Support Us

ދިދަޔެއްގެ ވަށައިގެން އޮތް ވާހަކައެއް…

ޤައުމީ ދުވަސްވެސް އައީއެވެ. ޤައުމީ ދުވަހުގެ ހެޔޮއެދުމުގެ ޝިޢާރުތަކާއި ހެޔޮއެދުމުގެ ތަފާތު އެކި މެސެޖުތައް އަޅުގަނޑުމެންގެ ލޮބުވެތި މާދަރީ ބަހުންނާއި ބޭރު ބަސްތަކުންވެސް، އެކި ވަޞީލަތްތަކުގެ ޒަރީޢާއިން އެކަކު އަނެކަކަށް ފޮނުވޭނޭ ދުވަސް އައީއެވެ. ޒަމާނާއި ޙާލަތުގެ ޟަރޫރަތްތަކާއި ޙާލަތުތައް ތަންދޭ މިންވަރަކުން ފަރުދީ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައިވެސް މި ދުވަސް ފާހަގަ ކުރެވެމުން ދިޔުމަކީ، އަޅުގަނޑުމެންގެ ހިތުގެ ޝުޢޫރުތައް އެކަމަށް އެދި ގޮވާތީ، ނުވަތަ ތަނުގެ މަޤްބޫލު އާދަކާދަޔަށް ކަމޭހިތުމުގެ މަގުން އެކަން ކުރަން ޖެހޭތީ، ނުވަތަ އެނޫންވެސް ސަބަބުތަކަށްޓަކައި ކުރެވެމުން ދާނެ ކަމެއްކަން ޔަޤީނެވެ. އެ ގޮތުން، މިއަހަރުވެސް ހަމަ އެހެން ކަން ހިނގަމުން ދާނެތީ އެކަމާ އަޅުގަނޑު އުފާކުރަމެވެ. އަދި ޤައުމީ ދުވަހުގެ އެންމެހައި ހެޔޮއެދުމާއި ތަހުނިޔާ، ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެ ބޭފުޅުންނަށް އަރިސްކުރަން މެއެވެ.

ފައިބެދިޔަ 2019 ވަނައަހަރަށް ނިސްބަތްވާ ނަމަކުން ނަން ކިއިގެން، މުޅި އިންސާނީ ނައުޢުގެ ދެމިއޮތުމާއި، މުޅި ދުނިޔޭގެ އިޤްތިޞާދާއި، އާދަމުގެ ދަރީން މިހައިތަނަށް ދުނިޔެ އުޅެން އާދަކޮށްފައިވާ ގޮތަށް ބޮޑު ޚަލަލެއް ގެނައި ބަލާއަފާތުން ސަލާމަތްވެ ތިބެވޭތޯ ބަލަން އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެއުކަން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެން އެ ތިއްބަވާ އެކި ފެންވަރުގެ ބޭބޭފުޅުންގެ އިރުޝާދުގެ ދަށުން އެ ހިންގަވާ މުއައްސަސާގެ އެންގެވުމަކަށް މުޅި ރާއްޖެ ފުރަބަންދަކަށް ގެންނެވި ހިސާބުން ފެށިގެން އަޅުގަނޑަށް ހުރެވުނީ ޒާތެއްގެ ގޭބަންދެއްގައެވެ. އެޔަށް ފަހު، އަޅުގަނޑުގެ އެންމެ ލޮބުވެތި، ހިތްޕުޅުހެޔޮ ޑޮކްޓަރު އަޅުގަނޑަށް ހުއްދަ ދެއްވި މިންވަރަކަށް ހުއްދަ ދެއްވަންދެން އަޅުގަނޑު އެ ބަންދުގައި ހުރެފައި، މިހާރަކަށް އައިސް ކޮންމެ ދުވަހަކުހެން ހެދުނާ އަޅުގަނޑު ބޭރަށް އެބަ ނިކުންނަމެވެ. ބޮޑުތަކުރުފާނު މަގުގައި ކުޑަކޮށް ހިނގައިލައި ހަދާށެވެ. މިގޮތަށް ނިކުންނައިރު، އަޅުގަނޑުގެ ކަންފަތަށް ޖަހައިފައި އެހުންނަ އެތިން އަޅުގަނޑު އަޑު އަހައި އުޅެނީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އަޑެވެ. އާދެ، ރޭޑިޔޯއެވެ. ދިދައިގެ ވާހަކަ ފެށެނީ އެހިސާބުންނެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ކޮންމެވެސް ޕުރޮގުރާމެއްގައި ދިވެހި ދިދަޔާ ބެހޭ ވަރަށް ކުރު، އެކަމަކު ވަރަށް މުނާސަބު ވާހަކަ ތަކެއް ހަމަ ކޮންމެ ދުވަހަކުހެން މިދަންނަވާ ގަޑީގައި އަޅުގަނޑަށް އިވެއެވެ. އަދި އެ އަޑު އިވޭ ހަމަ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހަނދާނަށް އަންނަނީ މާކުރީގެ ހަނދާނެކެވެ. ހިނގައިދިޔަ، ބައެއްގެ ކުރިމަތީގައި ވަރަށް ކުޑަކުޑަ، އެކަމަކު އަޅުގަނޑުގެ ކުރިމަތީގައި ވަރަށް ބޮޑު، ކަމެކެވެ. އަދި އެ ދުވަސްވަރު އަޅުގަނޑަށް ބޮޑު ކަމަކަށް ވާ ވަރަށް ބަޔަކު އެކަމާ އުޅުނުވެސް ކަމަކަށެވެ.

ދުވަސްވަރަކީ 1980 ގެ އަހަރުތައް ފެށުނު ހިސާބެވެ. ލުބްނާންގެ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ފުރަތަމަ ޑިގްރީއާއި ޓީޗިން ޑިޕްލޯމާ ނަގައިގެން މާލެ އައިތަނުން ސަރުކާރުން އަޅުގަނޑަށް ދެއްވީ މަޖީދިއްޔާ ސްކޫލްގެ އިނގިރޭސި ޓީޗަރުކަމެވެ. އެ ދުވަސްވަރަކީ މަޖީދިއްޔާ ސްކޫލްގައި ބިދޭސީ ޓީޗަރުން ގިނަ ދުވަސްވަރެކެވެ. ނާޡިރަކަށް ހުންނެވީވެސް ބިދޭސީ އެކެވެ. އެ ދުވަސްވަރު އަޅުގަނޑާ އެކު އެ އިސްކޯލުގައި ކިޔަވައިދެއްވަން ފެއްޓެވި، ދިވެހި ބައެއް ޓީޗަރުންވެސް ހެކިވެވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ދިވެހީން އެ ދުވަސްވަރު އެ އިސްކޯލުގައި ކިޔަވައިދިނީ ވަރަށް ބުރަކޮށެވެ. ތަނުގައި ކިޔަވައިދެނީ އެއް ދަންފަޅިޔަށެވެ. ދަންފަޅިޔެއްގައި އޮންނަނީ ނުވަ "ޕީރިއަޑް" އެވެ. އެހެން ކަމުން ހަފުތާޔަކު ފަސް ދުވަހު ކިޔަވައިދޭ އިރު، ހަފުތާއަކު ކިޔަވައިދޭން ލިބޭ އެކު ޖުމުލަ 45 ޕީރިއަޑުގެ ތެރެއިން އަޅުގަނޑު 43 ޕީރިޔަޑު ނަގައިދޭން ޖެހުނެވެ. ހަފުތާޔަކު ހުހަށް ލިބޭ ދެ ޕީރިއަޑު ވެސް ހޭދަވަނީ އެހެން މީހުން ސަލާމް ބުނީމައި އެ ތަން ފޫބައްދާށެވެ. ހަމަ އެ ދުވަސްވަރު، ހަފުތާޔަކު އެކު ޖުމުލަ 18 ޕީރިއަޑު ކިޔަވައިދީފައި އެނޫން ގަޑިގަޑީގައި "ކުރު ޗުއްޓީ" ހަދައިލައިގެން ޓިޔުޝަން ދޭން ގެޔަށް ގޮސްލައި، ނޫނީ ޓީޗަރުން އެއްވާ ކޮޓަރީގައި މަޖާކޮށްލަން ތިބޭ  ބިދޭސީ އެތައް ޓީޗަރުންނެއް ހަމަ އެ އިސްކޯލުގައި ތިއްބެވެ. އެހެން ކަމާއެކު، ދިވެހީންނާއި ބިދޭސީންނާ ދެމެދު ކުރެވެމުންދިޔަ އެ ތަފާތާއި، އަޅުގަނޑުމެން ދިވެހި ޓީޗަރުންކުރެ ގިނަ ބަޔަކަށް ހިތްދަތިކަން ގެނުވި  އެހެން ތަފާތުކުރުންތަކެއްވެސް އަޅުގަނޑުމެން އެ ދުވަސްވަރު ތަޙައްމަލް ކުރަމުން ގެންދިޔައިމެވެ.

މިދެންނެވި ދުވަސްވަރު އަޅުގަނޑު މާ ބޮޑު ޝަކުވާއެއް ނުކޮށް މަސައްކަތް ކުރަމުން ގެންދިޔައީ ޤައުމީ ރޫޙު ކުރިޔަށް ނެރެގެންނެވެ. ފަހުން އަންނަން އޮތް ދުވަސް އެ ދުވަހަށްވުރެ އުޖާލާވެފައި، ނަސްލީ-ދީނީ އިމްތިޔާޒާއި ބިދޭސީ ނުފޫޒުން ނާޡިރުކަމާއި ޓީޗަރުކަން މިނިވަންވާނެ ދުވަހެއް މުސްތަޤުބަލުގައި ދައްކަވާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑު މިހައިރުވެސް ލަފާކުރަނީ ދެން ތިއްބެވި ދިވެހި ޓީޗަރުންވެސް އެ ދުވަސްވަރު ހިތްވަރު ކުރައްވަމުން ގެންދެވީ ހަމަ އެ ރޫޙޫގައި ކަމަށެވެ. އެހެން ކަމަށް ވަންޏާ، އަޅުގަނޑުމެންގެ އެ އުންމީދު މިއަދު ޙަޤީޤަތަކަށްވެސް ވެއްޖެ ދެއްތޯއެވެ؟ އެކަމަކު އެ މެރެނީ ކުރިއެވެ.

ކޮންމެއަކަސް، އަޅުގަނޑު މިދެންނެވި ދުވަސްވަރު ހިނގި "ކުޑަކުޑަ" އެއް ޙާދިޘާ ދަންނަވާލާނަމެވެ.

ދުވަހަކީ ހަމަ މިހައިރުވެސް އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިގެންދާ ކަހަލަ ވިއްސާރަ ދުވަސްވަރެއްގެ ތެރެއިންވެސް ވައިގަދަ، ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. އަޅުގަނޑަށް ހުރެވުނީ މަތީ ގުރޭޑެއްގެ ކުލާހެއްގައި ކިޔަވައިދޭށެވެ. މިހެން ހުއްޓައި އަޅުގަނޑަށް ފެނުނީ ދާރުލް ޢުލޫމުގެ އެއް ކަނުގައި ޖަހައިފައި ހުރި ދަނޑިޔަކަށް ނަގައިފައި ހުރި ދިވެހި ދިދަޔެއް ކަނޑައިގެން ގޮސް އިސްކޯލުގެ ގޯތިތެރޭގައި އޮތް ކިލާ ފެންގަނޑަކަށް ޖެހުނު ތަނެވެ. އަދި އިސްކޯލުގެ ނާޡިރާއި ބިދޭސީ ދެތިން ޓީޗަރު އެއްކަލަ ފެންގަނޑު ކައިރިން ވަޑައިގެންނެވި ތަނެވެ. ކިލާ ފެންގަނޑަށް ވެއްޓުނު ދިދައެއް އެ ބޭބޭފުޅުންނަށް ފެނިވަޑައި ނުގަތީއެއް ކަމެއް، ނުވަތަ ފެނިވަޑައިގަތަސް އަޅުއްވައި ނުލެއްވީއެއް ކަމެއް އަޅުގަނޑަށް ނޭނގެއެވެ.

އެ ވަގުތު އަޅުގަނޑަށް އެނގުނުހައި ވެސް އެއްޗަކީ އަޅުގަނޑަކީ ދިވެއްސެއް ކަމެވެ. އަޅުގަނޑުގެ ކުރިމަތީގައި ތިބި ދަރިވަރުންނަކީވެސް ދިވެހީން ކަމެވެ. ކިލާ ފެންގަނޑަކަށް ވެއްޓުނީ ދިވެހި ދިދަ ކަމެވެ. އެހެން ކަމާއެކު، އަޅުގަނޑުމެން ކަންކުރަންވީ ގޮތް ކަމަށް އަޅުގަނޑުމެންނަށް އެވަގުތު ފެނުނު ގޮތަށް ކަން ކޮށް ނިމުނު އިރު، އަޅުގަނޑުމެނ ތިބީ ކިތާބީ ގޮތުން އެތައް ގޮތަކުން ކުށްވެރިވެފައި ކަމަށް ނާޡިރު ނިންމެވިޔޯލައެވެ.

އާދެ، އަޅުގަނޑު ކުރިހައިވެސް ކަމަކީ ވާރެޔާ ތެމިގެން ގޮސް އެއްކަލަ ދިދަ ފެންގަނޑުން ނަގައި، އިސްކޫލުގެ ވާރޭފެން ތާނގީދޮށަށް ގޮސް ދިދައިން ކިލާ ފިލުވައި ހަދައިފައި، އެދިދަ ހަމަ އިހުހުރި ދަނޑިޔަށް ރުޖޫޢަ ކުރުމެވެ. އަޅުގަނޑުގެ ފަހަތުން އެކަށީގެންވާ ޢަދަދެއްގެ ދަރިވަރުން ނިކުމެ، ހަމަ އަޅުގަނޑެކޭ އެއްފަދައިން ވާރެޔާ ތެމިގެން އެކަމުގައި ބައިވެރި ނުވެޔެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. އަދި ދިދަ ނެގުމަށްފަހު ކުލާހަށް އެނބުރި އައިސް، ދޭން ހަމަޖެހިފައި އޮތް ފިލާވަޅު އޮތް ތާނގައި ބާއްވައިފައި، ދިދަޔަކީ ކޮބައިކަމާއި، ދިދައިގެ މަޤްޞަދާއި ރަމްޒާއި، މިކަހަލަ ވާހަކަތަކެއް ނުދެއްކެޔެކޭވެސް ދަންނަވާކަށް ހަމަ ނުކެރޭނެއެވެ. ކޮންމެވެސް ހިސާބަކުން ކޮޅަށް ތިބެ ޤައުމީ ސަލާމް ނުކިޔަމެކޭވެސް ދެންނެވޭކަށް ހަމަ ނެތެވެ. އެކަމަކު، ދެން އެނޫން ކަމެއް އަޅުގަނޑު ހަމަ ނުކުރަމެވެ.

މައްސަލަ މައްސަލަޔަކަށް ވީ ދެތިން ދުވަސް ފަހުންނެވެ. އަޅުގަނޑަކީ ދަރިވަރުން ލައްވައި ޤަވާޢިދާ ޚިލާފު ކަންކަން ކުރުވައި، މަދުރަސާ ހިންގަން ދަތިކޮށް، ކުދިންނަށް މުޒާހަރާ ކުރަން ދަސްކޮށްދީ، މީސްމީހުން ނުލާހިކު ލޯބިން އެތަނަށް ކިޔަވަން ފޮނުވާ ދަރީން ވާރެޔާ ތެމެން މަޖުބޫރު ކުރުވައި، އެކަހަލަ ނޭއްގާނީ އެތަކެއް ކަމެއް ކުރާ މުޖުރިމަކަށް ވެއްޖެއެވެ. ޢުމުރުން އޭރު އަދި ވީ އެންމެ 22 އަހަރު ކަމަށް ވިޔަސް، ބޮޑެތި ބާޣީންގެ ލިސްޓަށްވެސް އަޅުގަނޑުގެ ނަން އަރާކަމަށް ވެއްޖެއެވެ. އެހެންކަމާއެކު، އަޅުގަނޑުގެ މައްސަލަ ބައްލަވައި، ފިޔަވަޅު އަޅުއްވާނީ ސީދާ ތަޢުލީމީ ވުޒާރާއިން ކަމަށްވެސް ވެ ނިމިއްޖެއެވެ. ބައެއް މީހުން ބުނެ އުޅުނު ގޮތުގައި އެ ހިސާބުން ރާއްޖޭގެ ތަޢުލީމީ ދާއިރާ އަޅުގަނޑަށް ބަންދުވާނެއެވެ.

އެހެންނަމަވެސް، އެއީ ބަޔަކު މީހުންނަށް ފެނުނު ގޮތެވެ. ކަން ވެ ނިމުނީ މުޅިން އެހެން ގޮތަކަށެވެ.

ރާއްޖޭގެ ތަޢުލީމީ ވުޒާރާ ހިންގެވުމުގެ އިސް ސަފުތަކުގައި އޭރު ތިއްބެވީ، ޚުދު އޭރުގެ ވަޒީރުވެސް ހިމެނިވަޑައިގަންނަވާ ގޮތުން، ކަމަށް ފިސާރި ޤާބިލް ބޭބޭފުޅުންނެވެ. މަޖީދިއްޔާ ސްކޫލްގެ އިސް ބައެއް މަޤާމުގައި އޭރު ތިއްބެވި ދިވެހި ބޭބޭފުޅުންވެސް ހަމަ އެފަދައެވެ. އެހެންކަމާއެކު، ވާހަކަ އެ ބޭފުޅުންގެ އަރިހަށް އުހުލުނު ގޮތް ބައްލަވައި، އައްސަވައި ހައްދަވައިފައި، އެ ބޭފުޅުން ނިންމެވީ އެ މައްސަލައިގައި އަޅުގަނޑުގެ ވާހަކަވެސް އައްސަވާށެވެ. އެހެންކަމާއެކު، އަޅުގަނޑަށް ދެއްވި ފުރުޞަތުގައި އަޅުގަނޑު ކަންކ ކުރި ގޮތާއި ސަބަބު އެ ބޭފުޅުން އަރިހު އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވީމެވެ. އެޔާއެކު އެބޭފުޅުން މައްސަލަ ނިންމެވީ ޞައްޙަ މުވާޠިނުން ނިންމަވާނެ އެންމެ ރަނގަޅު ނިންމެވުމެވެ. ދިވެހި ދިދަޔަކީ ކޮބައިކަމާއި، އެޔަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމު ދަރިވަރުންގެ ކުރިމަތީގައި ހާމަކުރެވިއްޖެ ކަމަށެވެ. ޙާދިޘާ ހިނގި ދުވަހު ދޭން ހަމަޖެހިފައި އޮތް އިނގިރޭސި ބަހުގެ ފިލާވަޅަށް ވުރެ އެ ދުވަހު ކުދީންނަށް އެ ދެވުނު ފިލާވަޅު މާ މޮޅު ކަމަށެވެ. އަޅުގަނޑުގެ މައްސަލަ ބެއްލެވި ބައެއް ބޭފުޅުން އަޅުގަނޑަށް ޝުކުރުވެސް އަދާ ކުރެއްވިއެވެ. ހިތްވަރުވެސް ދެއްވި އެވެ. އެކަމަށްޓަކައި، އަޅުގަނޑު މިއަދުވެސް މިހިރީ އެބޭބޭފުޅުންނަށް ދަރަނިވެރި ވާ ޙާލުގައެވެ.

އަޅުގަނޑު އެ ދުވަސްވަރު މަޖީދިއްޔާ ސްކޫލްގައި، މަސްރަސަތުލް ހަނިއްޔާގައި، މަދްރަސަތުލް އަޙްމަދިއްޔާގައި، އަދި މާލޭ އިންގްލިޝް ސްކޫލްގައި، ކިޔަވައިދިން ގިނަ ކުދީން މިއަދު އެތިބީ ބޮޑެތި މީހުންނަށް ވެފައެވެ. ދައުލަތުގެ އެންމެ މަތީ ފަންތީގައެވެ. އަމިއްލަ މަސައްކަތުގެވެސް ހަމަ އެ ހަމައިގައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ފައިންޕުޅު ފެންނަ ބައެއް ފަހަރު އަދިވެސް އެއްކަލަ "ދިދަ ކަނޑައިގެން ދިޔަ ދުވަސް" މަތިން ހަނދުމަފުޅު ވާ ވާހަކަ ވިދާޅު އެވަނީ އެ ބޭފުޅުންވެސް ހަމަ އެދިދަޔަށް އެހައި އިޙްތިރާމް ކުރައްވާތީ ކަމަށް އަޅުގަނޑު ބަލަމެވެ.

ތަންކޮޅެއް ކުރިން ދެންނެވުނު ފަދައިން، މިއަދު އަޅުގަނޑުމެންގެ ގިނަ އިސްކޯލު މަދަރުސާތަކުގައި އެ ތިއްބެވީ ދިވެހި ނާޡިރުންނާއި ނާޡިރާއިންނެވެ. ޓީޗަރުންގެ ޢަދަދުވެސް ހަމަ އެފަދައެވެ. އެދުވަހު އަޅުގަނޑުމެން ކަހަލަ ދެތިން "ކުދިން" ދުށް ހުވަފެން ޙަޤީޤަތަކަށް ވެއްޖެއެވެ. ދެން އޮތީ އަޅުގަނޑުމެންގެ ބެންކުތަކާއި، ސަރުކާރު ޙިއްސާވާ ބޮޑެތި އެންމެހައި ކުންފުނިތަކާއި، މިހުރިހައި ތަންތަން އިސްކޮށް ހިންގަވަން ކުޅަދާނަ ދިވެހިން ފެންނާނެ ދުވަހަކަށް އުންމީދު ކުރުމެވެ. ބޮޑެތި ކުންފުނި ތަކުގެ ހިސާބު ބަލަހައްޓާ ބިދޭސީ އެކައުންޓަންޓުންނާއި އެފަދަ އެހެން މާހިރުންވެސް އެ މީހުން އެކުރާ "ސައިޑް ބިޒްނަސް" ތައް ހުއްޓައިލަން މަޖުބޫރުވެ، އެ މަޤާމުތަކަށްވެސް އަމާނާތްތެރި، ޤައުމީ ރޫޙު ކުރިޔަށް ނެރޭ، ޤާބިލް ދިވެހީން އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ. ގިނަ ރިސޯޓުތަކާއި ހޮޓާތައް ހިންގުމުގެ އިސް ފަންތިންވެސް ދިވެހިން ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.

އެހައި ތަނަށް، ނުރަ ތުނބުޅިއެއް ލައިފައި މިހާރު މިހިރަ އަޅުގަނޑު، ހެނދު ހިނގައިލާން ނިކުމެ އުޅެނިކޮށް ހަމަ ކުޑައިކޮށް ވަރުބަލި ވެލީމައި ތޮށިގަނޑުމަތީގައި އިށީނދެލައިގެން އިންނާނަމެވެ. ކަންފަތަށް ހެޑުފޯނެއް ޖަހައިލައިގެން ރޭޑިޔޯ އަޑު އަހައިލާށެވެ. ދިވެހި ދިދައިގެ މުހިންމު ކަމާއި، އެ ދިދަ ރަމްޒު ކޮށްދެނީ ކޮންކޮން ކަންކަމެއް ކަމާއި، އެ ދިދައިގެ ފަހަތުގައި ހުރި އަގުހުރި އެތަކެއް ވާހަކަ މިހާރުވެސް  ކޮންމެވެސް ބަޔަކު ޤައުމަށް އެބަ ކިޔައިދޭކަމުގެ ޔަޤީންކަން އުފަލާއެކު ލިބިގަންނާށެވެ. މިއަދުވެސް އަންނަ ކޮޅިގަނޑެއްގައި އެ ދިދަ ކަނޑައިގެން ވެއްޓިއްޖެނަމަ، އެ ދިދަ ހުންނަންވާ ޙައްޤު މަޤާމަށް ރުޖޫޢަކުރާނެ ނޫކަށިފުރައިގެ ޒުވާނުން ތައްޔާރަށް ތިބޭނޭ ކަމުގެ ޔަޤީންކަން ލިބިގަންނާށެވެ.

އަޅުގަނޑު ތަންކޮޅެއް ދިގުކޮށް، ބައެއް ބޭފުޅުން ފަހަރުގައި ގައިކޮޅާވެސް ނުވެހިނގައިދާނެ ހައި ދިގުކޮށް މިވާހަކަތައް މިލިޔެލީ ހަމަ ޤަޞްދުގައެވެ. މާޒީގެ ހަނދާނަކާއި އަދު ގެ ޙާލަތު އެއްވުމުން ހިތުގައި އުފެދޭ އިޙްސާސްތައް އިޚްލާޞްތެރިކަމާއެކު ހިއްޞާކޮށްލުމުގެ ބޭނުމުގައެވެ.  ކޮންމެހެން "ދެފޮޅުވަތް ދޭތެރެ" ކޮށްލާކަށްވެސް ނޫނެވެ. އެހެންނޫނީ، ތަނެއްގައި ހިނގާކަމެއް ބަލަން، ފާރާލާން، ފޮނުވި މީހާ އެ ބެލި އެއްޗެއް ބަލައިފައި، އެ އިވުނުހައި އަޑުތަކެއް އަހައިފައި، އެނބުރި އައިސް އެ ރިޕޯޓު ކުރި ގޮތަށް "ކޮންމެވެސް ބޭކަލެކޭ، މޭވާޔެކޭ" ކިޔައިފައި ޚުލާޞާ ކޮށްލީމައި އެ ވީހެން ވެދާނެތީ، އެވަރުން ނުފުދޭނެހެން ހަމަ ހީވާތީއެވެ.

ކުރިޔަށް ދިވެހި ޤައުމު! ކުރިޔަށް ދިވެހި ޤައުމު!