޔަ ކިޔުންތެރިޔާއަށް ވެސް ތިޔަ ވީ ގޮތެވެ. ދިވެހި ފަސްގަނޑަށް އުފަންވެ ދިވެހީންކަމުގެ ދަޢުވާ ކުރަމުން މި ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

ރަޙްމަތްތެރިޔާގެ ވާހަކައިގައި ކުއްލި ހަލުވިކަމެއް އުފެދިއްޖެއެވެ. އޭނާ ކިޔަމުން ގެންދިޔައެވެ. ދިވެހީން މީ ކިހިނެއް އުޅޭ ބައެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. މި ތަނަށް (އޭނާ ވަޒީފާ އަދާކުރާ މަރުކަޒަށް) ކިޔަވަން އަންނަ ކުދީން ވެސް އެ މީހުންގެ ރާއްޖެއެއް ނުދަނެއެވެ. ދެން ތިޔަ ބުނަނީ ރޯދަ މަހުގެ ވާހަކައެވެ. ރޯދަ މަހަކީ ކީއްކުރަން އޮންނަ މަހެއް ހެއްޔެވެ؟ ރޯދަ ހިފުމަކީ ކޮޮބައިހެއްޔެވެ؟ އެއީ ރޭގަނޑު ކޮފީބޮއިގެން ހޭލާ ތިބެފައި ދުވާލު މެންދުރުވަންދެން ނިދަން ތިބުމެއް ނޫނެވެ. އަހަރެންނަކީ އިސްލާމެއް ނޫނެވެ. އެކަމަކު އަހަރެން ދަންނަ ގޮތުގައި ރޯދައަކީ ޑިސިޕްލިންކުރަން ޑިސިޕްލިން ވާން އޮތް އެއްޗެކެވެ. އެއީ މުރާލިކަމާއި ހީވާގިކަމުގެ ފިލާވަޅެކެވެ. ތިމަންނައަށް ރޯދަ މަހު ރާއްޖެ ފެންނަނީ އެވެނި މިވެނި ކަހަލަ ކްލަބެއްގެ ގޮތަށެވެ. ވަރަށް ގިނަ ޒުވާނުން ރޭގަނޑު ހޭލައި މަޖާކޮށްކޮށްފައި ދުވާލު ނިދަނީއެވެ.

ލިޔުން ކުރުކޮށްލާނަމެވެ. ހަގީގަތުގައި ވެސް މިއީ ހަމަ ބޭރު މީހަކު ދެއްކި ވާހަކައެވެ. ނޫނެކެވެ. މި މޭރުމުން އޭނާ ދެއްކި ވާހަކައިގެ ވެސް އެއްބައެވެ. ދެން އޭނާ ވާހަކަދެއްކީ ދިވެހީން ތަޢުލީމު ދޭ ގޮތުގެ މައްޗަށެވެ. އޭގެ ނަތީޖާގެ މައްޗަށެވެ. ރާއްޖޭގައި އޮތް އާދަޔާއި ޚިލާފު ރީތި ސަގާފަތާއި ރާއްޖޭގެ ރަށްރަށުން ލިބޭ ރަހަތަކާއި ދިވެހީންގެ ޚާއްޞަ ސިފަތައް ގެއްލިގެން ދިޔުމުން ދެންވާނެ ގޮތުގެ މައްޗަށެވެ. ވަރަށް ބާރު އެޅި އެއް ނުކުތާއަކީ އަތުން ފައިން ކަމެއް ކުރަން ދަންނަ ޖީލެއް ނޫފެދޭތީ އެކަމާ ވިސްނުމަށެވެ. މަދަރުސާ  ނިންމާފައި ތިމަންމެން ތިމަންގެ ރަށުގައި ޖެހެނީ ސިފައިންގޭގައި ދެ އަހަރު ހޭދަކުރާށެވެ. ދުނިޔެ އުޅެން ދަސްކުރާށެވެ. ބުރަ ތަމްރީނުތަކަށް ހޭނި އަމިއްލަޔަށް އުޅުމުގެ ގާބިލުކަން ލިބިގަންނާށެވެ. ރާއްޖޭގައި އެކަން އެ ގޮތަކަށް ނުފެނެއެވެ. ފުންކޮށް ވިސްނުމާ ކަންކަން އަޅައިބެލުމުގެ ގާބިލުކަން ދިވެހި ޒުވާނުންގެ ކިބަޔަކުން ނުފެނެއެވެ. ކޮލެޖު ނިންމާ ބަޔަކު އެ ނިންމާ އިރު ވެސް އުޅެނީ ކިންޑަގާޓެންގައެވެ. ރާއްޖޭގެ މި އޮއް ބޮޑު ޒުވާން އާބާދީގެ ކުރިމަގުގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެހެންވީމާ ދެން ގައުމަށް ވާނީ ކިހިނެއް ހެއްޔެވެ؟

ކޮންމެޔަކަސް ޤައުމީ ދުވަހު ލިޔުމެއް ލިޔެލަން ލިބުނު ފުރުޞަތުގައި މި ލިޔެލީ ދިވެހި ގައުމާ ބެހޭ ގޮތުން ބޭރު މީހަކު އަޅުގަނޑާ ދެއްކި ވާހަކަތަކެއް އޭނާގެ މާނަތަކުންނެވެ. އޭނާގެ ސުވާލު އަދި ވެސް ހަނދާނަށް ގެންނަމާ ތޯއެވެ؟ މިއަދަކީ ޤައުމީ ދުވަހެވެ. ޤައުމާ މެދު ވިސްނުމުގެ ދުވަހެވެ. ދޮން މީހާގެ ސުވާލަކީ މިއެވެ. އެ ބައެއްގެ މިނިވަންކަމުގެ ދިދަ ނަގާ މަންޒަރު ބަލަން ހޭނުލެވޭ ރައްޔިތަކަށް ކީއްކުރާ މިނިވަންކަމެއް ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. އަސްލު މީލާދީ ކަލަންޑަރުގައި ދުވަސް ފެށެނީ ރޭގަނޑު 12 ޖަހާއިރު ކަމަށް ވާތީއޭ ވިދާޅުވި ނަމަ، އެހެން ނުވީހެވެ. ނުބައި ޖަވާބެއް ދެއްވުނީމާ ގިނަ ސުވާޅުތައް ކުރީތާއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *