Support Us

ކީރިތި ރަސޫލާ ޢިއްޒަތްތެރިކޮށް މާތްކުރުން

އަޅުގަނޑުމެން އިންސާނުން މިހާރު ދިރިއުޅެމުން މިދަނީ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރުއެވެ. އެހެން އިބާރާތަކުން ބަޔާންކުރާނަމަ މިއީ ދުނިޔެ ޒަމާނީވުމުގެ ފަހުގެ ދައުރެވެ. މިއީ އިންސާނީ ތާރީޚުގައި އޭނާގެ ވިސްނުމާއި ފިކުރަށް އެންމެ ބޮޑެތި ބަދަލުތައް ގެނުވި ވަގުތެވެ. މިއަދު އިންސާނުންގެ މެދުގައި ފާހަގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ ކޮންމެ ކަމަކަށް ފާޑުކިޔާ ނުވަތަ ކޮންމެ ކަމަކަށް ފާޑުކިއުމުގެ ނަޒަރުން ބެލުމެވެ. އެހެން ނޫނީ ކޮންމެ ކަމަކަށް ޝައްކާއި ވަހުމުގެ ނަޒަރުން ބެލުމެވެ. ޕޯސްޓް މޮޑްނިސްޓް ދައުރުގައި އިންސާނާގެ ފިކުރު ބަދަލުވުމަށް މެދުވެރިވި ކަންކަމުގެ ތެރޭގައި މީސްމީޑިއާއި އިންޓަނެޓްވެސް ހިމެނެއެވެ. އިންސާނާގެ ވިސްނުމަށް އައި މިބޮޑު ބަދަލުގެ ނޭދެވޭ އަސަރާއި މުސްލިމުންވެސް ކުރިމަތިލާންޖެހިފައިވެއެވެ. ޙައްސާސްކަން ބޮޑު މިދަނޑިވަޅުގައި މޮޑްނިޒަމްގެ ކުރިއަށް ޖެހިލަންޖެހެއެވެ. ނުވަތަ ދުނިޔެ ޒަމާނީވުމުގެ ކުރިން އޮތް ހާލަތަށް ބަލާލަންޖެހެއެވެ.

ޒަމާނީ ދައުރު އައުމުގެ ކުރިން (ޕްރީ މޮޑްނިސްޓް ޒަމާނުގައި) ދުނިޔޭގައި ބޮޑެތި ޙަޟާރަތާއި ޘަޤާފަތްތައް އޮތެވެ. އޭގެތެރޭގައި ހިންދުކަރައާއި ސީނު ކަރައާއި ފާރިސް ކަރައާއި ހުޅަނގުގެ ނުވަތަ ވިލާތާއި އެފްރިކާގެ ޙަޟާރަތްތައް ހިމެނެއެވެ. އެ ޙަޟާރަތްތަކުގައި އެމީހުން އިޙުތިރާމްކޮށް ގަދަރުކުރި ކަންކަން ހުއްޓެވެ. އެއީ ދުވަހަކުވެސް އެމީހުން މަލާމާތްކޮށް ހަޖޫޖަހައި މަޖަލަކަށް ހަދާފައިނުވާ ކަންކަމެވެ. އެފަދަ ކަންކަމަކީ އެމީހުންގެ ޢިއްޒަތާއި ހައިބަތުގެ ރަމްޒުތަކެވެ. އޭގެތެރޭގައި ހުރުމަތްތެރިވި ދީނީ ފޮތްތަކާއި ޤައުމީ އަބުޠާލުންނާއި ޚާއްޞަ ބިނާތަކާއި ތާރީޚީ ވާހަކަތަކާއި ޤާނޫނު އަސާސީ ހިމެނެއެވެ.

މިޒަމާނުގައި ފާހަގަކުރެވޭ އެއްކަމަކީ ޒުވާނުންގެ ވިސްނުމާއި ފިކުރު އެއްކޮށް ބަދަލުކޮށްފައިވުމެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން އިހުތިރާމްކޮށް ކަމޭހިތާ އެއްވެސްކަމެއް ނުވެޔޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. މައިންބަފައިންނަށް އިހުތިރާމެއްނުކުރެއެވެ. މަގުމަތީގެ އަދަބު ސަދަބެއްނެތެވެ. މުޖުތަމަޢުގެ އާންމު ހަމަތަކާއި އަސާސްތަކަށް ބެލުމެއްނެތެވެ. މިއީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ލޮލަށް ތަކުރާރުކޮށް ފެންނަ މަންޒަރެވެ. ފަހަރުގައި ގަބޫލުކުރަން ބޭނުންނުވިޔަސް މިއީ ހިނގަމުން މިދާ ޒަމާނުގެ ހަގީގަތެވެ. ހުރުމަތާއި ކަރާމަތަކީ އެމީހުންގެ ކުރިމަތީގައި ނުވާއެއްޗެއް ފަދައެވެ.

މިއަދު ފާހަގަކުރެވޭ އެހެން ކަމެއްވެސް އޮވެއެވެ. އެއީ އަނެކުންގެ ސަމާލުކަން ހޯދުމަށްޓަކައި ކުރަން އެންމެމޮޅު ކަމަކީ އެހެން ކަންކަމާއި ތަންތަނާއި މީހުންނަށް ފުރައްސާރަކޮށް ހަޖޫޖެހުން ކަމަށް ދުށުމެވެ. މީހުން ހުރުމަތްތެރިކޮށް ހިތާ ކަންކަމުގެ ހުރުމަތް ކަނޑަންއުޅުމެވެ. މީހުން އިހުތިރާމްކުރާ ކަންކަމަށް އިހުތިރާމްކުޑަކުރަން އުޅުމެވެ. ހުރުމަތްތެރިވެގެންވާ ކަންކަމަށް ހަޖޫ ޖަހައި އެއީ ހެއްވާ ކަމަކަށް ހަދަންއުޅުމެވެ. އެއްޗެއްގެ އަގުވައްޓާލެވުމަކީ ކުރެވޭ އެންމެމޮޅު ކަންތަކަށްވުމެވެ. ބައެއް ނޫސް މަޖައްލާތަކުގައި ހުންނަ ލިޔުމަކީ މިދެންނެވި ފަދަ މިސާލެވެ. ހަމައެގޮތަށް ނޫސް މަޖައްލާތަކުގައި ހުންނަ ލިޔުންތަކަށް މީހުން ފާޅުކުރާ ބައެއް ޚިޔާލަކީ މިދެންނެވި ބަހުގެ ހެއްކެވެ.

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރު އިންސާނުންގެ އިޙުތިރާމާއި ލޯތްބާއި ގަދަރު އެންމެބޮޑަށް އަމާޒުކުރެވިފައިވަނީ މުނިފޫހިފިލުވުމަށެވެ. ސިނާޢަތަކަށް ބަލައިފިނަމަ މިއީ މިއަދު އެންމެ ނަފާބޮޑު ވިޔަފާރިއެވެ. ޔޫޓިއުބްގައި ހުންނަ ވީޑިއޯތަކާއި ލަވައާއި މިއުޒިކަކީ މިދެންނެވި ބަހުގެ ހެއްކެކެވެ. އަދުގެ އިންސާނާއަށް އެންމެމޮޅު އެއްޗަކީ އޭނާ އެންމެ ބޮޑަށް ހެއްވާލާ ކަންކަމެވެ. އެއީ މުޅިންވެސް އޭނާގެ ފޫހިފިލުވުމަށް ހުރި ކަންކަމެވެ. ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އަބަދުވެސް ބަންގީގެ އަޑުއިވޭ ފަދައިން ދުނިޔޭގެ ކޮންމެވެސް ތަނެއްގައި އަބަދުވެސް މުނިފޫފިފިލުވުމުގެ ބޮޑު ހާދިޘާއެއް ހިނގައެވެ. އޭގެތެރޭގައި ތަފާތު ކުޅިވަރުތަކާއި މިއުޒިކާއި ކޮންސަޓް ހިމެނެއެވެ.

މީޑިއާގައި މަސައްކަތްކުރާ މީހުންނަށް މިހަގީގަތް ވަރަށް ރަނގަޅަށް އެނގެއެވެ. އެމީހުންނަށް އެނގޭ ގޮތުގައި މީހުންނަށް އެންމެ ކަމުދަނީ އެމީހުންނަށް އެންމެ ބޮޑަށް ހެވޭ އެއްޗިއްސެވެ. އެހެންވެ އެފަދަ އުފެއްދުންތައް އުފެއްދުމަކީ އަދުގެ އެންމެ ކާމިޔާބު ވިޔަފާރިއެވެ. މީހުން ހެއްވާލެވޭ ކަމަށްވާނަމަ އެލިބެނީ ފައިސާއެވެ. ފަހެ މިއީ ކިހާ މޮޅު ކަމެއް ހެއްޔެވެ! މިކަމުގެ ސަބަބުން އަދުގެ މިދުނިޔޭގައި ޢިލްމުވެރިންނާއި ފަންނުވެރިންނާއި ހިންގުންތެރިން އެމީހުންގެ މަސައްކަތް ކޮޅެއްގައި ޖެއްސުމަށްޓަކައި ބޮޑު ޚަރަދުކޮށްގެން ފިލްމު އުފައްދައެވެ. ޔުނިވަސިޓީ ތަޢުލީމުގައި ފިލްމަކީ މިއަދު މުހިންމު އެހީއެކެވެ.

މިއަދުގެ އެންމެބޮޑު ގޮންޖެހުމަކީ އަދި އެންމެ އޮޅުންބޮޅުން ބޮޑު އެއްކަމަކީ އިންސާނާ އިޙުތިރާމްކުރާ އެއްވެސް ކަމެއްނެތުމެވެ. އަމްދުން އޭނާ ކަމޭހިތާ އެއްވެސް ޝަޚުސިއްޔަތެއްނުވުމެވެ. އޭނާ މަޖަލަކަށް ޖޯކަކަށް ނުހަދާ އެއްވެސްކަމެއްނެތުމެވެ. އޭނާގެ ފުރައްސާރައާއި މަލާމާތް އަމާޒުނުވާ ހަމަ އެންމެކަމެއްވެސް ނެތުމެވެ. މިސާލަކަށް ޓީވީ ސިލްސިލާ ސެސަމް ސްޓްރީޓަށް ބަލާލަމާތޯއެވެ؟ އެމީހުން ތާރީޚީ މުހިންމު ޝަޚުސިއްޔަތު ކާޓޫނަށް ބަދަލުކޮށް މަޖާ އެއްޗަކަށް ހަދާފައިވެއެވެ. އެގޮތުން އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަން ފަދަ ބޭފުޅުން ހިމެނެއެވެ. މިކަމުގެ ބޭނުމަކީ ކޮންމެ ކަމެއް މަޖަލަކަށް ހެދުމެވެ. އެހެންވެ އަދުގެ އެންމެބޮޑު ހަގީގަތަކީ އިންސާނާ ހަޖުލަކަށް ނުވަތަ މަޖަލަކަށް ނުހަދާނެ އެއްވެސް ކަމެއް ދުނިޔޭގައި ނުވުމެވެ.

މުނިފޫހިފިލުވައިދޭ ސިނާޢަތް އެންމެ ވަރުގަދަ އެއް ގައުމަކީ އެމެރިކާއެވެ. އެމީހުންގެ ޓީވީ ސިލްސިލާ ސިމްސަންސްއަށް ބަލާލަމާތޯއެވެ؟ މިސިލްސިލާގައި ކަލާނގެއަށް ހަޖޫޖަހައި ކަލާނގެ ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކޮށްދީފައިވެއެވެ. މީގެއިތުރަށް ރަސޫލުންނާއި ނަބިއްޔުންގެ މައްޗަށް ފިލްމުހަދައި އެބޭކަލުންގެ ޢިއްޒަތާއި ހުރުމަތް ވެއްޔާއި މޮޑެފައިވެއެވެ. އެބޭކަލުން ގެންނެވި މުޢުޖިޒާތްތަކާމެދު ވެސް މީޑިއާގައި މީހުން ފުރައްސާރަކުރެއެވެ. މިއީ އަޅުގަނޑުމެން ދިރިއުޅެމުންދާ ޒަމާނީ ދައުރުގެ ހާލަތެވެ. ހަމަ ކޮންމެ ކަމެއް ޖޯކަކަށް ހަދާފައިވުމެވެ. ޢިއްޒަތްތެރިކޮށް މާތްކޮށްހިތުމަކީ މިހާރު އެކަމަށް ފުރައްސާރަކުރެވޭ ކަމެކެވެ. އެހެންވެ ޢިއްޒަތްތެރިކޮށް މާތްކޮށްހިތަން މީހުން ފަސްޖެހި ބިރުގަނެއެވެ.

މިދަނޑިވަޅުގައި ހިތާމަޔާއެކު ފާހަގަކުރަންޖެހޭ އެއްކަމަކީ ޚުދު ބައެއް މުސްލިމުން އެމީހުންގެ ދީނަށާއި ކީރިތި ޤުރްއާނަށާއި ރަސޫލުﷲ ﷺ އަށް ނިސްބަތްކޮށް ދައްކަންނުވާ ޒާތުގެ ވާހަކަދެއްކުމެވެ. ނުވަތަ ފާޑުކިއުމުގެ ނަޒަރަކުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ އާމެދު ބަސްބުނުމެވެ. އަދި އެފަދަ ވާހަކައަކީ ހެޔޮނިޔަތުގައި އިޚުލާސްތެރިކަމާއެކު ދައްކާ ވާހަކަ ކަމަށް އެފަދަ މުސްލިމުންނަށް ހީވުމެވެ. ހަގީގަތުގައި އެމީހުންނަށް ކީރިތި ޤުރްއާނާއި ކީރިތި ނަބިއްޔާ ﷺ ނޭނގޭކަން ޚުދު އެމީހުންނަކަށްވެސް ނޭނގެއެވެ. މިޒަމާނުގައި ޣާފިލުކަންވެސް ހުރީ އެފަދައިންނެވެ.

ކަންއޮތީ މިހެން ކަމުގައިވިޔަސް އެއްވެސް ރަސޫލަކަށް ނުވަތަ ނަބިއްޔަކަށް ފުރައްސާރަކޮށް ހަޖޫ ޖެހުމަކީ މުސްލިމުން ގަބޫލުކޮށް ބަލައިގަންނަ ކަމެއް ނޫނެވެ. އެއީ މުސްލިމުން ރުޅިއަރާނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ބަދުބަސް ބުނުމުން މުސްލިމުން އެކަމާދެކޮޅަށް ތެދުވުމަކީ ޠަބީޢީކަމެކެވެ. އެހެނީ އެއީ މުސްލިމުންނަށާއި އެމީހުންގެ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރުން ކަމުގައި ވާތީއެވެ. އެކަމަކުވެސް ދުނިޔޭގެ އެކި ކަންކޮޅުގައި ދޭތެރެދޭތެރެއިން މިފަދަ ނޭއްގާނީ އަމަލުތައް ހިންގައެވެ. އެފަދަ ކޮންމެ ވަގުތަކު އިސްލާމީ އުއްމަތް އެކަމަށް ކޮންމެވެސް ސިފައެއްގައި ރައްދުދެއެވެ.

ވިސްނާލުން ހުއްޓެވެ. އިސްލާމް ދީނަށް ނުވަތަ ރަސޫލުﷲ ﷺ އަށް ފުރައްސާރަކުރާ މީހުން އެކަންކުރުމުގެ އެއްބޭނުމަކީ މުސްލިމުން ރުޅިއަރުވައި އެމީހުން ކެއްކުވުމެވެ. މުސްލިމުން ލައްވައި އަތުންފައިން ގޯސްހެއްދުމެވެ. މިއީ މުސްލިމުން ހޭލަންޖެހޭ ނުކުތާއެކެވެ. ދީނުގެ ޢަދުއްވުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހިގެން ނުވާނެއެވެ. މުސްލިމުން ޢިލްމާއި ޙިކުމަތުޢަމަލީ ބޭނުންކޮށްގެން އެފަދަ މަޅިތަކުން ސަލާމަތްވާންޖެހެއެވެ. އަދި ދީނަށާއި ނަބިއްޔުންނާއި ރަސޫލުންނަށް އެމީހުން ކުރާ ފުރައްސާރައާއި ކުރިމަތިލާންޖެހެނީ ވިސްނުންތެރިކަމާއެކު ފިސާރިމޮޅަށެވެ. މިނޫންގޮތަކަށް ރައްދުދެވޭ ކޮންމެ ފަހަރަކު ހަގީގަތުގައި އެކިލަނބުކޮށްލެވެނީ އަޅުގަނޑުމެންގެ ދީނާއި އުއްމަތުގެ ތަސައްވުރެވެ.

މުސްލިމުން ދަންނަންޖެހޭ އެއްކަމަކީ ދުޝްމަނުންގެ ފޮރުވިފައިވާ މަގުސަދަކީ ފައިސާކަން ދަތުމެވެ. އެމީހުން ހަގީގަތުގައި އަޅުކަންކުރަނީ ފައިސާއަށްކަން ދަތުމެވެ. އަދި އެމީހުންގެ ބޭނުމަކީ ދީނާއި ނަބިއްޔުންނާއި ރަސޫލުންނަކީ ނުވާ އެއްޗެއްކަމަށް މީހުންނަށް ވިސްނައިދިނުމެވެ. މުސްލިމުންނަކީ ބޯދާ އަދި ބާޠިލު ޢަޤީދާއެއްގައި ތިބި ބައެއްކަން މީހުންނަށް އާންމުކޮށް ވިސްނައިދިނުމެވެ. އެމީހުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހުމާއެކު އެމަޅި ޖެހި މީހުންނަށް ބިލިއަނުން ފައިސާލިބެއެވެ. ހަމައެގޮތަށް އެމަޅީގައި މުސްލިމުން ޖެހުމާއެކު މުސްލިމުން ދުނިޔޭގައި ބަދުނާމުވެ ފަޟީހަތްވެއެވެ. މިއީ ދީނުގެ ޢަދުއްވުންގެ ބޭނުމާއި މަގުސަދެވެ. އެހެންވެ އުއްމަތުގެ ޢަދުއްވުން ހިންގާ އަމަލުތަކަށް އަޅުގަނޑުމެން ރައްދުދޭންޖެހެނީ ޙިކުމަތްތެރިކަމާއެކު ބުއްދީގެ މަގުންނެވެ. (ނުނިމޭ)