Support Us

ކޮވިޑްގައި މަރުވި މީހަކު ހުޅުމާލޭ ސަހަރާގައި ވަޅުލަނީ -އަދިވެސް ފޮޓޯ

ކޮވިޑް ޖެހިގެން 36 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް19 ޖެހިގެން އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 36 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ހެނދުނު އުމުރުން 67 އަހަރުގެ ފިރިހެނެއް މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ. މިދިޔަ ހަފްތާގައި ވެސް އުމުރުން 56 އަހަރުގެ އަންހެނަކު ވަނީ މިބަލި ޖެހިގެން މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެފަހަރު މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު 11،154 އަށް އަރާފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 9،995 އެވެ. އައިސޮލޭޝަން ތަކުގައި 384 މީހަކު ތިބިއިރު ހޮސްޕިޓަލްތަކުގައި 49 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާން ފެށީ މިދިޔަ އޮގަސްޓް މަހު އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަން ފަށައިފައިވާ ފިޔަވަޅުތަކާ އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަދި އެއާ އެކު ބަލިކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8 އިން ފަތިހު 5 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ރޭގަނޑު 11 އިން ފަތިހު 4 އަށް ބަދަލުކޮށްފަ އެވެ.

ކޮވިޑް19 ޖެހޭ މީހުން އަދަދު ދަށަށް ދިޔަ ނަމަވެސް މިއީ ކޮންޓްރޯލްވި ކަމުގެ އަލާމާތެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލް ކުރަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮވިޑް19 އަށް ވެކްސިނެއް ނުލިބެނީސް ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް ނުދާނެ ކަމަށް ހެލްތް އެމެޖެންސީ ސެންޓަރުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *